ރާއްޖޭގެ ކަރާމަތަށް އަރައިގަންނަނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ސަރުކާރު

ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެއާއި، ދިވެހިންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދިވެހިސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އެގޮތަށް ވިދާޅުވީ "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާކަމަށް ބުނާ އުޅަނދަކާއި، އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދަކާއި ދެމެދު ކަނޑުމަތިން ޤަވާއިދާ ޚިލާފު މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާ މައުލޫމާތު ތަކަކީ ހަގީގަތާއި ޚިލާފު މައުލޫމާތު ތަކެއް ކަމަށް ވިދާޅުވެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައެވެ.

ދިވެހި ސަރުކާރުން ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ދިދަ ނަގާފައިވާ "ޝިން ޔުއާން 18" ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫންކަމަށެވެ. އަދި ދިވެހި ރާއްޖެއަކީ އުތުރު ކޮރެއާ އާއި ގުޅޭ ގަރާރުތައް ވެސް ހިމެނޭ ގޮތަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތައް ތަންފީޒު ކުރެއްވުމަށް އަބަދުވެސް ޚާއްޞަ ސަމާލުމެއްދެއްވާ ގައުމެއް ކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ސަރުކާރުން މިހާދަނީ ވަރަށް ގާތުން އެކަން ބައްލަވަމުންކަމަށާއި، ރާއްޖޭގެ ޤައުމީ ޝަހުސަށް ގެއްލުންވާފަދަގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ހާމަވެއްޖެނަމަ އެފަރާތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ރައީސް އޮފީހުން ނެރެފައިވާ ބަޔާނުގައިވެއެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިންވެސް މިއަދުވަނީ ބަޔާނެއް ނެރުއްވައިފައެވެ. އެ ބަޔާނުގައިވެސް ވިދާޅުވެފައިވަނީ "ޝިން ޔުއާން 18" ނަމަކަށް ކިޔާ ޓޭންކަރަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް ނޫންކަމަށެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިންވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ.

ދިވެހިރާއްޖެއަކީ ރާއްޖޭން ބޭރުގައި ދުއްވާ އެހެން ޤައުމުތަކުގެ އުޅަނދުފަހަރު، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ފުރުސަތުދޭ ގައުމެއް ނޫންކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.