މާފަންނު ސިތާރާގޭ ތިންވަނަ ފަނގިފިލާގައި އަލިފާން ރޯއްވެއްޖެ

މާފަންނު ސިތާރާގޭގެ ތިރީގައި ހުރި ބަދިގެއެއްގައި ރޯވެ އެގޭ ދެވަނަ ފަންގިފިލާއަށް އަސަރުކޮށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެގޭގައި އަލިފާން ރޯވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ސިފައިން މިހާރު ގެންދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާތީ އެގެއަށް ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޭގައި އަލިފާނުގެ ހާދިސާ ހިނގީ ބަދިގޭގައި ހުރި ގޭސް ފުޅިއެއް ގޮވައިގެންނެވެ. އެހެންނަމަވެސް އެކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. އެ ގެއަކީ ބިދޭސީން އުޅެމުންދާ ގެއެއް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.  ހާދިސާގައި ބިދޭސީއަކަށް ދުމުގެ އަސަރު ވަރަށްބޮޑަށް ކޮށް އޭނާވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

އެމްއެންޑީފުން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައިވަނީ މިއަދު ހަވީރު 15:39 އެހައިކަންހާއިރު ކަމަށެވެ. މައުލޫމާތު ލިބުމުން ފަޔަރ ފައިޓަރުން އެގެއަށް ގޮސް އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ ހަވީރު 16:51 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އަލިފާން ރޯވި ސަރަހަށްދަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝާރީފް ޢުމަރު ވަނީ ޒިޔާރަތްކުރައްވައިފައެވެ.

މި ހާދިސާގައި އެގެއަށްވަނީ ބޮޑެތި ގެއްލުންވެފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.