ފަލްސަފާ (61)

( 10 މރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ކުރިންވެސް ދެމީހުންނަށް އެއްބަސްވެވިފައިވާގޮތަށް ، މުރުތަޟާއާއި ނޫރުލްޢައިނު ، ބައްދަލުކުރަމުން ގެންދިޔައެވެ. އެރެޔަކީވެސް އެދެމީހުން ބައްދަލުކުރަން ނިންމާފައި އޮތް ރެޔެކެވެ. ބައްޕަގެ ވާހަކަ މެދުކަނޑުވާލާފައި ، ނޫރު އެރޭ ގެއިން ނުކުމެގެން އައީވެސް އެދެމީހުންގެ ބައްދަލުވުމަށެވެ. ރެސްޓޯރެންޓްގައި ނޫރުއާއި މުރުތަޟާ ބައްދަލުކޮށް ވާހަކަ ދައްކަމުން ގެންދިޔައެވެ.

ޠާހިރާގާތު ، މުރުތަޟާ ދެއްކި ވާހަކަތައް ، މުރުތަޟާ ނޫރުއަށް ކިޔައިދިނެވެ. މުރުތަޟާގެ ހިތްވަރު ގަދަކަމަށް ނޫރު މަރުޙަބާ ކިއެވެ. އެއީ ނުރުއަށް ޤަބޫލުކުރެވޭވަރުގެ ކަމެއްނޫނެވެ. އެހާބޮޑު ހިތްވަރެއް ، މުރުތަޟާއަށް އެލިބުނީ ކިހިނެއްބާވައެވެ. އަމިއްލަ އިޚްތިޔާރަށް އިސްކަންދީ ، އަމިއްލަ ނަފްސަށް ކަމެއްކުރަން މުރުތަޟާގެ ހިތަށް އައީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟ މުރުތަޟާއަކީ ކުރިން ، އޭނާގެ އަމިއްލަ ކަންކަން މަޑުޖައްސައިލާ އެހެންމީހުންގެ ކަންކަމަށް އިސްކަންދޭ މީހެކެވެ. ޚާއްޞަކޮށް އޭނާގެ ޢާއިލާގެ މީހެއްގެ ކަމެއް ވިއްޔާ ، އެހެން ހުރިހާކަމެއް ދޫކޮށްލާފަވެސް ، އެކަމަކަށް އޭނާ އިސްކަން ދޭނެއެވެ.

މުރުތަޟާ ދެއްކި ވާހަކަޔާބެހޭގޮތުން ، ޠާހިރާ ބުނީ ކީކޭތޯ ނޫރު ސުއާލު ކުރިއެވެ. އެއީ އެއިން އެއްވެސްމީހަކަށް އެހާ ފަސޭހަ ކަމެއްނޫނެވެ. މުރުތަޟާ ދެއްކި ވާހަކަތައް އަޑުއަހަންވެސް ، ޠާހިރާ އޮތީ ދެކޮޅު ހަދާފައެވެ. އެވާހަކަތައް ވެގެން ދިޔައީ ، ޠާހިރާއަށް ލިބިގެންދިޔަ ވަރަށްބޮޑު ޝޮކަކަށެވެ. ޠާހިރާއަށް  އެކަމާބެހޭގޮތުން ވަކި އެއްޗެކޭ ބުނާކަށް ފުރުޞަތެއް ނުލިބެއެވެ. ހިމޭނުން އިނީއެވެ. އެކަމަކު އެ ހިމޭންކަން ކޮންމެވެސް އެއްދުވަހަކުން ، ބޮމަކަށްވެގެންގޮސް ބާރަށް ގޮވާނެއެވެ. އެއީ މަންމަގެ ކަންފަތުގައި އެވާހަކަ ޖެހޭ ދުވަހެވެ. އެދުވަހަކުން ދުނިޔެ ޤިޔާމަތް ވާނެއެވެ. އެކަމަކުވެސް މުރުތަޟާ މިހާރު އެހުރީ އެހުރިހާ ކަމަކާ ކުރިމަތިލާން ތައްޔާރަށެވެ.

