އިންޑިޔާގެ އަސްކަރިއްޔާގެ ދައުވަތު ގަބޫލު ނުކުރީ ކުއްލި ނުރައްކަލުގެ ޙާލަތު އޮތުމުން- ރާއްޖެ

އިންޑިޔާގެ އަސްކަރިއްޔާއާ ގުޅިގެން ރާއްޖޭގެ އަސްކަރިއްޔާއިން ތަމްރީނު ތަކެއް ހެދުމަށް އިންޑިޔާއިން ދައުވަތު ރާއްޖެއިން ގަބޫލު ނުކުރި ސަބަބަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކޮށްފައި އޮތުމުން ކަމަށް އިންޑިޔާގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.

އިންޑިޔާއާއެކު އަސްކަރީ ތަމްރީނުތަކެއް ހެދުމަށް ދިވެހި ސިފައިންނަށް ދިން ދައުވަތު ރާއްޖެއިން ގަބޫލު ނުކުރި ކަމަށާއި އަދި ގަބޫލުނުކުރި ސަބަބެއްވެސް ރާއްޖެއިން އަންގާފައި ނުވާކަމަށް ބުނެ މީޑިޔާގައި ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް ދިވެހި އެމްބަސީން ބުނީ އަންނަ މަހުގެ 6 ން 8 އަށް އިންޑިޔާ ކަނޑުގައި ބާއްވާ ތަމްރީނު ތަކުގައި ބައިވެރިވާން ރާއްޖެއަށް ދައުވަތު ދިން ކަމަށާއި، ބައިވެރިނުވި ހަމައެކަނި ސަބަބަކީ ރާއްޖޭގައި މިވަގުތު އޮތް ޙާލަތު ކަމަށެވެ. އެނޫން އެހެން އެއްވެސް ސަބަބެއް އެކަމުގައި ނެތް ކަމަށްވެސް އެމްބަސީން ވަނީ ބުނެފައެވެ.

އިންޑިޔާގެ ތަމްރީނު ތަކުގައި ރާއްޖެއިން ބައިވެރިނުވާން ނިންމި ސަބަބަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު މިހާރު އޮތް ގުޅުން ކަމަށްބުނެ މީޑިޔާގައި ރިޕޯޓުކުރި ވާހަކަތައް ދޮގުކޮށް ދިވެހި އެމްބަސީން ބުނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އޮތުމުން ދިވެހި ސިފައިންގެ ޚިދުމަތް މިވަގުތު ގައުމަށް ވަރަށް ބޭނުންވާނެ ކަމަށާއި، ދިވެހި އަސްކަރިއްޔާގެ އެއްވެސް މީހަކު މިވަގުތު އެއްވެސް ތަމްރީނަކަށް ރާއްޖެއިން ނުފޮނުވާނެ ކަމަށެވެ.  އަދި ރާއްޖެ އާއި އިންޑިޔާއަކީ އަބަދުވެސް އަސްކަރީ ގޮތުން ގާތް ދެގައުމު ކަމަށާއި އެ ގުޅުން އަބަދުވެސް އެގޮތުގައި އޮންނާނެ ކަމަށްވެސް އެމްބަސީން ވަނީ ބުނެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.