އެންމެ ދެރަކަމަކީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތުން: މިނިސްޓަރ ނާޒިމް

ސިޔާސީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ އެންމެދެރަ އެއްކަމަކީ ޒިންމާދާރު ކަމާއެކު މަސައްކަތްކުރާނެ އިދިކޮޅު ޕާޓީއެއްނެތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޔާމީނުގެ ރިޔާސީ ބަޔާނާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. "ދިވެހިރާއްޖެއަށް ސިޔާސީ ގޮތުން ދިމާވެފައިވާ އެންމެބޮޑު ހިތްދަތި ކަމަކީ، އެންމެ ދެރަކަމަކީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާނެ އޮޕޮސިޝަން ޕާޓީއެއްނެތުން. މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި އެންމެ މުހިންމު އެއް އަސާސަކީ ޒިންމާދާރު އޮޕޮސިޝަން ޕާޓީއެއް އޮތުން،" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް ނުވަތަ ތިބި އިދިކޮޅު ޕާޓީތަކުގެ ޒިންމާ އެއްގޮތަކަށްވެސް ފެނި ވަޑައިނުގަންނަވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް މިބޭފުޅުންގެ ކިބައިން އެއްވެސް ޒިންމާދާރު ކަމެއްނުފެނޭ. ދައުލަތުގެ ބަޖެޓަކަށް ވޯޓެއް ނުދެއްވާ. ރިޔާސީ ބަޔާން ދެއްވާއިރު އިދިކޮޅުން ދޭންޖެހޭ ލަފައާއި އިރުޝާދާއި، ދެއްވަންޖެހޭ ރައްދެއް ދެއްވުމުގައި އެބޭފުޅުންވަނީ އިހުމާލުވެފައި ނުވަތަ ފަރުވާ ކުޑަކޮށްފައި. އެންމެ ކުޑަމިނުން އެޖަލްސާއަށް ވަޑައިވެސް ނުގަނަންވާ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފާއިތުވި 4 އަހަރު ރައީސް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓަށް އެމްޑީޕީން ވޯޓުދެއްވައިފައި ނުވާކަމަށެވެ. އެހެންނަމަވެސް ސަރުކާރާއެކު ޖޭޕީ އޮތްއިރު އެޕާޓީން ވޯޓު ދެއްވި ކަމަށެވެ.

މަލްޓީޕާޓީ ޑިމޮކްރަސީއެއްގައި ޕާޓީތައް ހިނގާގޮތް އިދިކޮޅު ޕާޓީތަކަށް ނޭނގެނީބާވާއެއް ވިދާޅުވެ މިނިސްޓަރ ވަނީ ސުވާލު އުފައްދަވައިފައެވެ. އެމެރިކާއާއި، އިންގިރޭސީވިލާތުގެ އިދިކޮޅު ޕާޓީތައްވެސް މަޖިލީހަށް ދެއްވަންޖެހޭ އެއްބާރު ލެއްވުން ދެއްވަމުން ގެންދަވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.