މުރުތަޟާ އެހުރީ ، އެކަމާގުޅިގެން ކުރިމަތިވެދާނެ ކޮންމެފަދަ ކަމަކާވެސް ކުރިމަތިލާން ، ހިތާއި ނަފްސުން ނިންމައި އެކަންކަމަށް ތައްޔާރު ވެގެންނެވެ.

އެއިން ކޮންމެ ކަމެއްގައިވެސް ، ނޫރު އޭނާއާއެކުގައި ވާނަންދޯއޭ ބުނެ ، މުރުތަޟާގެ އަތް ނޫރުއާ ދިމާއަށް ދިއްކޮށްލިއެވެ. އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ، މުރުތަޟާ ދިއްކޮށްގެން އިން އަތުގައި ނޫރު ހިފައިލިއެވެ. އަދި އާނއެކޭ ބުނުމަށް ބޯޖަހައިލިއެވެ. ނޫރުއަށް އެލިބިގެންދިޔައީ ވަރަށް ބޮޑު ހިތްވަރެކެވެ. ފުރާވަރަށް އަޅައި ، ދުނިޔޭގެ ކަންކަމަށް ވިސްނެންފެށި ހިސާބުން ފެށިގެން ، އޭނާ ބުނާ ކޮންމެ އެއްޗެއްގައި އައީ ސާބިތުކަމާއެކު ހިފަހައްޓަމުންނެވެ. އަދި ކުރަންބޭނުންވާ ކަންކަންވެސް އައީ ފުރިހަމަ ކުރަމުންނެވެ. ނޫރުގެ އަމިއްލަ ފަލްސަފާގެ ތެރެއިންނެވެ. މުރުތަޟާ އެހުރީ ނޫރުއާއެކުގައިކަމަށް ވަންޏާ ، ކޮންމެ ފަދަ ތޫފާނެއް ނޫރުއާ ކުރިމަތިވިޔަސް ކެރިގެން ކުރިމަތި ލާނެއެވެ. އެހެން އެއްވެސް ކަމަކަށް ނޫރު ބަރުބާދުކޮށެއް ނުލެވޭނެއެވެ. އަބަދުވެސް ނޫރުހުންނާނީ މުރުތަޟާއާ އެކީގައެވެ. މުރުތަޟާއާ ނުލައި ، ނޫރުގެ ދުނިޔެ ފުރިހަމައެއް ނުވާނެއެވެ.  އެއްވެސް ޝަރުތެއްނެތި މުރުތަޟާއާ ބައިވެރިވީތީ ، ނޫރުއަށް މުރުތަޟާ ޝުކުރު އަދާކުރިއެވެ.

އެވަގުތު ، އެ ރެސްޓޯރެންޓްގެ ދޮރުމަތިން އެ ކުރިކަނޑައިލީ ، ހާރިސް އާއި ރައިދާއެވެ. ދޮރުން ވަންނަމުން  އެއްލި ކަޅިޔަކުން ، ހާރިސްގެ ލޮލުގައި އަޅައިގަތް މަންޒަރެއް ޔަޤީންކޮށްލުމަށްޓަކައި ، އެހުރިގޮތަށް ފަހަތަށް ޖެހިލައި ރަނގަޅަށް ބަލައިލިއެވެ. ހާރިސްއަށް ފެނުނީ ، އެ ރެސްޓޯރެންޓްގައި ނޫރުއާއި މުރުތަޟާ އަތުގުޅާލައިގެން ، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި މަންޒަރެވެ. ޤާބޫލުކުރަން ދަތިވެގެން ދެވަނަ ފަހަރަށްވެސް ލޯފުހެލާފައި ބަލައިލާ ، އޭނާއަށް އެފެނުނު މަންޒަރުގެޞައްޙަކަން ކަށަވަރު ކުރިއެވެ. އެމަންޒަރަށް ބަލަހައްޓައިގެން އެތައް އިރެއްވަންދެން ހާރިސްއަށް ހުރެވުނެވެ. ރައިދާ ބަލައިލިއިރު ، ހާރިސް ހުއްޓިހުރީތީ ، ކައިރިޔަށް އައިސް ، ހާރިސްގެ ކަޅި ހުއްޓިފައިވާ ދިމާލަށް ބަލައިލިއެވެ. ރައިދާއަށްވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ.

