ރަމަޟާން މަހަށް މަރުޙަބާ

އަހަރަކު އެއްފަހަރު ، މުސްލިމުންނާ ކުރިމަތިލާ ރަމަޟާންމަހަކީ ، ބަރަކާތުން ފުރިގެންވާ ، އަޅުކަމަށް ޚާއްޞަ މައްސަރެކެވެ. މި ހިނގާ މާރިޗުމަހުގެ 8 ވީ ހުކުރުދުވަހު ، ރާއްޖޭގެ ހުރިހާ ރަށެއްގައި އިއްވުނު ހުކުރު ޚުތުބާއަކީ ، ރަމަޟާން މަހަށް އިސްތިޤްބާލް ކުރުމަށްޓަކައި ، މުސްލިމުން ތައްޔާރުވުމަށް ނަޞޭޙަތްތެރިވެފައިވާ ޚުތުބާއެކެވެ. ރަމަޟާންމަހަށް މަރުޙަބާ ކިއުމަށް ، މުސްލިމް އުއްމަތް ތައްޔާރު ވުމުގައި ވިސްނައި ފިކުރު ކުރަންވީ އެތައްކަމެއް އެބަހުށްޓެވެ. އަހަރަކު އެއްފަހަރު ކުރިމަތިލާ ، މިމާތް މައްސަރަށް މަރުޙަބާކިޔައި ، އަޅުކަމަށް ޚާއްޞަވުމަށްޓަކައި ޢަމަލުކުރަންޖެހޭ ކަންތައްތަކެއް އެ ޚުތުބާގައި ބަޔާޏްކުރެވިފައި އެބަހުށްޓެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ޙަދީޘް ކުރައްވާފައި ބަސްފުޅެއްގެ މާނައިގާ ވެއެވެ. " ރަމަޟާންމަހާ ބައްދަލުވެ ، ފާފަތައް ނުފޮހެވި ، އެމަހާ ވަކިވެގެންދާ މީހާއަށް ހަލާކު ހުށްޓެވެ. " މާނަޔަކީ ، ރަމަޟާންމަހެއްގައި އެމަހުގެ އަޅުކަން އަދާކުރުމަށް ފުރުޞަތުލިބި ، އަޅުކަން އަދާނުކުރެވި ، ފާފަތައް ނުފޮހެވި ، އެމީހަކާ އެމަސް ވަކިވެގެންދާ ނަމަ ، އެއީ އެމީހަކަށް ހަލާކުހުރި ކަމެއްކަން ބަޔާން ކޮށްދެއްވުމެވެ. އެމަހަކީ ، ﷲ ގެ ނަފަޙާތުތަކާއި ބަރަކާތްތައް ، މުއުމިނު އަޅުންގެ މައްޗަށް ވަކިމިނެއްނެތި  އޮއްސަވާ މައްސަރެކެވެ.

ބަރަކާތުން ފުރިގެންވާ ރަމަޟާންމަހު ، ހިފުމަށް ﷲ ތަޢާލާ އަންގަވާފައިވާ ރޯދަޔަކީ ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއްރުކުނެވެ. އެއީ އިންސާނާ ހެއްދެވިފަރާތާއި އިންސާނާއާ ދެމެދު އޮތް މަތިވެރި ގުޅުމެކެވެ. އެކަލާނގެއަށް އަޅުކަން ޚާލިޞްކުރުމަށް ، އިންސާނާއަށް ތަނަވަސްކޮށްދެއްވާ އަގުހުރި ފުރުޞަތެކެވެ. ކަނޑައެޅި ބަޔާންވެގެންވާ ދުވަސްތަކެކެވެ. އެދުވަސްތައް ފާއިތުވުމަށްފަހު ، އަނބުރާ ނުގެނެވޭނެ ދުވަސްތަކެކެވެ. ރަމަޟާންމަހުގެ ރޯދަ ފުރިހަމަގޮތުގައި ހިފައިފިމީހާއަށް ﷲ ދެއްވާ ރަޙުމަތުގެ މިނެއް ނެތެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ޙަދީޘް ކުރައްވާފައި ބަސްފުޅެއްގެ މާނައިގާ ވެއެވެ. " މާތް ﷲ އަށް އީމާންވެ ، އެކަލާނގެ ޙަޟުރަތުން ދަރުމައާއި ޘަވާބު އަދައިގެން ، ރަމަޟާންމަހު ރޯދަހިފައިފި މީހާގެ ، އިސްވެދިޔަހައި ފާފަތައް ، އެކަލާނގެ ފުއްސަވައި ދެއްވާނެތެވެ. " އެހެންކަމުން ތެދުވެރި އަދި ފުރިހަމަ ތަވްބާއަކުން ތަވްބާވެ ، ރަމަޟާންމަހާ އިސްތިޤްބާލް ކުރުމަކީ މުހިންމު ކަމެކެވެ. އެއަށްފަހު ، ރަމަޟާންމަހުގެ އަޅުކަމުން ތިމާއަށް ކެރިކުޅަދާނަވެގެންވީ އެއްވެސްކަމެއް ދޫކޮށްނުލައި ، ޢަމަލުތައް ސީދާކޮށް ސާބިތުވެ ހުރުމަކީ ، ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ތަރާވީޙު ނަމާދަށް ސަމާލު ވެ ، އިޢުތިކާފަށް އިނދެ ، ކީރިތި ޤުރުއާން ކިޔެވުން ގިނަކުރާށެވެ. ޞަދަޤާތްކުރުން ގިނަކުރާށެވެ. ފިޠުރު ޒަކާތަކީ ޖީބުން އުނިވާ ބުރަޔަކަށް ނުހަދައި ، ފިޠުރުޒަކާތް ދިނުމަށް އަވަސްވެ ގަންނާށެވެ.

