ޕާޓީތަކުގެ މަޝްވަރާގައި އދ.ގެ ބައިވެރިވުން އޮތުމަށް އިއުތިރާޒެއްނެތް: ސަރުކާރު

ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި އ.ދ. އިން ބައިވެރިވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމެއް ކަމަށާއި، އ.ދ. ގެ ދައުރެއް މަޝްވަރާގައި އޮތުމަށް ސަރުކާރުގެ އިއުތިރާޒެއް އެއްވެސް އިރެއްގައި ނެތްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަށް މަޝްވަރާއަށް އައުމަށްއެދި ޕާޓީތަކަށް ދައުވަތު ދެއްވުމަށްފަ ނެރެފައިވާ ނޫސްބަޔާނުގައެވެ. އެބަޔާނުގައި ވިދާޅުވެފައިވަނީ އެ މަޝްވަރާތަކުގައި އދ. ބައިވެރިވުމަށް ސަރުކާރުގެ ތެރޭގައި ޚިލާފެއްވެސް ނެތް ކަމަށެވެ.

ސަރުކާރުން ވަނީ އެމްޑީޕީ، ޖުމްޖޫރީޕާޓީ، އަދާލަތު ޕާޓީ އަށް މަޝްވަރާގެ ދައުވަތު ދީފައެވެ. މަޝްވަރާގެ ދައުވަތު ދެއްވައި ސަރުކާރުން އިއްޔެވަނީ ޕާޓީތަކަށް ވަކިވަކިން ދައުވަތު ދެއްވައި ސިޓީ ފޮނުއްވައިފައެވެ. މިއީ މަޝްވަރާ ކުރުމަށް އެދި ޕާޓީތަކަށް ސަރުކާރުން ދައުވަތު ދެއްވި 12 ފަހަރެވެ.

ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނީ އެކުގައި މަޝްވަރާކޮށްގެން ކަމަށާއި އެކަން ކާމިޔާބު ކުރުމަށްޓަކައި އެއްވެސް ޝަރުތެއް ނުކޮށް މަޝްވަރާގެ މޭޒުދޮށަށް ވަޑައިގެންނެވުމަށް ސަރުކާރުން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާނެ ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

"ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ފަށައި، ގައުމުގައި ހިންގަމުންގެންދާ ހަމަނުޖެހުންތައް އެއްފަރާތްކޮށް ތަރައްގީއަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ފުރުސަތު ހޯދައިދިނުމުގެ މުހިންމުކަން ބޮޑުކަމަށް ސަރުކާރުން ގަބޫލުކުރާތީ، ކަމާބެހޭ ފަންނީ މާހިރުން މެދުވެރިކޮށް، ކަންކަން ކުރިޔަށް ގެންދެވޭނޭ ގޮތަކާބެހޭ ގޮތުން، އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ސަރުކާރުން ވާހަކަދައްކަމުން ގެންގޮސްފައިވާކަން މި ފުރުޞަތުގައި ސަރުކާރުން ހާމަކުރަމެވެ." އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދާ ވާހަކަ ދައްކަވާފައިވަނީ އެމަނިކުފާނަށް އިދިކޮޅުގެ ހުރިހާ ފަރާތްތަކެއް ތަމްސީލުކުރެއްވޭނޭ ކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވިދާޅުވެފައިވާތީ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ ޕާޓީތަކުގެ މަޝްވަރާގައި އދ. ބައިވެރިވުމަށް ކުރީގެ ރައީސް ނަޝީދުގެ ފަރާތުން ވިދާޅުވެފައިވާ ކަމަށެވެ. "ނަމަވެސް ފެބުރުވަރީ 2018 ގައި ކުރެވުނު މި މަސައްކަތަށް އަލިމަގެއް ފެނިފައިނުވަނީ، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހުރި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް ސަރުކާރަށް ޤަބޫލުކުރެވެއެވެ."

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.