ނޫރުލްޢައިނުއާއި މުރުތަޟާއެވެ. އެދެމީހުންތިބީ އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ހިނިތުންވެފައެވެ. އެކަކު އަނެކެއްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ރައިދާއަށްވެސް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. މުރުތަޟާއާއި ނޫރުލްޢައިނު ބައްދަލުކޮށް ހަދާކަމަށް ކުރިން އިވިފައި އޮންނަނީ އަޑެކެވެ. ރައިދާގެ ލޮލަކަށް އެފަދަ މަންޒަރެއް ނުފެނެއެވެ. ޢާންމުން ގޮސް ، މީހުން އެއްވެ އުޅޭ ރެސްޓޯރެންޓެއްގައި އެދެމީހުން އެތިބީ ، އެއްވެސް ލަދުވެތިކަމެއް ޖެހިލުމެއް ނެތިއެވެ. މުރުތަޟާ އެއިނީ ހިލޭ އަންހެނެއްގެ އަތުގައި ހިފާލައިގެންނެވެ. ނޫރު އެއިނީ މީހެއްގެ ފިރިއެއްގެ އަތުގައި ހިފާލައިގެންނެވެ. ހިތާވިޔަސް އެއީ ދެން ތަންފުކެއް ބޮޑުވަރެކެވެ.

ހާރިސްއަކަށް އެތަން ބަލަހައްޓައިގެންނެއް ނުހުރެވުނެވެ. އައިރުޅީގައި ބާރަށްގޮސް ، ތެދުވާށޭ ބުނެ ، މުރުތަޟާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. އެއީ ޢާންމުން އެއްވެ އުޅޭތަނެކޭ ބުނެ ، ހާރިސް ހުއްޓުވުމަށް ރައިދާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ، ރައިދާވެސް މިއަދު އޭނާ ހުއްޓުވުމަށް މަސައްކަތް ނުކުރުމަށް ހާރިސް އެދުނެވެ. ރައިދާއަށް އެންމެ ރަނގަޅުވާނެ ގޮތަކީ އެއީއެވެ. އެއަށްފަހު ، ހާރިސް ،  މުރުތަޟާއާ ކުރިމަތިލިއެވެ.

މުރުތަޟާއަކީ ، އެހާ ލަދުކުޑަ ، ބޭވަފާތެރި ގޮތެއް ފޮތެއްނެތް މީހެއްކަމަކަށް ހާރިސްއަކަށް ، މީގެކުރިން ހީކުރެވިފައެއް ނެތެވެ. އެއްކޮޅުން މުރުތަޟާއަށް އެ ބޭވަފާތެރި ވެވެނީ މުރުތަޟާގެ އަނބިމީހާއަށެވެ. އަނެއްކޮޅުން ، ހާރިސްގެ ކޮއްކޮ ބަލައިގަންނަން އެއްބަސް ނުވެމެ ، ދޫކޮށެއްވެސް ނުލެވުނެވެ. ދުނިޔެއަށް ފެންނަ ގޮތުގައި މުރުތަޟާއަކީ ، ވަރަށް މަޑުމައިތިރި ނިޔަނެތި ، ތެދުވެރި އިންސާނެކެވެ. އެކަމަކު އެއީ ކުށްހީއެކެވެ. މުރުތަޟާ ފަޟީޙަތްކުރަމުން އެގެންދަނީ ހާރިސްގެ ކޮއްކޮއެވެ. ހާރިސްގާތަށް އައިސްފައިވާ ރުޅީގައި އޭނާއަށް ކިޔޭނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ.

މުރުތަޟާ ، އޭނާގެ ދިފާޢުގައި ވާހަކަ ދައްކަން ބޭނުންވިއެވެ. ހާރިސްއަށް ފެންނަގޮތް އެއީ ޙަޤީޤަތްކަމަށް ނުވެދާނެ ކަމަށާއި އިށީނދެ ، ހަމަޖެހިލައިގެންތިބެ ވާހަކަ ދައްކާލުމަށް މުރުތަޟާ އެދުނެވެ. ނޫރުވެސް އެދެމީހުންގެ ދެމެދަށް ވަނެވެ. އަދި އޭނާ ބުނާ އެއްޗެއް އަޑުއަހާލުމަށްވެސް ބޭބެގެ ކިބައިން އެދުނެވެ.

