މަދީނާގައި ޣައިރު މުސްލިމުން

އިންޑިއާގެ ޣައިރު މުސްލިމުގެ ވަފުދެއް ، މުސްލިމުންގެ މުޤައްދަސް އެއްބިން ކަމުގައިވާ މަދީނާއަށް ޒިޔާރަތް ކޮށްފިއެވެ. މިދަތުރުގައި އިސްކޮށްހުރީ ، އިންޑިއާގެ މިނިސްޓަރ ފޯރ ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމަންޓް އެންޑް މައިނޯރިޓީ އެފެއާރޒް ، ސްމްރިޓީ ޒުބީން އިރާނީއެވެ. މި ދަތުރުކުރީ މި ޖެނުއަރީމަހުގެ 8 ވަނަ ދުވަހުއެވެ. މިއީ ، އިންޑިއާގެ ޣައިރު މުސްލިމުންގެ ވަފުދެއް ، މަދީނާއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. ސްމްރިޓީއަކީ ، ހިންދީ ދީނުގެ މީހެކެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއާރޒްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެކްސްޓަރނަލް އެފެއާރޒް ، މުރާލީދަރަން އާއި އިންޑިއާގައި ވެރިކަންކުރާ ހިންދީ ވަތަނީ ޖަނަތާ ޕާރޓީ ، ބީޖޭޕީގެ އިސް ބައެއް މެންބަރުންވެސް މި ވަފުދުގައި ހމެނެއެވެ.

ޙައްޖުގެ އަޅުކަމާބެހޭގޮތުން ، ހިލޭ ސާބަހަށް މަސައްކަތްކުރާ އިންޑިއާގެ ވޮލަންޓިއަރުންނާއި ، އިންޑިއާއިން މިވަގުތު ޢުމްރާއަށްގޮސްތިބި މީހުންނާ މި ވަފުދު ބައްދަލު ކުރިއެވެ.

މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ފަސްދާނުލެވިފައިވާ މަޤްބަރާގެ ސަރަޙައްދީ އިމާ ހަމަޔަށް މި ވަފުދުގެ މެންބަރުން ވަދެ ، މަސްޖިދުއްނަބަވީގެ އެތެރެ ބަލައިލުމުގެ ފުރުޞަތު ދެވުނެވެ. މިއީ ، އަދި މިހާތަނަށް ޣައިރު މުސްލިމަކަށް ލިބިފައިވާ ފުރުޞަތެއްނޫނެވެ. ޢުހުދު ފަރުބަދަޔަށްވެސް މި ވަފުދު ޒިޔާރަތް ކުރިއެވެ. އަދި ، ޤުބާ މިސްކިތަށްވެސް ވަފުދުގެ މެންބަރުން ޒިޔާރަތް ކުރިއެވެ.

އެކްސްގައި ، މިދަތުރާގުޅިގެން އިރާނީ ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުގައި ، ސުޢޫދީ މަސްއޫލުވެރިންގެ އެހީތެރިކަމާއެކު އިންތިޒާމް ކުރެވިގެންދިޔަ މިދަތުރުގެ ސަބަބުން ، އިސްލާމީ ތާރީޚުގެ ކުރީކޮޅުގެ ތަޞައްވުރު ދެނެގަނެވިގެން ދިއުމުގެ ސަބަބުން ، ރޫޙާނީގޮތުންނާއި ތަރިކައިގެ ގޮތުން ދެބައިމީހުންގެ ގުޅުމުގެ ފުންކަން އިޙްސާސް ވިއެވެ.

މިދަތުރާގުޅޭގޮތުން ، އިންޑިއާ ސަރުކާރުން ނެރެފައިވާ ރަސްމީ ބަޔާން ބުނާގޮތުގައި ، އިންޑިއާގެ މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ސުޢޫދީއަށް ދިއުމުގައި ، ސަރުކާރުން ކޮށްދެވެންހުރި ހުރިހާކަމެއް ފުރިހަމަކޮށްދީ ، ފުރިހަމަ ޙައްޖެއްގެ ހިތްހަމަޖެހުން ލިބިގަތުމަށް ޙާއްޖުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިދަތުރަށް ދެދުވަހަކަށް ވެފައި އޮއްވާ ، އިންޑިއާއާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދު ، އެއްބަސްވުމެއްގައި ސޮއިކުރެވިފައި ވެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ، ސުޢޫދީ ޢަރަބިއްޔާގެ ޖިއްދާގައެވެ. މި އެއްބަސްވުމުގެ ދަށުން ، މިއަހަރުގެ ޙައްޖަށް 175،025 މީހުންގެ ކޯޓާއެއް އިންޑިއާއަށް ކަނޑައެޅުނެވެ.

