އެމްޑީޕީގެ އޮފީހަށް ފުލުހުން ވަދެ ގައުމީ މަޖިލީހުގެ ތިން މެމްބަރުން ހައްޔަރު ކޮށްފި

ފޮޓޯ: އެމްޑީޕީ

ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ އޮފީހަށް ފުލުހުން ވަދެ ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން އެމްޑީޕީގެ އޮފީހަށް ވަދެ ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި އެމްޑީޕީގެ އިސްމަގާމު ތަކެއްވެސް އަދާކޮށްފައިވާ އިލެކްޝަން ކޮމިޝަނުގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ މެމްބަރެއް ކަމަށްވާ އީވާ ނަސީމުގެ ފިރިކަލުން އަޙްމަދު ޝާހިދު (ސާބެ) ގެ އިތުރުން ޙަސަން އަޙްމަދު (ހަސަންޓޭ) އެވެ. މި ތިން މީހުންނަކީވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެމްޑީޕީގެ އޮފީހަށް ވަދެ، ސާބެ އާއި އިލްޔާސް ހައްޔަރު ކޮށްފައި ވަނީ ޕާޓީގެ ބައްދަލުވުމެއް އެ އޮފީހުގައި ކުރިޔަށް ދަނިކޮށެވެ. އަދި ސާބެ އާއި އިލްޔާސް ހައްޔަރު ކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ކަމަށްވެސް ވެއެވެ. ސާބެ އާއި އިލްޔާސް އަކީވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެމެމްބަރުންނެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ގިނަބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭގެތެރެއިން ބަޔެއް މީހުން ވަނީ ދޫކޮށްލާފައެވެ. ޖަލު ޙުކުމުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުސްވި މަހު ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރިފަހުން ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުންވެސް ވަނީ ހައްޔަރު ކޮށްފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.