އަންހެނުންކުރާ "އަގުނުކުރެވޭ" ބުރަ މަސައްކަތް!

ކޮންމެ އަހަރެއްގެވެސް މާރޗްމަހުގެ އަށްވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ އަންހެނުންގެ ދުވަހެވެ. އަންހެނުންނަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ދުވަހެއް ފާހަގަކުރަމުންދަނީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގެ ބޭނުމުގައެވެ. އިޤްތިޞާދީ އިޖްތިމާއީ އަދި ސިޔާސީ ދާއިރާގައި ޖިންސުގެ ތަފާތު ކުރުމެއްނެތި އަންހެނުންނަށްވެސް ފުރުޞަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ. އަދި އަންހެނަކަށްވީތީ ކުރެވޭ ތަފާތުކުރުުންތަކާއި އަނިޔާތައް ނައްތާލުމަކީވެސް މިދުވަސް ފާހަގަ ކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ. އެހެންކަމުން އަންހެނުންނާ ގުޅޭ ވާހަކަތައް ދައްކާލާ ޚިޔާލު ފާޅުކޮށްލަން އެންމެ މުނާސަބު އެއް ދުވަހަކީ އަންހެނުންގެ ދުވަހެވެ. އެ ދުވަސް ފާހަގަ ކުރެވުނީ އިއްޔެއެވެ.

އަންހެނުންނަކީ މުޖުތަމަޢުގެ އެއްބައެވެ. މިއީ ދެބަސް ވެވެން ނެތް ޙައްޤީޤަތެވެ. ޢާއިލާއެއް ފުރިހަމަ ވުމަށްޓަކައި އެންމެ މުހިންމު ބަޔަކީ އަންހެނުންނެވެ. އަންހެނަކާ ނުލައި ޢާއިލާއެއް ފުރިހަމައެއް ނުވާނެވެ. އާޢިލާއެއްގެ އެންމެ މުހިންމު މީހުން ކަމުގައިވާ އަންހެނުންނާމެދު އިހުމާލު ވެވޭވޭނަމަ އެއާޢިލާއެއްގެ ތެރޭގައި ތަފާތު އެކި މައްސަލަތައް ނުއުފެދި ނުދާނެއެވެ. މުޖުތަމަޢު ބިނާވެގެންވަނީ އާޢިލާތަކުގެ މައްޗަށް ކަމުގައިވާއިރު ޢާއިލާތަކުގައި ޖެހޭމައްސަލަތަކުގެ އަސަރު މުޅި މުޖުތަމަޢުންވެސް ފެނިގެންދާނެވެ. މިފަދަ މުހިންމު ބަޔަކާ މެދު އިހުމާލު ވެވޭނަމަ އެމުޖުތަމަޢުގައި ތަފާތު އިޖުތިމާއީ މައްސަލަތައް ދިމާނުވެނުދާނެއެވެ.

ރާއްޖޭގައި އަދިވެސް އަންހެނުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭކަން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން، އަންހެނުންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ފާހަގަކުރައްވައިފައި ވެއެވެ. އަންހެނުންގެ ޙައްޤުތައް ނިގުޅައިގަނެ، ތަފާތު އަނިޔާގެ ޝިކާރައަކަށް އަންހެނުން ވާކަން އެކޮމިޝަނުގެ ބަޔާނުގައި ފާހަގަކުރައްވައިފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާ ގުޅޭ މައްސަލަތަކާއި އަނިޔާ ލިބޭކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލަތަކާއި ބައެއް އަސާސީ ޙައްޤުތައް ނުލިބޭތީ ހުށަހަޅައިފައިވާ މައްސަލަތައް ހިމެނެއެވެ.

