ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ދެމިއޮތްހާ ހިނދަކު ރައްޔިތުންގެ ބާރުއޮންނާނެ ކަމަށާއި އެބާރު ރައްޔިތުން ބޭނުންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށް ލިބިގެންދާ އެންމެ ބޮޑު ބާރަކީ އެއްވެ އުޅުމުގެ ބާރު ނުވަތަ މިނިވަންކަން ކަމަށެވެ. އެހެންވީމާ އެ ހައްގު ބޭނުންކޮށްގެން ސަރުކާރު ގާނޫނީ މަގަށް އިޔާދަވުމަށް ގޮވާލަން އެންމެން ނުކުންނަންޖެހޭ ކަމަށެވެ. އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭއިރު އެހައްގު ބޭނުން ކުރުމަށް އޭނާ ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންނަރު އަމީތު ވިދާޅުވީ ވެރިކަމުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގައި ލިޔެފައިވާ ކަމަށެވެ. އެހެންވީމާ ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ ބާރު އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް މަގުމައްޗަށް ނުކުމުގެ ސަރުކާރު ހަމަމަހަށް އެޅުވުމަށް ގޮވާލަންޖެހޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މިހާރުވެސް ގެންދަނީ ކޮންމެ ރެއަކު މަގުތަކަށް ނުކުމެ އެމީހުންގެ ޝުއޫރު ފާޅުކުރަމުންނެވެ. އަމީތު ވިދާޅުވީ ވެރިކަމުގެ ހިއްސާދާރުންނަކީ ރައްޔިތުން ކަމަށެވެ. އެހެންވީމާ ރައްޔިތުން އެމީހުންގެ ވެރިކަން ދިފާއުކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ގުޅިފައިވާ އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމްދާއިރާގެ މަޖިލީސް މެންބަރު ހުސައިން އަރީފް ވިދާޅުވީ މިސަރުކާރުންވަނީ އަވަށްޓެރި ގައުމުތަކާ މޫނުކެނޑިފައި ކަމަށެވެ. އޭގެ ސަބަބުން ދިވެހިން މިވަނީ އެގައުމުތަކުގެ ކުރިމަތީގައި އިސްޖެހިފައި ކަމަށެވެ.