އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފްގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އަރީފްގެ ޕާސްޕޯޓް ހިފެހެއްޓި ކަންތަކުގައި އިމިގްރޭޝަނުން ވާހަކަ ދައްކަވަން ބޭނުން ނުވިނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައިވާކަން އިތުބާރު ހުރި ގޮތަކަށް ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އަރީފްގެ ޕާސްޕޯޓް ހިފެހެއްޓި ސަބަބު ވަނީ ކަށަވަރު ނުވެފައެވެ.

ރާއްޖެއިން ބޭރަށް ފުރާވަޑައިނުގެންނެވޭ ގޮތަށް އަރީފްގެ ޕާސްޕޯޓް ހިފެހެއްޓިއިރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އަރީފް ވަކިކުރައްވާފައި ވަނީ މިމަހުގެ  ދެވަނަ ދުވަހުއެވެ. އެ މަގާމުން އަރީފް ވަކިކުރައްވާފައި ވަނީ ޖަލު ޙުކުމުގައި ތިއްބެވި ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާއި ގުޅިގެން އަރީފްއާ މަޝްވަރާ ކުރެއްވުމަށް ރައީސް ތަކުރާރުކޮށް އަރީފްއަށް ފޯނު ކުރެއްވުމުން ރައީސްގެ ފޯނު ކޯލަށް އަރީފް ޖަވާބު ނުދެއްވުމުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްޓަކައި ދޫނިދޫގައި ހުންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ލޯންޗަށްވެސް އެރުވި ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ. މީޑިޔާގައި އަރީފް ވިދާޅުވެފައި ވަނީ މަގާމުން ވަކި ކުރެއްވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން އުޅުއްވުމުން ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.