ރާއްޖެއިން ބޭރުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިފައި ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެސް ކުޑަގޮޅިއަށްލުމަށް ކަމާބެހޭ ފަރާތްތަކަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވައިލައްވައިފިއެވެ.
ރުމާލު 2 ގައި މިހާރު ހިނގަމުންދާ ޖަލްސާގައި ވާހަކަ ދައަކަވަމުން އަދުރޭ ވިދާޅުވީ ގާސިމްވަނީ އޭނާގެ ކުށަށް އިއުތިރާފްވެ ވަޑައިގެންފައި ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ގާސިމް އިބްރާހީމޭ މަނިކުފާނު އަމިއްލައަށް ތިޔައޮތީ މަނިކުފާނުގެ ކުށަށް އިއުތިރާފުވެ ވަޑައިގެންފައޭ. ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސަރުކާރުން ހިފައި ހައްޔަރުކޮށްގެން ގެނެވުނުގޮތަކަށް ގެނެސް ގާސިމް އިބްރާހީމް ކުޑަގޮޅީގައި ހައްޔަރުކުރާށޭ. ހަމަ އެއާއެކީގައި އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސްކަންކުރި ޑރ. ޖަމީލު އެބަޖެހޭ އެއަށްވުރެ އަވަހަށް ހިފައި ހައްޔަރުކުރަން،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާސިމް އިބްރާހީމަކީ ދިވެހި ދައުލަތަށް 190 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު ދައްކަވަން ޖެހިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި ވީހާވެސް އަވަހަށް އެފައިސާ ދެއްކެވުމަށް މިރޭވެސް ގާސިމަށް ގޮވައިލައްވާ ކަމަށެވެ. އެއީ ރައްޔިތުންގެ ތަރައްގީއަށް ޚަރަދު ކުރަން ބަހައްޓާފައިވާ ރައްޔިތުންގެ ފައިސާ ކަމަށްވެސް އަދުރޭ ވިދޅުވިއެވެ. ރައްޔިތުންނަށް އެފައިސާ ނުދައްކަވައި ވެރިކަމުގެ ވާހަކަ ދެއްކެވުމުގެ ބޭނުމެއްނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަމީލަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވީ ޑރ. ޖަމީލަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އާރެއްބާރެއް ހުރި ބޭފުޅެއް ނޫންކަމަށެވެ. އަދި އެމަނިކުފާނު ދަންނަ ބަޔަކުވެސް ރާއްޖޭގައި ނޫޅޭ ކަމަށެވެ.
"އަޅުގަނޑުމެންނާއެކު ނިކުތީމައި އޭނާއަށް އެމަގާމް ލިބުނަސް މިދަންނަވަނީ ގޮންޖަހާފައި މިރާއްޖޭގައި އަޅުގަނޑާއެކު ވާދަކުރަން ހިނގާ އަޅުގަނޑު ހޯދި ދިހަވޯޓަށް ވޯޓެއް މިރާއްޖެއިން ޑރ. ޖަމީލަކަށް ނުލިބޭނެ. މިވަރުގެ މީހުން ބަސްބުނީމައި އަޅުގަނޑުމެން ލަދު ގަންނަން ޖެހޭ،" އަދުރޭ ވިދާޅުވިއެވެ.