އެއްވުންތައް ރޫޅާލުމުގައި ފުލުހުންވަނީ  ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި:އެޗުއާރުސީއެމް

ފެބުރުއަރީ އެކެއްގައި ސްޕްރީމްކޯޓޫން ނެރުއްވި އަމުރުގެ ސަބަބަބުން މާލެއާއ ރަށްރަށުގައި ކުރަން ފެށި މުޒާހަރާތަތައް ވަރަށް ވަރަށް ރަނގަޅަށް މިނިޓަރ ކުރައްވަމުން ގެންދަވާ ކަމަށާއި، އެއްވުންތައް ރޫޅާލުމުގައި ބައެއް ފަހަރު ފުލުހުން ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗުއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެއްވުންތަކުގައި ބައެއް ފުލުހުންގެ އަމަލުތަކުގެ ސަބަބުން ބައެއް އާންމުންނަށާއި، ނޫސްވެރިންނަށްވެސް އަނިޔާވެފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރަށް ލެސްލީތަލް ހަތިޔާރު ބޭނުންކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ "ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދު" އާ ޚިލާފަށް ބައެއް ފަހަރު ޕެޕަރސްޕްރޭ ބޭނުން ކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފުލުހުންގެ އަމަލުތައް އެގޮތަށްހުރި އިރު އާންމުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ އަމުރުތަކަށް ތަބާނުވާކަމަށާއި، މުއާމަލާތް ކުރުމުގައި ބައެއް ފަހަރު ފުލުހުންނާއި އާންމުން އެކަށީގެންނުވާ ބަސްމަގު ބޭނުންކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރަށް އެއްވުންތަކަށް ބައެއް މީހުން ކުޑަކުދިން ގެންގޮސްފައިވުމާއި، އެއްވެފައިވާ ތަންތަނުގައި ރޭގަނޑު 12 ގެ ފަހުންވެސް އަޑުގަދަކޮށް ހުތުރުބަހުން މުއާމަލާތް ކުރުމާއި އެ ތަންތަނުގައި ސައިކަލްފަދަ އުޅަނދުތަކުގައި ތިބެ އެސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންނަށް އުދަގޫވާނޭހެން ބަރުގޮނުއަޅާ އަޑުގަދަކުރަމުންދާކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިހުރިހާކަމެއް މިގޮތަށްހުރިނަމަވެސް ފަހަކަށް އައިސް ގިނައެއްވުންތައް ސުލްހަވެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ އެއްވުންތައް ރޫޅާލުމުގައި ފުލުހުންވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިނުވާކަމަށް އެޗުއާރުސީއެމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މުޒާހަރާތައް މޮނިޓަރ ކުރެއްވުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަމަށް އެކޮމިޝަނަށް ފެންނަ ކަންކަން ފުލުހުންނާ ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.