" އަހަރެމެން މިތަނަށް އައިސްމިތިބީ ، އެއްވެސް މީހަކަށް ޙުއްޖަތެއް ދައްކައި ކަމެއް ސާފުކޮށްދޭކަށް ނޫނެވެ. އަހަރެމެން ދެމީހުންނަކީވެސް ، ބޮޑުވެ ތަޞައްރުފް ފުދިފައިވާ ދެމީހުންނެވެ. އަހަރެމެން މިތަނަށް އައިސް މިތިބީ ، އަހަރެމެންގެ ޙަޔާތުގެ މުހިންމު ނިންމުމެއް ނިންމާށެވެ. އަދި މިތަނަށް އައިސް އަހަރެމެން މިތިބީ ވަކިމީހަކަށް ސިއްރަކުންނޫނެވެ.

ނޫރުއާ އެއްވެސް ވާހަކައެއް ދައްކާކަށް ހާރިސް ބޭނުމެއް ނުވިއެވެ. އަދި ނޫރު ބުނާއެއްޗެއްގެ އަޑުއަހާކަށްވެސް ބޭނުމެއް ނުވިއެވެ.

" ނޫރު ތިއީ ބޭބެއަކާއި ކޮއްކޮއެއްގެ މިގުޅުން ، ދެކެފަރިތަ ދެމީހެއްގެ މެދުގައި އޮންނަފަދަ ، އާދައިގެ ގުޅުމަކަށްވުރެވެސް ދަށު ދަރަޖަޔަކަށް ވައްޓަލައިގެން ހުރި މީހެކެވެ. ނުދަންނަ ދެމީހަކުވެސް ބައްދަލުވެލާހިނދު ، ބައެއްފަހަރަށް ހިނިތުންވެލައެވެ. ނޫރުއާ އަހަރެންގެ މުޤައްދަސް ، ރަޙިމުގެ ގުޅުން ، އެއީ ނޫރުގެ ކުރިމަތީގައި އެއްވެސް އެއްޗެއްނޫނެވެ. ވާހަކައެއް ބުނަން ހެއްޔެވެ ؟ ތިކަހަލަ ކޮއްކޮއެއް އަހަރެންގެ ޙަޔާތަށް ބޭނުމެއްނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ، ހަމަ މިހާރު ، ނޫރު ގެޔަށް ދިއުމެވެ. " ހާރިސް ބުންޏެވެ.

އިރުކޮޅެއް ކޮށްލާފައި ގެޔަށް ދާނެކަމަށް ނޫރު ބުންޏެވެ. ގެޔަށްގޮސް އެވާހަކަ ދައްކާނީއެވެ. އެހެން ނޫނަސް ، އެންމެންގެ ކުރިމަތީ ޒުވާބުކޮށް ކަންތައްގަނޑެއް ހިންގާކަށް ނޫރު ބޭނުމެއްނޫނެވެ. އެހެންނަމަ ، ނޫރުވެސް ދައްކާނެ ވާހަކަ އެބަހުއްޓެވެ. އެހެންނޫނަސް ، ނޫރުއަކީ ކޮއްކޮއެއްކަމަށް ނުބަލާކަމަށް ހާރިސް ބުނާކަމަށް ވަންޏާ ، ނޫރުއާ ދިމާލަށް އެއްވެސް ބަހެއް ބުނުމުގެ ޙައްޤެއް ހާރިސްއަކަށް ލިބިގެންނެއް ނުވެއެވެ.