އަންހެނުންގެ ޙައްޤުތައް ރައްކާތެރިވާނެ ގޮތަށް ޤައުމީ ސިޔާސަތުތައް ކަނޑައެޅުމަށް ވެސް ހިޔުމަންރައިޓްސް ކޮމިިޝަނުން ވަނީ ގޮވާލައްވައިފައެވެ. އެކަންކަމުގެ ތެރޭގައި ދިރިއުޅުމާއި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމާއި މުޖުތަމަޢުގައި އަނެހުންނާމެދު ގެންގުޅޭ ނޭދެވޭ ވިސްނުންތައް ބަދަލުކުރުން ހިމެނެއެވެ. އަނިޔާއިން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އަންހެނުންގެ އުފެއްދުންތެރިކަމާއި ހުނަރުގެ ބޭނުން އެންމެ އެެދެވޭގޮތެއްގައި ހިފޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަށްވެސް އެކޮމިޝަނުން ވަނީ ގޮވާލައްވައިފައެވެ.

އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބި ދިނުމަކީ އެޤައުމެއްގެ ހުރިހާ ފަރުދުންނަށް ލިބޭކުރިއެރުމެއްކަމަށް، ބަލައިގަނެ ޤާނޫނުތަކާއި ޤަވާޢިދުތަކުން ހެދިފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް އެނިޒާމުތަކާ އެެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރުމަށް އެކޮމިޝަނުން ވަނީ އިލްތިމާސްކުރައްވައިިފައެވެ.

އެންމެފަހުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާ އަންހެނުންގެ މިންވަރު ފިރިހެނުންނަށްވުރެ ދަށެވެ. ސަބަބަކަށް ވެފައިވަނީ ކުދިން ބެލުމާއި ގޭތެރޭގެ އެހެނިހެން ބެލެހެއްޓުންތަކާއި އަޅާލުމުގެ ޒިންމާތަކެވެ. ރާއްޖޭގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރާ ޖަމާއަތެއްކަމުގައިވާ "އެތަމަ" އިން އަންހެނުންގެ ދުވަހާއި ގުޅިގެން އާއްމުކޮށްފައިވާ ސިޓީއެއްގައިވެސް ވަނީ މިމައްސަލަ ފާހަގަކުރައްވައިފަވެ. އެޖަމްޢިއްޔާގެ ސިޓީގައި ބުނާގޮތުން އަންހެނުން، ގޭތެރޭގައި ކުރާމަސައްކަތްތަކަކީ އަދި މިހާތަނަށް ރާއްޖޭގައި "އަގުނުކުރެވޭ" މަސައްކަތެކެވެ. އަދި އަންހެނުންގެ "އަގުނުކުރެވޭ" މި މަސައްކަތުން ޤައުމުގެ އިޤްތިޞާދަށް ކުރާމަންފާއެއްވެސް ބެލިފައެއް ނުވެއެވެ.

