ޝިން ޔުއާން 18 އަކީ ރާއްޖޭގެ އުޅަނދެއްނޫން:ސަރުކާރު

އުތުރު ކޮރެއާގެ ތެޔޮޓޭކަރަކާ އެކު މަނާ މުއާމާލާތެއް ހިންގައިގެންއުޅޭ ކަމަށް ބުނާ "ޝިން ޔުއާން 18" ތެޔޮ ޓޭންކަރަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫންކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން އާއި ޝިން ޔުއާން 18 މަނާ މުއާމަލާތެއް ހިންގަނިކޮށް ފެނިފައިވަނީ ފެބުރުއަރީ 24 ވަނަދުހުގެރޭ ދަންވަރު ކަމަށް ޖަޕާނުގެ ފޮރިންމިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ޖަޕާނުގެ އެ ތުހުމަތުތަކާ ބެހޭގޮތުން ރާއްޖޭގެ ޓްރާންސްޕޯޓު އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ "ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެފައިވާ ޝިން ޔުއާން 18 އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫން،" ކަމަށެވެ.

ރާއްޖެއަކީ ބޭރުގެ ފަރާތްތަކުގެ އުޅަނދުފަހަރު ރާއްޖެއިން ބޭރުގައި ދުއްވުމަށް ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ފުރުސަތުދޭ ގައުމެއްނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންވީމާ "އެއުޅަނދުގައި ދިވެހި ދިދަ ބޭނުން ކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއްނެތް،" ކަމަށްވެސް ޓްރާންސްޕޯޓު އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

އުތުރު ކޮރެއާއާމެދު އދ. އިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އުޅަނދާ ކަނޑުމަތިންވެސް އެފަދަ މުއާމަލާތެއް ހިންގުމަކީ މަނާކޮށްފައިވާ ކަމެކެވެ.

އެފަދަ ވާހަކަތައް ފަތުރާއިރު އޭގެ ތެދުދޮގު ބެލުމަށް މީޑިއާއަށް އިލްތިމާސް ކުރައްވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.