އެހުރިހާކަމެއް އެވީ މުރުތަޟާއާ ހެދިކަމަށް މުރުތަޟާއަށް ފެނުނެވެ. އަދި އެކަމަށް ، ނޫރުގެ ކިބައިން އޭނާ މަޢާފަށް އެދުނެވެ. އެހެންނަމަވެސް ، ނޫރުވެސް އެއީ ނޫރުގެ ސަބަބުން ކުރިމަތިވި ކަމެއްކަމަށް ޤަބޫލުކޮށް ، މުރުތަޟާގެ ކިބައިން މަޢާފަށް އެދުނެވެ. އެކަހަލަ އެތައްކަމެއް ކުރިޔަށް އޮތްތާނގައި އެދެމީހުންނާ ކުރިމަތިވާނެއެވެ. ގޭތެރެއިންނާއި ބޭރުންނެވެ. އެދެމީހުން ނިންމައިގެން އެތިބިގޮތުގައި ކުރިޔަށްދާކަމަށް ވަންޏާ ކުރިމަތިލާންޖެހޭނެ އެތައް ގޮންޖެހުންތަކެއް ހުންނާނެއެވެ. އެކަންކަމަށް ދެމީހުން އެކުގައި ކެރިގެން ކުރިމަތިލާން ޖެހޭނެއެވެ. ދެމީހުންކުރެ އެކަކުވެސް އެކަމާ ކަންބޮޑުވާނެ ކަމެއް ނެތެވެ. އެއީ އެދެމީހުންގެ ޢަމަލާއި ބަހުން އުފެދިގެން އައި ޙާލަތެކެވެ.

 

ސާޖިދާމެން ފުރަންދަމުން ، ގެތަޅުލައިދިނުމަށް ތަހުނިޔާގާތު އޮތީ ބުނެފައެވެ. ގެ ތަޅުލަން އައިސް ގެޔަށް ވަދެ ، އޭނާގެ ކޮޓަރިޔަށްގޮސް ، އެނދުގައި ބޯއަލާލައިގެން ތަޅުންމަތީ ، ތަހުނިޔާ އިށީނދެލިއެވެ. އިރުކޮޅަކުން އައީ މުރުތަޟާގެ ފޯނެކެވެ. ތަހުނިޔާ އެހުރީ ކޮންތާކުތޯ ބަލައިލުމަށެވެ. އޭރު ތަހުނިޔާ އެއުޅެނީ ، ތިމާގެ މީހަކު ބަލިވެގެން ، މަންމައާއި ބައްޕައަށް އިސްލާމްއާބާދަށް ދާން ޖެހިގެން ، އެމީހުންގެ ، ގެތަޅުލަން އައިހެވެ. ކުޑައިރުކޮޅަކުން އެނބުރި ގެޔަށް ދާނެއެވެ. އެހެނަސް ، މުރުތަޟާ ބުނީ ، ތަހުނިޔާއާ މުހިންމު ވާހަކައެއް ދައްކާލަން ބޭނުންވާތީ ، އެގޭދޮށަށް އޭނާބަލައި ދާނެކަމުގައެވެ. އަދި ، ގޭގައި މަޑުކޮށްލުމަށެވެ.

ނަމާދުކޮށްލައިގެން އައިސް ، ތަސްބީޙަކިޔަން ، ސިޓިންގރޫމުގައި ޙަފުޞާ މަޑުކޮށްލައިގެން އިނެވެ. ޠާހިރާވެސް އެތާނގައި ހާސްވެފައި އިނެވެ. ގޭގެ ބޭރު ރަނގަބީލު ޖެހުމާއެކު ޠާހިރާގޮސް ދޮރުހުޅުވައިލިއެވެ. ދޮރުމަތީގައިތިބީ ، ހާރިސް އާއި ރައިދާއެވެ. ނުމެޢީދަކު ނުމެރޯދަޔަކު ، އެދެމީހުން އެގެޔަށް އައިސް ވަނީތީ ، ޙަފުޞާއަށްވެސް އަދި ޠާހިރާއަށްވެސް ވަރަށް ބޮޑު ޙައިރާންކަމެއް ލިބުނެވެ.

