ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ރައްކާތެރި ކުރުމަށް ޢަޒުމް ކަނޑައެޅުމަށް ރައީސް ގޮވާލައްވައިފި

ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޚިޠާބު ފަށްޓަވަމުން ވަނީ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބާގެ ތަހުނިޔާ ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، އަރިސްކުރައްވާފައެވެ. އަދި ޤައުމީ ދުވަސް އެ ބަޠަލަކަށް ނިސްބަތްވާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ މަތިވެރި ޖިހާދުގެ ހަނދާން އާކުރައްވައި، އެ ތަކުރުފާނާއި އެތަކުރުފާނުގެ ޤައުމީ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ކޮންމެ ދިވެއްސެއްގެ ހިތުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، އިސްލާމް ދީނާއި ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަގާފަތުގެ އެއްގޮތް ކަމާއި ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ޞުލްޙަ މަސަލަސްކަން ހިމެނޭގޮތުން ދިވެހި ޤައުމިއްޔަތުގެ މި އަސާސްތައް ޙިމާޔަތްކޮށް ރައްކާތެރިކުރުންކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

ހަމައެހެންމެ، ބައިނަލްއަޤުވާމީ މުޖްތަމަޢުގައި އިތުބާރު ކުރެވޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ޤައުމެއްގެ ގޮތުގައިކަން ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިއަދުވެސް ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިއްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.