ރިޝްވަތުގެ އެއްވެސް އަމަލެއް އިބްރާހީމް ސިޔާދު ގާސިމް ހިންގަވައިފައިނުވާނެ ކަމަށް އޭނާގެ ބައްޕަ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ސަރުކާރު ވައްޓާލުމަށްޓައި ރިޝްވަތުދިން ކަމުގެ ތުހުމަތުގައި އިބްރާހީމް ސިޔާދު ފުލުހުންގެ ބަންދަށް ގެންގޮސްފައިވުމުން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ޖަރުމަނުގައި ހުންނަވައިގެން ރާއްޖެޓީވިއަށް ފޯނުން ދެއްވި ޚާއްސަ އިންޓަރވިއުއެއެއްގައި ގާސިމް ވިދާޅުވީ އިބްރާހީމަކީ އެފަދަ އެއްވެސް އަމަލެއް ހިންގާނެ ކުއްޖެއް ނޫންކަމަށެވެ. އޭނާގެ އިތުރަށް އެއާއިލާގެ މެންބަރަކުވެސް އެފަދަ އަމަލެއް ނުކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ސަރުކާރުން އެކުރާ ތުހުމަތަކީ އެއްވެސް އަސްލެއްމެތް ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެފަދަ ތުހުމަތުތައް ސަރުކާރުން ކުރައްވަނީ އިދިކޮޅު މެމްބަރުން ފްރޭމް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހީމް ސިޔާދު ގާސިމް ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށްފަހު، މިމަހު 6 ވަނަ ދުވަހު ވިލާހައުސްގައި އުޅުއްވަނިކޮށްނެވެ. އިބްރާހީމަކީ ވިލާ ގުރޫޕުގެ މެނެޖިން ޑިރެކްޓަރެވެ.
އިބްރާހީމް ސިޔާދު ހައްޔަރު ކުރުމާ ގުޅިގެން ޖުމްހޫރީ ޕާޓިން ނެރުނު ބަޔާނުގައި ބުނެފައި ސަރުކާރުން އެފަދަ އަމަލުކުރައްވަނީ ގާސިމްގެ ސިޔާސީ މަސައްކަތްތައް ހުއްޓުވުމަށް ކަމަށެވެ. އެފަދަ އަމަލުތައް ހުއްޓާލުމަށްފަހު އިބްރާހީމް ސިޔާދުވެސް ދޫކޮށްލުމަށް އެބަޔާނުގައިވަނީ ސަރުކާރަށް ގޮވައިލައްވައިފައެވެ.