އިންތިޚާބުގައި ވާދަކޮށްފިނަމަ ރައީސް ނަޝީދަށް 15 ޕަސެންޓްވެސް ނުލިބޭނެ- މޫސަ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުޙަންމަދު ނަޝީދަށް ވާދަކުރެއްވުމުގެ ފުރުޞަތު ދެއްވިޔަސް އިންތިޚާބުން 15 ޕަސެންޓް މީހުންގެ ވޯޓުވެސް ނުލިބޭނެ ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގައި މިރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ރައީސް ނަޝީދަކީ މުހިންމު ބޭފުޅެއް ނޫން ކަމަށާއި، އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ދެއްވިޔަސް ބޮޑުތަފާތަކުން ބަލި ކުރައްވާނެ ކަމަށެވެ.

މޫސަ ވިދާޅުވީ ރައީސް ނަޝީދު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާއިރު ޖަލުގައި ހުންނަވަނިކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވުނީ ސަރުކާރުން ފޮނުވުމުން ކަމަށާއި، ރައީސް ޔާމީން "ހެޔޮފުޅުކަމުން" ބޭރަށް ފޮނުއްވުމުން ރައީސް ނަޝީދު "ފިލީ" ކަމަށެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ކުރައްވައި މޫސަ ވިދާޅުވީ  ނަޝީދަށް މިހާރު އިނގިރޭސިވިލާތަށްވެސް އަރައިވަޑައިނުގެންނެވޭ ކަމަށެވެ. ނަމަވެސް އެކަން އަދި އެއްވެސް ފަރާތަކުން ކަށަވަރުކޮށް ދީފައިނުވެއެވެ. މޫސަ ވިދާޅުވީ ރައީސް ޔާމީނަށް މުހިންމު ބޭފުޅަކަށް ރައީސް ނަޝީދު މިހާރު ނުވާކަމަށާއި ރާއްޖެ ނުގެނެސް ބަހައްޓަވާފައި ހުންނަނީވެސް އެހެންވެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.