ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން މަސައްކަތް އެބަކުރަން- ނަވާޒް

ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހަމަހަމަކަމާއިއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

ނަވާޒް މިހެން ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އިއްޔެ ހަވީރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ބައްދަލު ކުރެއްވުމުގައި، ނަވާޒް ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ އަމަން އަމާންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ރެއާއި ދުވާލު ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ ކުރިއެރުމަށާއި ވެލްފެއަރ ކަންކަން މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވިއެވެ.

ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ނަވާޒް ވިދާޅުވިއިރު ހުޅުމާލޭގައި ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. އަދި މިއަހަރުގެ ތެރޭގައި އެތަންތަނަށް ދިރިއުޅުން ބަދަލު ކުރެވޭނެ ކަމަށް ފްލެޓް ލިބުނު ފުލުހުންނަށް ވަނީ އަންގާފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.