ކައު ސާހިބާ (5)

ޒުވާން ޢުމުރުފުޅުން ފެށިގެން ރަސޫލުކަން ލިބިވަޑައިގަތުން

( 25 މާރިޗު 2024 ވަނަދުވަހު ޝާއިޢުކުރި ބަޔާގުޅޭ )

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތަކީ ، ކުރިން ވަޑައިގެންނެވި ނަބިއްޔުންނާއި ރަސޫލުންވެސް ޢިޝާރާތްކުރައްވާފައިވާ ކަމެކެވެ. ކޮންމެ ނަބީބޭކަލެއްވެސް ވަޑައިގެންނެވުމަށްފަހު ، އެބޭފުޅެއްގެފަހުން ، އެހެން ނަބިއްޔަކު ފޮނުއްވާނެކަމަށް ވިދާޅުވެއެވެ. އޭގެތެރެއިން ، ބައެއްބޭފުޅުންވަނީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު ގެންނަވާފައެވެ. ފަހުގެ ދުވަސްތަކެއްގައި މުޙައްމަދުގެފާނު ނަބީކަމައިގެން ވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ، ސަލާމްލެއްވި އިބްރާހީމްގެފާނު ، ﷲ އަށް ކުރެއްވި ދުޢާފުޅެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 129 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

رَبَّنَا وَٱبْعَثْ فِيهِمْ رَسُولاً مِّنْهُمْ يَتْلُواْ عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ ٱلْكِتَابَ وَٱلْحِكْمَةَ وَيُزَكِّيهِمْ إِنَّكَ أَنتَ ٱلعَزِيزُ ٱلحَكِيمُ

މިއާޔަތުގެ މާނަޔަކީ ، " އަޅަމެންގެ ވެރިރަސްކަލާކޮ ! އަދި އެ އުއްމަތުގެ މީހުންނަށް ، އިބަރަސްކަލާނގެ އާޔަތްތައް ވިދާޅުވެދެއްވާ ، ޙިކުމަތާއި ފޮތް އުނގަންނަވައިދެއްވާ ، އަދި ( އެންމެހައި ނުބައި ގޮތްތަކުން ) އެ އުއްމަތް ޠާހިރުކުރައްވާނޭ ރަސޫލަކު ، އެ އުއްމަތުގެ ތެރެއިން ، އެ އުއްމަތުގެ ތެރެޔަށް ފޮނުއްވައިދޭވެ ! ހަމަކަށަވަރުން ، އިބަރަސްކަލާނގެއީ ޢަޒީޒު ވަންތަ ، ޙަކީމުވަންތަ ރަސްކަލާނގެއެވެ. "

މިއީ ، އިސްމާޢީލު ޢަލައިހިއްސަލާމުގެ ނަސަބުފުޅުން ނަބިއްޔަކު ފޮނުއްވުން އެދިވަޑައިގެން ، އިބްރާހީމު ޢަލައިހިއްސަލާމް މައްކާގައި ކުރެއްވި ދުޢާފުޅެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ، އެކަލޭގެފާނުގެ ދުޢާފުޅު އިޖާބަކުރައްވައި ، އިސްމާޢީލުގެފާނުގެ ދަރިކޮޅުން ނަބިއްޔަކު ފޮނުއްވިއެވެ. އެއީ ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.

ސަލާމްލެއްވި މޫސާގެފާނަށް ބާވައިލެއްވުނީ ތަވްރާތެވެ. ސަލާމްލެއްވި ޢީސާގެފާނަށް ބާވައިލެއްވުނީ އިންޖީލެވެ. ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ރަސޫލުކަމައިގެން ފޮނުއްވާނޭކަން ، އެ ދެފޮތުގައިވެސް ބަޔާން ކުރެވިފައި ވެއެވެ.

ކީރިތި ޤުރުއާނުގެ އަލްއަޢުރާފު ސޫރަތުގެ 157 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِىَّ ٱلأُمِّىَّ ٱلَّذِى يَجِدُونَهُ مَكْتُوباً عِندَهُمْ فِى ٱلتَّوْرَاةِ وَٱلإِنْجِيلِ يَأْمُرُهُم بِٱلْمَعْرُوفِ وَيَنْهَاهُمْ عَنِ ٱلْمُنْكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَآئِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَٱلأَغْلاَلَ ٱلَّتِى كَانَتْ عَلَيْهِمْ فَٱلَّذِينَ آمَنُواْ بِهِ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِيۤ أُنزِلَ مَعَهُ أُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ

މިއާޔަތުގެ މާނަޔަކީ ، " އެއުރެންނީ އުއްމިއްޔަ ނަބިއްޔާކަމުގައިވާ ، ރަސޫލާއަށް ތަބާވާމީހުންނެވެ. އެ ރަސޫލާއި ، އެއުރެންގެ ގާތުގައިވާ ތަވްރާތާއި އިންޖީލުގައި ، ( ރަސޫލާގެ ސިފަފުޅުތައް ) ލިޔެވިގެންވާތީ އެއުރެންދެކޭ ރަސޫލެވެ. އެކަލޭގެފާނު ، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ، ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ، ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލުކުރައްވަތެވެ. އަދި ، ނުބައި ވެގެންވާ ތަކެތި ، އެއުރެންނަށް ޙަރާމް ކުރައްވަތެވެ. އަދި ، އެއުރެންގެ މައްޗަށްހުރި ބުރަތަކާއި ، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި ، ލުއިކުރައްވަތެވެ. ފަހެ ، އެކަލޭގެފާނަށް އީމާންވެ ، އެކަލޭގެފާނަށް ވާގިވެރިވެ ، ނަޞުރުވެރިވެ ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބާވީމީހުން ، ( ދަންނާށެވެ ! ) ދިންނަވާނޭ މީހުންނަކީ ، ހަމަ އެއުރެންނެވެ. "