މިޒަމާނަކީ ޞިއްޙީ ހޭލުންތެރިކަމުގެ ތެރެއިން ، ކެއުމުގެ އެކި އާދަތައް އެކިމީހުންގައި ހުންނަ ދުވަސްވަރެކެވެ. ވަކިވަރަކަށް ، ކެއުން މަދުކުރާ މީހުންނާއި ވަކި އިރަކަށް ކެއުމުން ދުރުހެލިވުމާއި ވަކިއިރަކުން ފެށިގެން ނުކާމީހުން އެބައުޅެއެވެ. މިސާލަކަށް އެބައިމީހުންގެ ކެއުމުގެ އާދަތަކަށް ފައްތައިގެން ހާރުނުކައި ރޯދަހިފާމީހުން އެބައުޅެއެވެ. ނިދުމުގެ ކުރިންކާއެއްޗެއް ކެއުމަށްފަހު ، އޭގެފަހުން އެއްޗެއް ނުކައި ރޯދަޔަށް ހުންނަ މީހުން އެބަ އުޅެއެވެ.

ހާރުކެއުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ބާރުއަޅުވާފައިވާ ކަމެކެވެ. ހާރުނުކައި ރޯދަޔަށް ހުރުމަކީ ، އެކަލޭގެފާނުގެ ސުންނަތާ ޚިލާފު ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ޙަދީޘް ކުރައްވާފައި ބަސްފުޅެއްގެ މާނައިގާ ވެއެވެ. " ތިޔަބައިމީހުން ހާރުކާށެވެ ! ފަހެ ، ހަމަކަށަވަރުން ، ހާރުކެއުމުގައި ބަރަކާތެއް ވެއެވެ. ވީހާވެސް ބޮޑަކަށް ، ހާރު ކެއުން ފަސްކުރުމަކީވެސް ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައިވާ ކަމެކެވެ.

ރަމަޟާންމަހުގެ ފުރަތަމަރޭ ، ﷲ ސުބްޙާނަހޫ ވަތަޢާލާ ، އެކަލާނގެ ޚަލްޤުކުރެއްވި އަޅުންނަށް ބައްލަވައި ވޮޑިގަންނަވާނެތެވެ. އެކަލާނގެ ބައްލަވާ ވޮޑިގެންފި އަޅަކު ، ދުވަހަކުވެސް ނަރަކަޔަކަށް ނުވައްދަވާނެތެވެ. މިއީ ކިހާބޮޑު ނިޢުމަތެއްތޯއެވެ ؟

ރަމަޟާންމަހުގެ ރޭތައް ، ބޭކާރުގޮތުގައި ނަގައިނުލުމަށް ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ވަޞިއްޔަތް ކުރައްވާފައި ވެއެވެ. އެހެންކަމުން ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އަށް ތަބާވެ ، އިޤްތިދާވާ މީހުންނަކީ ، އެކަލޭގެފާނުގެ ބަސްފުޅު އަހައި ، ސުންނަތުގައި ހިފަހައްޓައި ، ރަމާޟާންމަހުގެ ރޯދަހިފައި ، ރަމަޟާންމަހުގެ ރޭތަކުގައި ހީވާގިކަމާއެކު އަޅުކަންކުރާ މީހުންނެވެ.

ކީރިތި ޤުރުއާނުގެ މޫރިތި ސޫރަތްތަކުން ، ސޫރަތުލްބަޤަރާގެ 183 ވަނައާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

މިއާޔަތުގެ މާނައަކީ ، " އޭ އީމާންވެއްޖެ މީސްތަކުންނޭވެ ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވިފަދައިން ، ތިޔަބައިމީހުންގެ މައްޗަށްވެސް ، ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ، ތަޤްވާވެރިވުމަށްޓަކައެވެ. "

މީގެ އިތުރަށް ، ސޫރަތުންބަޤަރާގެ 185 ވަނައާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ، ވަޙީކުރައްވާފައި ވެއެވެ.