ހާރިސްގެ ދެމަފިރިން އައިސް ޙަފުޞާއަށް ސަލާމް ކޮށްލިއެވެ. ޙާލުއަޙުވާލު އެހުމަށްފަހު ، އެދެމީހުން އިށީނުމަށް ޙަފުޞާ އެދުނެވެ. ހާރިސް އެއައީ އިށީނުމަށްނޫންކަމަށް ބުންޏެވެ. ހާރިސްގާތަށް އައިސްހުރި ރުޅިގަނޑު އަދިވެސް ހުރީ މައިތިރި ނުވެއެވެ. މަޑުމަޑުން އިޙްތިރާމާއެކު ޙަފުޞައްތައާ ވާހަކަ ދެއްކުމަށް ރައިދާ ، ހާރިސްގާތު އެދުނެވެ.

" މިވަގުތު ، މިގޭގެ އެންމެންވެސް ތިބީ ނިކަމެތި ޙާލަތެއްގައިކަން އަހަރެންނަށް އެނގެއެވެ. އަހަރެންނަށް ، އަހަރެންގެ ކޮއްކޮ ކޮންޓްރޯލް ނުކުރެވޭއިރު ، ޙަފުޞައްތަޔަށް ޙަފުޞައްތަގެ ދަރިފުޅު ކޮންޓްރޯލް ކުރެވޭނީ ކިހިނެއް ހެއްޔެވެ ؟ ޙަފުޞައްތާއެވެ ! ނޫރުލްޢައިނުގެ ޝަކުވާ ހިފައިގެން ، އެތައްފަހަރަކު އަހަރެމެންގެ ގެޔަށް ޙަފުޞައްތަ އައިސްފީމުއެވެ. ނޫރު އުޅޭގޮތުންނާއި ކުރާ ކަންކަމުން ، ކަންބޮޑުވެގެން އެކަން ހުއްޓުވުމަށް އަހަރެމެންނަށް ނަޞޭޙަތްދީ އިންޒާރު ދިނުމަށްޓަކައެވެ. މިއަދު އަހަރެން މިއައީ މުރުތަޟާގެ ޝަކުވާ ހިފައިގެންނެވެ. މުރުތަޟާގެ ލަދެއް ޙަޔާތެއްނެތް ޢަމަލުތަކުގެ ވާހަކަ ހިފައިގެންނެވެ. ﷲ އަށްޓަކައި މުރުތަޟާއަށް ވިސްނައިދޭށެވެ ! އަހަރެމެންނަކީ ޤަދަރުވެރި އުޅުމެއް އުޅެން މަސައްކަތްކުރާ ބަޔެކެވެ. އަހަރެމެން މަރުވަންދެން އެގޮތުގައި ދެމިތިބިޔަ ދޭށެވެ ! " ހާރިސްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

މުރުތަޟާ ކޮންމެވެސް ގަނޑެއް ގަނެގެން އުޅޭކަން ، ހާރިސްގެ ވާހަކަތަކުން ޙަފުޞާއަށް ވިސްނުނެވެ. ވީކިހިނެއްތޯއާއި އެވީކަމެއް އަވަހަށް ބުނުމަށް ޙަފުޞާ އެދުނެވެ. އޭނާގެ ހިތްބިރުގަންނަ ގޮތްވިއެވެ.