އާމްދަނީ ހޯދުމަށް ވަޒީފާއަކަށް ނުގޮސް، އާއިލާގެ ކަންތައް ބެލެހެއްޓުމަށް އަންހެނުން ކުރާ މަސައްކަތްތަކަކީ "މަސައްކަތެއް" ގެ ގޮތުގައި މުޖުތަމަޢުގައި ބަލައި ގަންނަނީ ކިހާވަރަކަށްތޯ، ސުވާލު އުފެދެއެވެ. ކުރިން އާމްދަނީ ހޯދުމަށް ބުރަކޮށް މަސައްކަތް ކުރަމުންދިޔަ އަންހެނުންނަށް ކުދިން ލިބުމާއެކު އެކުދިންގެ ކަންތައްތައް ބެލެހެއްޓުމާއި ތަރުބިއްޔަތު ކުރުމުގެ މަސައްކަތް ކުރުމަށް ގޭގައި ހުންނަން ޖެހެއެެވެ. މިފަދަ އަންހެނުންގެ ހުރިހާ ވަގުތެއް ހުސްކުރަނީ ކުދިންގެ ކަންތަކާއި ގޭތެރޭގެ ކަންތައްތަކަށެވެ. ބައެއް އަންހެނުންނަކީ ވަޒިފާއަށް ދަމުން ގޭތެރޭގެ މަސައްކަތްތަކާއި ދަރިން ތަރުބިއްޔަތު ކުރުމުގެ ބުރަ މަސްއޫލިއްޔަތު އަދާ ކުރާ ވަރަށް "ހީވާގި ކަނބަލުން" ނެވެ. އަނެއްބައި އަންހެނުނަކީ ދަރިން ތަރުބިއްޔަތު ކުރުމާއި ގޭތެރޭގެ ބުރަ އުފުލަމުން ގޭގައި ތިބެގެން އާމްދަނީ ލިބޭ މަސައްކަތަތައް ކުރާ "ފިސާރި ކަނބަލުން" ނެވެ. ދަރިން އެންމެ ތުއްތު އިރު އެއަންހެނުންނަށް ރޭގަނޑު ހަމަ ނިދި ނުލިބެއެވެ. ކުއްޖާ ނިދާފަ އޮންނަ ގަނޑި އެއީ ގޭތެރޭގައި ކުރަން ހުންނަ އެހެންކަންތައްތަކަށް ކުރަންޖެހޭ ގަޑިއެވެ. ގޭތެރޭގައި އެހީތެރިކަން ފޯރުކޮށްދޭނެ މީހުން ނުވަތަ އާޢިލާގެ އެހެން މެމްބަރުންނާއެކު ދިިރިއުޅޭ އަންހެނުންނަށް މިކަންކަން ފަސޭހަކޮށް އޮވެދާނެއެވެ. އަދި ފިރިމީހާ އާމްދަނީ ހޯދުމަށް މަސައްކަތް ކުރަންޖެހޭ ގޮތުން ބައެއް އަންހެނުންނަކީ އާއިލާގެ ހުރިހާ ޒިންމާއެއް އެކަނި އުފުލައިގެން އުޅޭ މީހުންނެވެ.

ގޭތެރޭގައި ކުރަންޖެހޭހާ ކަމެއް ކުރަމުން ކުދިން ގޮވައިގެން ސްކޫލު ދޮށަށާއި ޓިއުޝަންފަދަ ތަންތަނަށް ހިނގުމަކީ ވަޒީފާއަކަށް ނުގޮސް ތިބޭ އަންހެނުން ގޭތެތެރޭގެ "ވަޒީފާ" އެވެ. އެ "ވަޒީފާ" އަކީ ތަފާތު އެތައްކަމެއް ކުރަންޖެހޭ ވަޒީފާއެކެވެ. ގަޑިން ގަޑިއަށް ކެއްކުމާއި ގޭތެރެ ސާފުކުރުމެވެ. އެއްޗެހި ދޮވެ އިސްތިރިކުރުމެވެ. ދަރިންނަށް ކިޔަވައިދީ ސްކޫލުގެ ފިލާވަޅުތައް ހެދުވުމެވެ. މިނޫންވެސް ގޭގައި ކުރަންޖެހޭ ކުދިންގެ ހުރިހާ ކަމެއް ކުރުމެވެ. ބައެއް ފަހަރަށް ފިރިންގެ ނުވަތަ ޢާއިލާގެ އެހެން މެންބަރުންގެ އެހީތެރިކަން މިކަންކަމަށް ލިބުނަސް މިއީ އަންހެނުންގެ "ދުވާލުދާ ހަތަރު ދަމުގެ ވަޒީފާ" އެވެ. މިއީ އެހެން ވަޒީފާ ތަކާ ޚިލާފަށް ވަކި ގަނޑިއެއް ކަނޑަ އެޅި ވަކި އުޖޫރައެއް ލިބޭ ވަޒީފާއެއް ނޫނެވެ. "24 ގަޑި އިރުގެ" ވަޒީފާއެކެވެ. އަންހެނުންކުރާ "އަގު ނުކުރެވޭ" ބުރަ މަސައްކަތްތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.