އިސްކަންދަރު މައިޒާން އާބާތުރަ ކުރުމަށްފަހު އަލުން ހުޅުވާލައިފި

ނިމިދިޔަ ސަރުކާރުން ތަރައްޤީކުރި އިސްކަންދަރު މައިޒާން ފާއިތުވި 5 އަހަރު އަޅާނުލުމުގެ ސަބަބުން ވީރާނާވެފައި ވަނިކޮށް މާލެ ސިޓީކައުންސިލުން އިސްކަންދަރު ޕާކު އާބާތުރަ ފިލުވުމަށްފަހު އަލުން ހުޅުވާލައިފިއެވެ.

އާބަތުރަ ކުރުމަށްފަހު އިސްކަންދަރު މައިޒާން އަލުން ހުޅުވާދެއްވީ އަންގާރަދުވަހުގެ ހަވީރު މާލެ ސިޓީގެ މޭޔަރ ޑރ މުޢިއްޒުއެވެ.

އިސްކަންދަރު މައިޒާން އާބާތުރަ ފިލުވުމަށްފަހު ހުޅުވައި ދެއްވުމަށްފަހު މޭޔަރ މުޢިއްޒު ވިދާޅުވީ މީގެ އަހަރުތަކެއްކުރިން އިސްކަންދަރު މައިޒާން ހުޅުވައި ދެއްވީ ކުރީގެ ރައީސް ޔާމީން ކަމަށާއި، އެދުވަހު ހުޅުވިގެން ދިޔަ އިސްކަންދަރު މައިޒާން ވަރަށްގިނަ ރައްޔިތުން ބޭނުން ކުރަމުންދިޔަ ކަމަށެވެ.

އެހެން އެހެންނަމަވެސް ވެރިކަން ބަދަލުވެ އޭރުގަ ހެދިގެންދިޔަ ހުރިހާ ތަނެއްހެން ބެލެހެއްޓުން ނިމުމަކަށް އައިސް، ތަންތަން ވީރާނާވަމުން ދާންފެށިކަމާއި، ދެން 4 ވަނަ ދައުރުގެ ކައުންސިލް ހުވާ ކުރުމަށްފަހު މިގޮތަށް އޭރުގަ ހެދުނު މައިޒާންތައް ޕާކުތައް އަނެއްކާވެސް އާބާތުރަ ފިލުވާ ކުޑަކުދިންނާ އާއިލާތަކަށް ބޭނުންތެރި ތަންތަނަށް އެތަންތަން ބަދަލު ކުރުމަށްޓަކާ ވަރަށްގިނަ މަސައްކަތްތަކެއް ފެށުނު ކަމަށެވެ.

އިސްކަންދަރު މައިޒާން އާކޮށް ހުޅުވިގެން މިދިޔައީ އެގޮތުގެމަތިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ އިތުރަށް ވިދާޅުވީ އިސްކަންދަރު މައިޒާން ވެގެންދާނީ ކުޑަކުދިންނާ އާއިލާތަކަށް މާލޭގައި މި ތޮއްޖެހިފައިވާ މާހައުލުގަ ނުކުމެ ހިތްހަމަ ޖައްސާލަން ލިބޭ އިތުރު ފުރުޞަތަކަށްކަމަށާއި،ޕާކު ތަރުތީބު ކުރެވިފައިވަނީ އާއިލާތަކަށް ކުޑަކުދިން ގޮވައިގެން ހިތްހަމަ ޖައްސާލަން ތިބެވޭނެފަދަ ގޮތަކަށް ކަމަށެވެ. އަދި މާލެސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ މިގޮތަށް ކުރިން ހަދާ ހުޅުވާފަ މިހާރު ވީރާނާވެފަ ހުރި ތަންތަން އަލުން ބޭނުންހިފޭ ތަންތަނަށް ހެދުމަށް ކަމުގައި މޭޔަރ ވިދާޅުވިއެވެ.

އިސްކަންދަރު މައިޒާން އާބަތުރަ ފިލުވާ އަލުން ހުޅުވުމުގައި ނޮވެލް ކެފޭގެ މެނޭޖްމެންޓްގެ ފަރާތުން ވަނީ އެހީތެރިވެފައެވެ. މިކަމުގަ އެހީތެރިވި ހުރިހާ ފަރާތްތަކަށް މޭޔަރ މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.