މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަށް ދިރާގާ ހަވާލުކޮށްފި

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް އިލެކްޓްރޯނިކް ވިއުގައަކުން ގުޅައިލުމުގެ އެއްބަސްވުމެއްގައި ދިރާގާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރ އަހުމަދު ރަޝީދާއި ޕާމަނަންތް ސެކްރެޓަރީ މުސްއަބް ޢަބްދުﷲ އެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސިއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއީލް ރަޝީދާއި، ޑިރެކްޓަރ އޮފް ކަސްޓަމާ ސާވިސް އެންޑް ސޭލްސް އަލީ ރިޔާޒެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ ދިރާގުގައެވެ.

މި އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް 4 މަސްދުވަހުގެ ތެރެގާއި 700 އަށްވުރެ ގިނަ މިސްކިތުގައި އެ ވިއުގަ ގާއިމް ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ނިޒާމުގެ ސަބަބުން މުވައްޒަފުންގެ މުސާރަ ދިނުމާއި އެލަވަންސް ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިއީ މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީގެ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށްޓަކައި މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްތަކަތްތަކުގެ ތެރެއިން ކުރައްވާ ކަމެކެވެ. މި ވިއުގައިގެސަބަބުން މުވައްޒަފުން ޒިންމާދާރު ކުރުވަންވެސް ފަސޭހާވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.