ކޮލިޓީގެ ބޭސް ދެމެހެއްޓެނެވި ގޮތެއްގައި ދިވެހިންނަށް ލިބޭ ގޮތް ހަމަޖައްސައިފި

ޔޫރަފް ކޮލިޓީގެ ބޭސް ދެމެހެއްޓެނެވި ގޮތެއްގައި ދިވެހިންނަށް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިފިއެވެ.

ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން މިއަދު ނެރުނު ބާޔާނެއްގައި ބުނީ، ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ރައްުޔިތުންނަށް ކަށަވަރު ކޮށްދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ.

އެގޮތުން ސަރުކާރުން ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް، ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން، ބަލްކް ޕްރޮކިޔޮކޮށް ރާއްޖެ ގެނައުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން އަސާސީ ހުރިހާ ބޭހެއް ރާއްޖޭން ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށާއި އެ ޕްރޮޖެކްޓުގެ ދަށުން ގެނެވޭ ބޭސްތަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެ، ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލި މީހާއާއި ހަމައަށް ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ބޭސް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"މި ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެ ކުރުމަށް ހުއްދަ ދީފައިވާނީ، އަދި ކުރިއަށް އޮތް ތަނުގައި ހުއްދަ ދޭނީ ވެސް ޑަބްލިއުއެޗްއޯ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވުމާއެކު، ޔޫއެންޑީޕީއާއި އެމްއެފްޑީއޭގެ ކޮލިޓީ މިންގަނޑުތަކުން ފާސްވެފައިވާ ޕްރޮގްޑަކްޓްތަކަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި މި ސިޔާސަތުގެ ތެރެއިން ގެނެވި، ބޭނުން ކުރެވޭނީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަދީފައިވާ ބޭސް އެކަންޏެވެ" ބަޔާނުގައި ބުނެފައިވެއެވެ.

މި ސިޔާސަތު މިއަދު ތަންފީޒު ކުރަން ފަށާފައިވާއިރު، ބަޔާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް، ފުރަތަމަ ތައާރަފުކުރެވޭ 7 ބޭސް ލިބެން ފަށާނެ ކަމަށެވެ. އަދި އާސަންދަ ނިޒާމު ހިމެނޭހެން ގުޅުންހުރި ހުރިހާ ނިޒާމުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފެށޭނެ ކަމަށާިއ މި ބަދަލުތަކާއި ގުޅޭ މައުލޫމާތު އާންމު ސިއްހީ ނިޒާމުގައި މަސައްކަތް ކުރާ ހުރިހާ ޑޮކްޓަރުންނާއި ފޯރުކޮށްދެވިފައިވާ ކަމަށެވެ.

"މި ބަދަލަށް އަހުލުވެރިވެ ތައްޔާރުވުމަށް ވަގުތު ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ވަގުތުދީ، އަހުލުވެރިކުރުމުގެ އިތުރު ޕްރޮގްރާމްތައް ކަމާ ގުޅުން ހުރި އިދާރާތަކުން ހިންގާ، 1 އޮކްޓޯބަރު 2024 އިން ފެށިގެން ހުރިހާ ބަދަލުތަކެއް ފުރިހަމަ އަމަލީ ސިފަ ގެނެވޭނެ" ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ބަޔާނުގައި ބުނީ، މި ސިޔާސަތު ތަންފީޒު ކުރަން ފެށުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ރައްޔިތުންނަށް ލިބުމުގެ އިތުރުން މިހާރެކޭ ވެސް އެއްގޮތަށް އެ ބޭސްތަކަށް އާސަންދަ ނިޒާމްގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެ ކަމަށެވެ. ނަމަވެސް އާސަންދަ ނިޒާމްގެ ތެރޭގައި ހުރި ބޮޑެތި ލީކޭޖްތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެ ކަމަށް ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.