ކުރީގެ ސީޕީ ހުސައިން ވަހީދު މާލޭ ސިޓީ މޭޔަރު ކަމަަށް ވާދަކުރައްވަނީ

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދު މާލޭ ސިޓީ މޭޔަރު ކަމަަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސީޕީ ގެ މަގާމު އަދާކުރެއްވި ހުސައިން ވަހީދު ވަނީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ހައުސިންގ މިނިސްޓްރީއާއި ޔޫތު މިނިސްޓްރީގައި ސިޔާސީ އިސްމަގާމުތައް ވެސް ފުރުއްވާފައިވެއެވެ.

ހުސައިން ވަހީދުގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވެސް ވަނީ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމާފައެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަގާމު މި ހުސްވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެންނެވެ. އެމަނިކުފާނު ރައީސްގެ މަގާމަށް އިންތިހާބުވީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

މި އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓޓަކަށް 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިފައި ނުވާތީ، ރައީސްގެ މަގާމަށް ބޭފުޅަކު ހޮވުމަށް ދެވަނަ ބުރެއްގައި ވޯޓުލުން ވަނީ ބާއްވާފައެވެ.

ސެޕްޓެމްބަރު 30 ގައި ބޭއްވިި ދެވަނަ ބުރުގައި ވާދަކުރެއްވީ ފުރަތަމަ ބުރުން އެންމެގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.