އޭލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ތިން ކުދިންނާ ރައީސް ބައްދަލު ކުރައްވައިފި

ައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 2017 ވަނަ އަހަރު އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދިވެހި 3 ދަރިވަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހާސިލުކުރި ކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ. އަދި މިފަދަ ފަޚުރުވެރި ނަތީޖާއެއް ހޯދިކަމަށްޓަކާ ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގައި ތަޢުލީމު ޙާސިލު ކުރި ކަމުގައިވިއަސް ޤައުމުގެ ޙާލަތާއިމެދު ވިސްނުމަށާއި، ޤައުމަށް ބޭނުންތެރިވާނެ ކަންތައްތަކާމެދު ވިސްނައި އެކަންތައްތައް މަގުފަހި ކުރެވޭނެ ގޮތްތައް ހޯދުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޤައުމަށް ވަފާތެރިވުމަށާއި ޤައުމުގެ ނަމަށް ހުތުރުވާފަދަ ކަންތައްތަކަށް ވާގިދޭފަދަ އެއްވެސް ކަމެއްނުކުރުމަށް އެމަނިކުފާނު ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް ބޭނުންވަނީ ކިޔަވައިގެން ތިބި ދިވެހި ކުދިންކަމުގައި ވިދާޅުވިއެވެ. އަދި ތިން ކުދިންވެސް ކިޔަވައި ނިމިގެން ސަރުކާރަށް ޚިދުމަތްކުރުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.