މީގެ އިތުރަށް ، އިނގިރޭސި ވިލާތުގެ ޔަހޫދީންގެ ޖަމާޢަތެއްވެސް ސުޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތް ކޮށްފައި ވެއެވެ. މި ދަތުރު އޮތީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ޔަހޫދީންގެ އެ ޖަމާޢަތުންވަނީ ، މަދީނާގައި ކަދުރު ރުއްތަކެއް އިންދާފައެވެ. ޔަހޫދީންގެ މި ޖަމާޢަތަށް ، ސުޢޫދީއަށް ޒިޔާރަތްކުރުމަށް ހުއްދަދިނީ ، އެ ޤައުމުން ތަޢާރުފް ކޮށްފައިވާ ، އެކިދީންތަކުގެ މީހުން މަސްހުނިވެ އުޅުމަށް ފުރުޞަތު ދިނުމުގެ ސިޔާސަތުގެ ދަށުންނެވެ.

ޔަހޫދީންގެ ނޫހެއްކަމުގައިވާ " ޖްވިސް ކްރޮނިކަލް " ގައި ހާމަކޮށްފައިވާ ގޮތުގައި ، ޔަހޫދީން މަދީނާއަށްކުރި މި ދަތުރަކީ ، މިވޭތުވެދިޔަ  1400 އަހަރުގެ ތެރޭގައި ޔަހޫދީންގެ ބަޔަކު މަދީނާއަށް ކުރި ފުރަތަމަ ޒިޔާރަތެވެ. އެ ޒިޔާރަތަކީ ، ސުޢޫދީ ޢަރަބިއްޔާގެ ބިންވެރި މަހުޖަނަކުދިން ދަޢުވަތަކަށް ކުރި ޒިޔާރަތެކެވެ.  އޭނާގެ އެ ދަޢުވަތަކީ ، ރަޙުމަތްތެރިކަމުގެ ވިސްނުމެއްގެ މަތިން ، އެހެންދީންދީނުގެ މީހުންނަށް ހެޔޮކޮށްހިތުމަށް އޭނާ ނެގި އިސްނެގުމެކެވެ.

އިނގިރޭސިވިލާތުން ، ސުޢޫދިއްޔާއަށް ދިޔަ ، ޔަހޫދީ ޖަމާޢަތުގެ އިސްވެރިޔަކަށްހުރީ ، ލަންޑަނުގެ ބޭންކްވިޔަފާރިކުރާ މުއްސަނދި ޔަހޫދީއެއްކަމުގައިވާ ރިކް ސޮފަރ ކިޔާ މީހެކެވެ. މީނާވަނީ ، ދާދިމިދާކަށްދުވަހު އެކުވެރި ޢަރަބި ޢިމާރާތް ، ޔޫއޭއީއަށްވެސް ޒިޔާރަތް ކޮށްފައެވެ. އެއީވެސް ، ދީނީ ފިކުރެއްގައި ، ތަފާތު ދީންތަކުގެ މީހުންގެ މެދުގައި އެއްބައެއްވަންތަކަން ޤާއިމްކުރުމުގެ ވިސްނުމުގައި ކުރި ދަތުރެކެވެ.

ޔަހޫދީ ޖަމާޢަތުން މަދީނާއަށް ކުރި ދަތުރުގައި ، ވިޔަފާއިވެރިންނާއި ޢިލްމުވެރިންނާ އަދި އެދަތުރަށް ޚަރަދުކުރި ބައެއް ޔަހޫދީން ބައިވެރިވިއެވެ. އެއިން ކޮންމެ ޔަހޫދީއަކުވެސް ، އަޖުވާ ކަދުރު ރުކެއް ، މަދީނާގައި އިންދާފައި ވެއެވެ.