شَهْرُ رَمَضَانَ ٱلَّذِيۤ أُنْزِلَ فِيهِ ٱلْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضاً أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلاَ يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُواْ ٱلْعِدَّةَ وَلِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ

މިއާޔަތުގެ މާނަޔަކީ ، " ރަމަޟާންމަހަކީ ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. ( އެ ޤުރުއާން ބާވައިލެއްވީ ) މީސްތަކުންނަށް ހުރި ތެދުމަގެއްކަމުގައްޔާއި ، ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ ، ތިޔަބައިމީހުންގެ ތެރެއިން އެމައްސަރުގައި ޙާޟިރުވެ ހުރެއްޖެމީހާ ، އެމަހުގެ ރޯދަ ހިފާހުށި ކަމެވެ ! އަދި ، ބަލިވެ އުޅޭމީހާ ނުވަތަ ދަތުރެއްގެ މަތީގައިވާމީހާ ، ( އެމައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ ) އެހެން ދުވަސްތަކަކުން ، އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ، ދަތި އުނދަގޫގޮތް ، ތިޔަބައިމީހުންނަކަށް ، އިރާދައެއް ނުކުރައްވަތެވެ. ( މިކަންތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ ) ތިޔަބައިމީހުން ، އެމައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަކުރުމަށްޓަކައެވެ. އަދި ، ތިޔަބައިމީހުންނަށް ، ތެދުމަގު ދެއްކެވިކަންމައްޗަށް ، ﷲ އަށް ތަކުބީރުކިޔައި އުޅުމަށްޓަކައެވެ. އަދި ، ތިޔަބައިމީހުން ، ( އެކަލާނގެއަށް ) ޝުކުރުވެރިވުމަށްޓަކައެވެ.

ރަމަޟާންމަހު ރޯދަހިފައި ، ކީރިތިޤުރުއާން ކިޔަވައިފިމީހާއަށް ، ޤިޔާމަތްދުވަހު ، ރޯދައާއި ކީރިތި ޤުރުއާން ، މާތް ﷲ ގެ ޙަޟުރަތުގައި ޝަފާޢަތްތެރިވާނެކަމަށް ވާރިދުވެގެންވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ޙަދީޘް ކުރައްވާފައި ބަސްފުޅެއްގެ މާނައިގާ ވެއެވެ. " ( ޤިޔާމަތްދުވަހު ) ރޯދަ ދަންނަވާނެތެވެ. މިއަޅާގެ ވެރި ރަސްކަލާކޮ ! ދުވާލުގެ ވަޤުތުގައި ، ކެއިންބުއިމާއި ޝަހުވަތްތަކުން ، މިއަޅާ އޭނާ މަޙުރޫމް ކުރުވީމެވެ. ފަހެ ، އޭނާއާމެދު މިއަޅާގެ ޝަފާޢަތް ޤަބޫލު ކުރައްވާދޭނވެ ! އަދި ، ކީރިތި ޤުރުއާން ދަންނަވާނެތެވެ. ރޭގަނޑުގެ ނިދިން ، މިއަޅާ އޭނާ މަޙުރޫމް ކުރުވީމެވެ. ފަހެ ، އޭނާއާމެދު މިއަޅާގެ ޝަފާޢަތް ޤަބޫލުކުރައްވާނދޭވެ ! ފަހެ ، އެމީހަކާމެދު ، ކީރިތި ޤުރުއާނާއި ރޯދައިގެ ޝަފާޢަތް މާތް ﷲ ޤަބޫލުކުރައްވާނެތެވެ. "

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ ! އެންމެ ފުރިހަމަގޮތުގައި ، ރަމަޟާންމަހަށް މަރުޙަބާ ކިޔައި ، އެމަހާ އިސްތިޤްބާލްކުރާ އަޅުންގެ ތެރޭގައި އަޅަމެން އެންމެން ހިމަނުއްވައި ، ޝާމިލްކޮށްދެއްވާނދޭވެ ! މިބަރަކާތްތެރި މައްސަރުގައި ، އަޅަމެންގެ ޢަމަލުތައް ސީދާކުރައްވައި ، އިބަރަސްކަލާނގެ ރުހިވޮޑިގެންވާމަގުގައި ސާބިތުވެ ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ސުންނަތަށް ތަބާވެ ، މި ބަރަކާތްތެރި މައްސަރުގެ އެންމެހައި އަޅުކަން ފުރިހަމަކުރުމަށް ތަވްފީޤު ދެއްވައި ، އެކަމުގެ ދަރުމައާއި ޘަވާބު ، އަޅަމެންނަށް މިންވަރު ކުރައްވާށިއެވެ ! އިބަރަސްކަލާނގެ ތަނަވަސް ރަޙުމަތްފުޅާއި ، މަތިވެރި ނިޢުމަތުން މަޙުރޫމް ވެގެންވާ މީސްތަކުންގެ ތެރޭގައި އަޅަމެން ނުލައްވާށިއެވެ. ރަމަޟާންމަހުގެ އަޅުކަމަކީ ، އަޅަމެންގެ ހިތާއި ރޫޙުން އެކަމަށް އެދިގެންވާ ޙާލު ، އިބަ ﷲ ގެ ޙާޟުރަތަށް ކުއްތަންވެ ، އިބަރަސްކަލާނގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންދާފަދަ ، ޘަވާބާއި ރަޙުމަތާއި ނިޢުމަތުގެ ބަރަކާތުން ފުރިގެންވާ ހެޔޮ ޢަމަލުތަކެއްކަމުގައި ލައްވާށިއެވެ ! އާމީން.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.