ބީއެމްއެލް އޭޓީއެމުން ދުވާލަކު 25،000 ރ އާއި 1600 ޑޮލަރު ނެގޭގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ތަކުން އާންމު ފަރުދުންނަށް މާދަމާއިން ފެށިގެން ދުވާލަކު 25،000 ރުފިޔާ ނެގޭގޮތަށް އެ ބޭންކުން މިއަދު ހަމަޖައްސައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހަ ގޮތް ހަދައިދިނުމުގެ ގޮތުން މި ގެނައި ބަދަލާއެކު ކުރިން އާންމު ފަރުދަކަށް ދުވާލަކު އޭޓީއެމުން ނެގޭ އެންމެ ގިނަ މިންވަރަކީ 10،000 ރުފިޔާ ކަމުގައި ވިޔަސް މާދަމާއިން ފެށިގެން ޚިދުމަތް ހޯދާއިރު ގިނަވެގެން 25،000 ރުފިޔާ ނެގޭގޮތް ހެދުމުން ކަސްޓަމަރުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އާންމު ފަރުދުންގެ ދިވެހި ރުފިޔާ އެކައުންޓުން 25،000 ރުފިޔާ އެއްފަހަރާ ދުވާލަކު ނެގޭގޮތް މާދަމާއިން ފެށިގެން އިންތިޒާމް ވެގެންދާއިރު ޑޮލަރު އެކައުންޓް އޮންނަ ފަރާތްތަކަށްވެސް ދުވާލަކު ނެގޭ މިންވަރު ބޭންކުން މިއަދު ވަނީ އިތުރު ކޮށްފައެވެ. ޑޮލަރު އެކައުންޓް އޮންނަ ފަރާތްތަކަށް މީގެކުރިން އޭޓީއެމުން ދުވާލަކު ނެގޭ އެންމެ ގިނަ އަދަދަކީ 640 ޑޮލަރެވެ. ނަމަވެސް މާދަމާއިން ފެށިގެން އެފަރާތް ތަކަށްވެސް ދުވާލަކު 1600 ޑޮލަރު ނެގޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ. މީގެއިތުރުން އޭޓީއެމުން ދުވާލަކު 32،00 ޑޮލަރު ޖަމާވެސް ކުރެވޭނެ އެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.