ސޮފަރ ބުނެފައިވާ ގޮތުގައި ، ޔަހޫދީއަކަށްވެހުރެ ، އޭނާއަށް ސުޢޫދީއަށް ޒިޔާރަތް ކުރެވިދާނެކަމަށް ، މީގެ ފަސްއަހަރު ނުވަތަ ދިހަވަރަކަށް އަހަރުކުރިން ، މީހަކުބުނުނަމަ އެއްވެސް މީހަކު އެވާހަކަ ޤަބޫލެއް ނުކުރާނެއެވެ. އެއީ ، ޚުދު އޭނާއަށްވެސް ޤަބޫލުކުރަން އުނދަގޫ ވާހަކައަކަށް ވާނެއެވެ. ހަމައެކަނި ، ސުޢޫދީއަށް ޒިޔާރަތްކޮށްލުން އެކަންޏެއްނޫނެވެ. ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނާއި އިސްވެރިން އަދި ގާތް އެކުވެރިންގެ ފަރާތުން އެ ޖަމާޢަތަށް އެކީ ހޫނު މަރުޙަބާއާއި ބެހެއްޓި ގާތްކަމަކީ ، ޤަބޫލުކުރަން އޭނާއަށް އުނދަގޫ ކަމެކެވެ.

ދެޙަރަމްފުޅު ހުންނަ މައްކާއާއި މަދީނާއަކީ ، މީގެ ކުރިން ޣައިރު މުސްލިމުންނަށް ދެވޭތަންތަނެއްނޫނެވެ. އެހެނަސް ، ސުޢޫދީ ޢަރަބިއްޔާއިން މިހާރުވަނީ ދީނީ ކަންކަމާ ގުޅިގެންހެދިފައިވާ ބައެއް ސިޔާސަތުތަކަށް ބަދަލު ގެނެސް ޒަމާނީ އާ ވިސްނުންތައް ލައިގެން އާ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައެވެ. ސުޢޫދީ ވެރިކަމުން މިހާރު އެގެންދަނީ ، ދީނީގޮތުން ހަރުކަށިކޮށް ހުރި ސިޔާސަތުތައް މުތާލިޢާކޮށް ، ދީނުގެ އިންތަކާއި މިންތަކުން ބޭރުވެގެން ނުދާގޮތަށް ، ސިޔާސަތުތައް ބަށްޓަންކޮށް ، ތަންފީޒުކުރަން ފަށާފައެވެ.

މަދީނާއަކީ ، އިސްލާމްދީން އައުމުގެ ކުރީ ޒަމާނުގައި ، ތިންޤަބީލާއަކަށް ނިސްބަތްވާ ޔަހޫދީންގެ ބަޔަކު ދިރިއުޅުނު ތަނެކެވެ. އެހެނަސް ، މުސްލިމުންގެ އާބާދީ އިތުރުވެ ، ޤަބީލާތަކުގެ މެދުގައި ކޯޅުން ހިނގައި ، އެއްބަޔަކު މަރުވެ އަނެއްބަޔަކު ރަށުން ބޭރަށްގޮސް ، ޔަހޫދީ އާބާދީ މަދީނާއިން ހުސްވެގެން ދިޔައީއެވެ. 1400 އަހަރަށްފަހު ، މަދީނާގައި ކަދުރު ރުކެއް އިންދަން ލިބުނު ފުރުޞަތަކީ ، ޔަހޫދީންގެ ހިތުން ފިލުވައިލެވިދާނެ ފުރުޞަތެއްނޫނެވެ.

މަދީނާއަށް އެތެރެވުމަށް ، ޣައިރު މުސްލިމުންނަށް މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް އައީ 2021 ގައެވެ. މަދީނާއަށް އެތެރެވުމަށްފަހު ، މަސްޖިދުއްނަބަވީގެ ހަރިންމަ ފާރާ ހިސާބަށް ދިއުމުގެ ހުއްދަ އެމީހުންނަށް ދެވެއެވެ. ސުޢޫދީ ސަރުކާރުގެ އެދުމަކަށް ، އިޒްރޭލުގެ ޔަހޫދީންގެ 50 މީހުންގެ ވިޔަފާރި ވަފުދެއް  ، މިދިޔަ އަހަރުވެސް މަދީނާއަށް ޒިޔާރަތް ކޮށްފައި ވެއެވެ. އިޒްރޭލުގެ ފަތުރުވެރިޔަކުވެސް ، އަސްލު އޮޅިވާލައިގެން މިދިޔައަހަރު މައްކާއަށްވެސް ވަދެފައި ވެއެވެ. އެއީ ، މައްކާއަށް ޣައިރު މުސްލިމުން ވަނުންމަނާކުރާ ޤާނޫނާ ޚިލާފަށް ، ވަރަށްބޮޑަށް އޮޅުވާލައިގެން އެޔަހޫދީކަލޭގެ ކޮށްފައިވާ ކަމެކެވެ. ޔަހޫދީންނަކީ ، ޢާންމު ގޮތެއްގައިވެސް ، މަކާރާއި ހީލަތާ ޖަހައިގެން ދުނިޔެ ކައިއުޅޭ ބަޔެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.