ތަވްރާތާއި އިންޖީލުގައި ބަޔާންވެގެންވާ ރަސޫލަކީ ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނު ، ﷲ ގެ ޙަޟުރަތުން ގެންނެވި ފޮތަކީ ، ކީރިތި ޤުރުއާނެވެ. އެއަށްފަހު އެކަލޭގެފާނުގެ ސުންނަތެވެ. އެއާއެކު ، މުޅިއިންސާނިއްޔަތަށް ޢަދްލާއި އިންސާފު ކަށަވަރުކޮށްދޭ ޝަރީޢަތެވެ. މިއީ ، އިސްލާމީ އުއްމަތަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވި ރަޙުމަތެކެވެ.

ކީރިތި ޤުރުއާނުގެ ސޫރަތުއްޞައްފުގެ ހަވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَإِذْ قَالَ عِيسَى ٱبْنُ مَرْيَمَ يٰبَنِى إِسْرَائِيلَ إِنِّى رَسُولُ ٱللَّهِ إِلَيْكُم مُّصَدِّقاً لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَاةِ وَمُبَشِّراً بِرَسُولٍ يَأْتِى مِن بَعْدِى ٱسْمُهُ أَحْمَدُ فَلَمَّا جَاءَهُم بِٱلْبَيِّنَاتِ قَالُواْ هَـٰذَا سِحْرٌ مُّبِينٌ

މިއާޔަތުގެ މާނަޔަކީ ، " އަދި ، މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު ވިދާޅުވިހިނދު ( ހަނދުމަ ކުރާށެވެ ! ) އޭ އިސްރާއީލުގެ ދަރިންނޭވެ ! ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ، ތިޔަބައިމީހުންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ ތަވްރާތުގެ ޙުކުމްތައް ތެދުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ، ތިމަންކަލޭގެފާނަށްފަހު ، އަޙްމަދުއެވެ ނަމަކަށް ކިޔުނު ރަސޫލަކު ވަޑއިގަންނަވާނޭކަމުގެ އުފާވެރި ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ. ފަހެ ، އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު ، އެކަލޭގެފާނު ވަޑައިގެންނެވި ހިނދު ، އެއުރެން ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ. "

ސަލާމްލެއްވި ޢީސާގެފާނަށްފަހު ވަޑައިގެންނެވި ރަސޫލަކީ ކޮބައިތޯ ، ޣައިރުދީންތަކުގެ އަހުލުވެރިންކުރެން އަހައިފި ނަމަ ، އެމީހުންނަށް ދެއްކޭނެ މީހަކު ނެތެވެ.

ކުރީގެ އެއްވެސް ރަސޫލަކު ވަޑައިގެން އެއީ އެންމެ ފަހުގެ ރަސޫލާކަމަށް ވިދާޅުވެފައެއް ނެތެވެ. އެހެންނަމަވެސް ، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ، ރަސޫލުކަމައިގެން ވަޑައިގެން ، އެކަލޭގެފާނަކީ ، ރަސޫލުކަމާއި ނަބީކަން ޚަތިމުކުރެއްވި ކައުސާހިބާކަން ބަޔާން ކުރައްވާފައި ވެއެވެ. އެކަލޭގެފާނަށްފަހު ، އެއްވެސް ރަސޫލަކު އަދި ނަބިއްޔަކު ދުނިޔެއަށް ފޮނުއްވިފައެއް ނެތެވެ. ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ދުނިޔެއަށް ފޮނުއްވުނީ ، ޢާލަމްތަކަށް ރަޙުމަތެއްކަމުގައެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވަޙީބާވައިލައްވަން ފެށުމުގެ ވަގުތު ޖެހުނު ހިނދު ، އެކަލޭގެފާނަށް ހުވަފެންފުޅުތަކެއް ފެނިވަޑައިގަންނަވަން ފެށްޓިއެވެ. ރޭގަނޑު ފެނިވަޑައިގަންނަވާ ހުވަފެންފުޅު ، ހެނދުނު ނުވަތަ ދުވާލުގެ ވަގުތުގައި ސީދާ ވެއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން ސާޅީސް އަހަރުފުޅެވެ. އެކަން ވެގެންދިޔައީ ، އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުމުގެ ޢަލާމާތްތަކުގެ ތެރެއިން އެއްކަމަކަށެވެ. އެކަމާމެދު ފިކުރުފުޅު ކުރައްވަމުން ، އެކަހެރިވެވަޑައިގެން ހުންނެވުމަށް ބޭނުންފުޅުވެ ، މައްކާގެ އުތުރު ހުޅަނގުގައިވާ ހިރާފަރުބަދަޔަށް އަރައިވަޑައިގެން ، އެފަރުބަދައިގައިވާ ހޮހަޅައެއްގައި މަޑުކުރައްވަން ފެށްޓެވިއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.