ލަންކާގެ ކޭޑީޔޫގައި ކިޔެވުމަށް އަހަރަކު 20 ޖާގަ ރާއްޖެއަށް ދީފި

އަވަށްޓެރި ސްރީލަންކާގެ ކޮޓެލަވަލާ ޑިފެންސް ޔުނިވަރސިޓީ (ކޭޑީޔޫ) އިން އެމްބީބީއެސް ހެދުމުގެ ޖާގަ އަހަރަކު ރާއްޖޭގެ 20 ދަރިވަރަކަށް ދިނުމަށް އެތަނުން ނިންމައިފިއެވެ.

އެގޮތަށް ނިންމައި އެއްބަސްވުމުގައި އެތަނުންވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއެކު އެއްބަސްވުމުގައި މިއަދު ސޮއިވެސް ކުރައްވައިފައެވެ. މި އެއްބަސްވުމުގައި އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ. ކޭޑީޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ރިއާ އެޑްމިރަލް ޖޭޖޭ ރަނަސިންހައެވެ.

ކޭޑީޔޫއާއި ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމަކީ 5 އަހަރު ދުވަހުގެ އެއްބަސްވުމުކެވެ. ފަސް އަހަރު ނިމޭއިރު އެ ޔުނިވަރސިޓީން ޖުމްލަ 100 ދަރިވަރަކަށް ކިޔެވުމުގެ ފުރުސަތު ނުވަތަ ޖާގަ ދޭނެއެވެ.

އެމްބީބީއެސްގެ އިތުރަށް އެހެން ދާއިރާތަކުންވެސް ހެޔޮއަގުގައި ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމްބީބީއެސް ހަދާ ދަރިވަރުންނަށް އިންޓާންޝިޕް ފުރުސަތުވެސް އެޔުނިވަރުސިޓީން ހަމަޖައްސައިދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޭޑީޔޫއިން މިހާރުވެސް ދިވެހި 34 ދަރިވަރުން އެމްބީބީއެސް ހަދަމުން ދެއެވެ. އެއް ދަރިވަރަކު ބެޗްލަރ އޮފް ހިއުމަން ސައިންސް އިން ސައިކޮލޮޖީ ކިޔަވަމުންދާ ކަމަށްވެސް އެޑިޔުކޭޝަނުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.