އޮސްކާރ އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ހޮވުނީ ދަ ޝޭޕް އޮފް ވޯޓަރ

90ވަނަ އެކަޑެމީ އެޥޯޑްސް ގެ ގެ އެންމެ މޮޅު ފިލްމަކަށް ދަ ޝޭޕް އޮފް ވޯޓަރ ހޮވިއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފްލާ ގައި ދަ ޝޭޕް އޮފް ވޯޓަރ އަށް ވަނީ ހަތަރު އޮސްކަރ ލިބިފައެވެ. އޭގެ އިތުރުން އެންމެ މޮޅު ޑައިރެކްޝަނާއި އެންމެ މޮޅު މިއުޒިކް (އޮރިޖިނަލް ސްކޯރ) އާއި އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިންގެ އިނާމް ވެސް ލިބުނީ މި ފިލްމަށެވެ.  

ދަ ޝޭޕް އޮފް ވޯޓަރ ގެ އިތުރުން ޑަންކަރކް އާއި ތްރީ ބިލްބޯޑްސް އައުޓްސައިޑް އެބިންގ މިޒުރީ އާއި ބްލޭޑް ރަނަރ 2049 އާއި ކޮކޯ އެންޑް ދަ ޑާކެސްޓް އަވަރ އަށް ވެސް ގިނަ އިނާމް ތަކެއް ލިބުނެވެ. ގިނަ ބަޔަކު އުއްމީދު ކުރި ގޮތަށް އެންމެ މޮޅު އަންހެން އެކްޓަރުގެ އިނާމް ލިބުނީ ތްރީ ބިލްބޯޑްސް ގެ ތަރި ފްރޭންސިސް މެކްޑޯމަން އަށެވެ. އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ހޮވުނީ ޑަންކަރކް ގެ ތަރި ގެރީ އޯލްޑްމަން އެވެ. ސަޕޯޓިން އެކްޓްރެސް އަކަށް ހޮވިފައި ވަނީ އެލިސަން ޖެނީ އެވެ. އޭނާ އިނާމް ލިބުނީ އައި، ޓޯނިޔާ ގައި ކުޅެފައިވާ ރޯލަށެވެ. ސަޕޯޓިން އެކޓަރަކަށް ހޮވިފައިވަނީ ސޭމް ރޮކްވެލް އެވެ. އެއީ ތްރީ ބިލްބޯޑްސް އައުޓްސައިޑް އެބިންގ މިޒޫރީ ގައި ކުޅެފައިވާ ރޯލަށެވެ.

އެންމެ މޮޅު ސްކްރީން ޕްލޭގެ އިނާމު ލިބުނީ ގެޓް އައުޓް އިން ޖޯޑްން ޕީލް އަށެވެ. އެޑަޕްޓެޑް ސްކްރީން ޕްލޭ އިނާމު ލިބުނީ ޖޭމްސް އައިވަރީ އަށެވެ. އެއީ ކޯލް މީ ބައި ޔޯ ނޭމް ގެ ސްކްރިޕްޓަށެވެ.

ރޭގެ ހަފްލާ ހުށަހަޅާއިދިނީ ޖިމީ ކިމެލް އެވެ. ހަފްލާ ބާއްވައިފައިވަނީ ހޮލީވުޑްގެ ޑޮލްބީ ތިއޭޓަރުގައެވެ. މި ހަފްލާ ގައި ހޮލީވުޑްގެ ފަންނާނުން ކުރިއަށްގެންދާ މީ ޓޫ އާއި ޓައިމް އިޒް އަޕް ފަދަ ގިނަ ހަރަކާތްތަކަށް ސްކްރީން ޓައިމް ދީފައިވެއެވެ. މީ ޓޫ އަކީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ތެރެއިން ޖިންސީ ގޯނާ ގެ ޝީކާރައަކަށް ވެފައިވާ އަންހެނުންނަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައި އަޑު އުފުލުމަށް ބާރު އަޅާ ހަރަކާތެކެވެ. މިއީ 2017ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ދާ ހަރަކާތެކެވެ. ޓައިމް އިޒް އަޕް އަކީ ފިލްމީ ދާއިރާ ގެ އިތުރުން އެހެނިހެން ދާއިރާތަކާއި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ ޖިންސީ ފުރައްސާރަ އާއި ގޯނާ އާއި ދެކޮޅަށް އަޑު އުފުލުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށައިގެން އުޅޭ ހަރަކާތެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.