ރާއްޖެއިން މަސައްކަތް މިކުރަނީ އދ. ގެ ގޮނޑިއެއް ކާމިޔާބު ކުރަން: ރައީސް

މި ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ ވަނީ އެދެވޭ ކުރިއެރުންތަކެއް ހާސިލުކޮށްފައި. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެކި ދާއިރާތަކުން ލީޑަރޝިޕް ދައުރެއް، ރާއްޖެ މިހާރުދަނީ އަދާކުރަމުން.

ރާއްޖެއިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ 2019 - 2020 ގެ ދައުރުގެ އޭޝިއާ-ޕެސިފިކް ގްރޫޕަށް ޚާއްސަ ނޮން-ޕަރމަނަންޓް ގޮނޑި ކާމިޔާބު ކުރުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

މިރޭ އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ އެގޮނޑި ކާމިޔާބު ވެއްޖެކަމަށްވާނަމަ އެއީ ރާއްޖެއަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކަށްވާނެ ކަމަށެވެ. "އެއީ ޓެރަރިޒަމާއި ކުދި ޖަޒީރާ ގައުމުތަކުގެ ރައްކާތެރިކަމާއި ތިމާވެށްޓާއި ތަރައްގީ ފަދަ ދިވެހިރާއްޖެއަށް މުހިންމު ދާއިރާތަކުން ބައިނަލްއަގުވާމީ ފެންވަރުގައި އަޑު އުފުލައި، ބޭރު ދުނިޔޭގައި ރާއްޖޭގެ ޝަޚްސިއްޔަތު ހަރުދަނާކޮށް، ރާއްޖެއިން ބޭނުންވާ އަމާޒުތަކަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި ދެކެން،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސަރުކާރުން ގެންދަވަނީ ބޭރުގެ މާލީ އިދާރާތަކާއެކު، ގުޅުން ބަދަހިކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވަމުން ކަމަށެވެ. "އެގޮތުން އޭ.ޑީ.ބީ، ވަރލްޑް ބޭންކް އަދި އައި.ޑީ.ބީ ފަދަ ޒަމާނުންސުރެ ރާއްޖެއަށް އެހީވަމުންދާ މާލީ އިދާރާތަކުގެ އިތުރުން، ގިނަ ގައުމުތަކެއްގެ ”އެކްސްޕޯޓް-އިމްޕޯޓް “އަދި އިންވެސްޓްމަންޓް ބޭންކުތަކާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ފަދަ އިދާރާތަކުގައިވެސް ރާއްޖެއިން ހަރަކާތްތެރިވެ، އެ އިދާރާތަކުން ގައުމީ ބޮޑެތި މަޝްރޫއުތަކަށް އެހީ ހޯދުމުގެ މަސައްކަތްތައްވެސް ކާމިޔާބުކަމާއެކު ދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

މީގެ ފަސްވަރަކަށް ދުވަސްކުރިން ސައުދީ ފަންޑުންވަނީ ވަރަށް ކުއްލި ގޮތަކަށް ރާއްޖެއަށް 160 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ހަމަޖައްސަވައިދެއްވާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.