ސިޔާދު ބަންދު ކޮށްފައިވަނީ އޭނާގެ ބައްޕައާ ދެކޮޅަށް ހެކިބަސް ނުދީގެން: ޙިސާން

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިފުޅު، އިބްރާހީމް ސިޔާދު ފުލުހުންގެ ބަންދުގައި ބަހައްޓައިފައިވަނީ އޭނާގެ ބައްޕަ (ގާސިމް) އާ ދެކޮޅަށް ހެކިބަސް ނުދީގެން ކަމަށް ގާނޫނީ ވަކީލް އަލްއުސްތާޒާ ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ހިސާން ވަނީ ފުލުހުންގެ މައްޗަށް ތުހުމަތުތަކެއް ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ފުލުހުން ބޭނުންވާ ގޮތަށް ހެކިބަސް ނުވަތަ ބަޔާންދޭ މީހުން ދޫކޮށްލުމަށްފަހު ބޭނުންނުވާ ގޮތަށް ހެކިބަސް ދޭމީހުން ހިފަހައްޓަމުން ގެންދާ ކަމަށެވެ. އޭގެ އިތުރަށް ސިއްރުން ހެކިބަސް ނިމުމާއި، އިންޓެލިޖެންސް ރިޕޯޓުގެ މައްޗައް ބިނާކޮށް މީހުން ބަންދުކުރުމަށް އެދި ހުށަހެޅުމަކީ ރަނގަޅު ގޮތެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓަކީ ލިބޭ މައުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށް ރިޕޯޓު ލިޔާ މީހާ ތައްޔާރުކުރާ ޚިޔާލީ އެއްޗެއް ކަމަށެވެ.
"ހެކިބަސް ދޭންތިބި ސިއްރު ހެކިންގެވާހަކަ އެކިތަންތަނުން އިވިގެން މިދަނީ. ސުވާލަކީ މައްސަލަތުގައި ކީއްވެގެންތޯއޭ އަބަދުވެސް ސިއްރު ހެއްކެއް އައިސްފައި ފިލައި ހުރެގެން ހެކިބަސްދެނީ. ހަގީގަތުގައި އެމީހުންނަށް އެމައުލޫމާތު ލިބިފައިވާނަމަ، އެނގޭނަމަ ހަދަނީ ތެދުނަމަ ކޮންކަމަތޯއޭ ޖެހިލުންވެ ވަޑައިގަންނަވަނީ،" އޭނާ ވިދާޅުވިއެވެ.

ހެކިބަސްދޭމީހުންނަކީ ޝަރުއީ ގޮތުންވެސް ތެދުވެރިންނަށް ވާންޖެހޭނެ ކަމަށާއި، ކޮރަޕްޝަންގެ ތުހުމަތުތައް ފަދަ ތުހުމަތު ކުރެވފައިވާ މީހުންނަކީ ޝަރުއީ ގޮތުން ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ މީހުން ނޫންކަމަވެސް ވިދާޅުވިއެވެ.
"މިކަންތައްތައް ފޮރުވުމަށްޓަކައި ތުހުމަތު ކުރެވޭމީހާގެ ދިފާއު ހުހެޅުމުގެ ފުރުސަތު ހަނިކުރުމުގެ ގޮތުން މިޒާތުގެ ސިއްރު ހެކި ފުލުހުން ހުށަހަޅަނީ،" ޙިސާން ވިދާޅުވިއެވެ.

މިހާރު ބަންދުގައި ބައިތިއްބައިފައިވާ ބައެއް މީހުން ބަންދުކޮށްފައިވަނީ އެކިމީހުންގެ މައްޗަށް ފުލުހުން ބޭނުންވާ ހެކިބަސްދޭން އިންކާރުކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ފުލުހުގެ ބެލުމުގެ ދަށަށް ގެނެސް ފުލުހުން ބޭނުންވާ ގޮތަށް ހެކިބަސްދޭ މީހާ ދޫކޮށަލަނީ. ފުލުހުން ބޭނުންނުވާ ގޮތަށް ބަޔާންދޭން ބޭނުން ނުވާމީހާ މިހުންނަކީ ބަންދުކޮށްފައި. މިސާލަކަށް ދަންނަވާނަމަ އޮނަރަބްލް ގާސިމް އިބްރާހީމްގެ ދަރިކަލުން ސިޔާދު ބަންދުކޮށްފައި އެހުންނެވީ އެބޭފުޅާގެ ބައްޕާފުޅާ ދެކޮޅަށް ހެކިބަސްދޭން އިއުތިރާޒު ކުރާތީ. ފަނޑިޔާރު އަލީހަމީދުގެ ޑްރައިވަރު އެހުންނވީ ބަންދުކޮށްފައި. އަނބި ކަނބަލުން އެއިންނެވީ ބަންދުކޮށްފައި. އެއީ ފިރިކަލުންނާ ދެކޮޅަށް ހެކިބަސްދޭން އިއުތިރާޒު ކުރާތީ،" ޙިސާން ވިދާޅުވިއެވެ.

ޙިސާންގެ މިވާހަކަތަކަށް ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން ޕޮލިސް މީޑިއާއަށް ގުޅުމުން އެއަށް އެބޭފުޅުން ކޮމެންޓެއް ނުކުރައްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.