" ޙަފުޞައްތާއެވެ ! މުރުތަޟާއަކީ މީހެއްގެ ފިރިއެކެވެ. އެކަމަކު ، މުރުތަޟާ ، ނޫރުއާއެކު މިހާރު އުޅެމުން އެގެންދަނީ ، ތަހުނިޔާއާއެކު އޭނާ އުޅެންޖެހޭނެ ގޮތަށެވެ. ވަރަށްގިނަ ރައްޓެހިންވެސް އަހަރެންގާތު އެވާހަކަ ބުނެފިއެވެ. ނޫރުގޮވައިގެން މުރުތަޟާ ނުދާތަނެއް ނެތެވެ. މިއަދު އަހަރެން މިއައީ އެ ލަދުހުތުރު މަންޒަރު އަހަރެންގެ އަމިއްލަ ލޮލުން ދެކެ އަތުން ހިފާފައެވެ. ނޫރުއާއި މުރުތަޟާ ، ރެސްޓޯރެންޓެއްގައި ތިއްބާ އަހަރެން މިއައީ އެމީހުންނާ ބައްދަލުކޮށްފައެވެ. އެކަން އެހިނގަނީ ކޮންއިރަކުން ފެށިގެންކަމާއި ، ކިހާދުވަހެއް ވަންދެން އެކަން އެގޮތަށް ހިނގާނެކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެކަމަކު ، މުރުތަޟާއާއި ނޫރު އެއްތާކުން ދެން ފެންނަ ފަހަރަކުން ، އަހަރެންގެ ރުޅި ކޮންޓްރޯލެއް ނުކުރެވޭނެއެވެ. ހަމަޖެހިލައިގެން މަޑުމަޑުން މިވަގުތު މިދައްކާ ވާހަކަ ދެކޮޅުވެރި ، ހަނގުރާމަޔަކަށްވެސް ބަދަލުވެދާނެއެވެ. އެވާހަކަ ބުނެ އަހަރެން އިންޒާރު ދެމެވެ. އެދުވަހަކުން ވާނީ ކިހިނެއް ހެއްޔެވެ ؟ މިކުޑަކުޑަ މުޖުތަމަޢާ އަދި ތަހުނިޔާގެ ޢާއިލާއާ އަހަރެމެން ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ ؟ މި ދުނިޔެއާއި އެމީހުންނަށް އަހަރެމެން ދައްކާނީ ކޮން މޫނެއް ހެއްޔެވެ ؟ " ހާރިސް އޭނާގެ ވާހަކަ ހުއްޓައެއް ނުލައެވެ.

ހާރިސް ވާހަކަ ދެއްކި ދެއްކިހެން ، ޙަފުޞާގެ ހިތަށް ލިބެމުންދިޔަ ތަކުލީފު ބޮޑުވަމުން ދިޔައެވެ. ހާސްވެގެންގޮސް މެޔަށް ތަދުވާހެންވެސް ހީވިއެވެ. އެބަ އަޑުއިވޭ ހެއްޔޭ ޠާހިރާއާ ދިމާއަށް ބުނެ ޙަފުޞާ ސުއާލު ކުރިއެވެ. އެހާ ގޮތެއްފޮތެއްނެތް މީހަކަށް މުރުތަޟާ ބަދަލުވެގެން އެދިޔައީ ކިހިނެއްކަމެއް ޙަފުޞާއަކަށް ނޭނގެއެވެ. އެއީ ، ޙަފުޞާގެ ޚިޔާލަށްވެސް ގެންނަން ނޭނގޭފަދަ ބިރުވެރި ކަންކަމެވެ.

މުރުތަޟާ ގެޔަށް އައިމަ ، އޭނާއާ އެވާހަކަ ދައްކާނެކަމަށް ޠާހިރާ ބުންޏެވެ. ހާރިސްގެ އެދުމަކީ ، ހަނދާން ބަހައްޓައިގެން ، އެވާހަކަ މުރުތަޟާ ގާތު  އެމީހުން ދެއްކުމެވެ. މިހާރު އެކަން އެދަނީ ހާރިސްއަށް ކެތްތެރިކަން އިސްކުރެވޭ ވަރަށްވުރެ މައްޗަށެވެ. ރުޅިއައިސްގެން ނޫރުއަށްވެސް އަދި މުރުތަޟާއަށްވެސް އެއްވެސްކަމެއް ކުރާކަށް ހާރިސް ބޭނުމެއް ނޫނެވެ. އެކަމާ ދެ ޢާއިލާއިންވެސް ފަހުން ދެރަވާނެއެވެ. އެއީ އަވަށްޓެރިންގެ ގޮތުގައި ތިބި ، ދުރުތާ ތިމާގެ ތިން ޢާއިލާއެއްގެ ޢިއްޒަތާއި ޤަދަރާ ގުޅިފައިވާ ކަމެކެވެ. ދެމީހަކު ވެގެން ، އެގުޅުން އިޖްތިމާޢީ މިންގަނޑުން ބޭރަށް އެގެންދަނީއެވެ. އެއީ އެތިން ޢާއިލާގެ އެއްވެސް މީހަކަށް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. ހާރިސްގެ ވާހަކަ ނިންމައިލުމަށްފަހު ، އެ ދެމަފިރިން އެގެއިން ނުކުމެގެން ދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.