އައިމްޕޮސިބްލް ޓީޗަރސް ޓްރެއިނިންގ ޕްރޮގްރާމެއް މާލެއަތޮޅު ސްކޫލްތަކުގައި ފަށައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ އެހީތެރިކަމާއިއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އަދި ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާ ގުޅިގެން ހިންގާ ޓްރެއިނިންގ ޕްރޮގްރާމް ވަނީ ކ. އަތޮޅު މާފުށީގައި ފަށައިފިއެވެ.

މިޕްރޮގްރާމަކީ ސްކޫލް އާބާދީގައި ކިޔަވަމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ކުޅިވަރުތަކުގައި ޝާމިލްކޮށް އެއްވެސް ކުއްޖަކު ބާކީނުކޮށް ޝާމިލް ކުޅިވަރު ދަސްކޮށްދިނުމަށް ސްކޫލްތަކުގެ ޓީޗަރުން ތަމްރީނުކުުރުމަށް ހިންގާ ޕްރޮގްރާމެކެވެ

މިގޮތުން ޕެރަލިމްޕިކް ކުޅިވަރުތައް ތައާރަފް ކުރުމާއި ޕެރަލިމްޕިކްސް ވެލިއުސް ތައްދަސްކޮށްދިނުމާއި، އަދި ޕެރާ ކުޅިވަރުތައް ބޭނުންކޮށް ހުރިހާ ދަރިވަރުން ޝާމިލް ވާ ކުޅިވަރުތައް ބޭއްވުމަށް މި ޓްރެއިނިންގގައި ދަސްކޮށްދޭނެއެވެ.

''ހަލިނިއުސް'' އަށް މައުލޫމާތު ދެއްވަމުން ޕެރަލިމްޕިކް ކޮމިޓީން ވިދާޅުވީ 2022 ވަނަ އަހަރުވަނީ މާލޭ ސަރަހައްދު ހުރިހާ ސްކޫލްތަކުން ޓީޗަރުން ބައިވެރިކޮށްގެން މާލޭގައި 3 ދުވަހަށް ޓްރެއިނިންގ ހިންގާފައިވާކަމަށެވެ. އަދި . މިއަރު ތެރޭގައި މާލެ އަތޮޅުގެ ހުރިހާ ސްކޫތަކުގެ ޓީޗަރުން މިޕްރޮގްރާމްގެ ދަށުިން ތަމްރީނު ކުރެވޭނެކަމަށްވެސް އެ ކޮމެޓީން ވިދާޅުވިއެވެ.

މީގެ އިތުރރުން އެ ކޮމެޓީން ވިދާޅުވީ ވަކިވަކި ރަށްރަށް އަމާޒުކޮށްގެން މިތަމްރީނުތައް ހިންގުމުގެ މަޤުސަދަކީ މެއިންސްޓީމް ޓީޗަރުންވެސް ޝާމިލުކޮށްގެން އެއްވެސް ޓީޗަރަކުވެސް ބާކީނުކޮށް އެސްކޫލެއްގެ ހުރިހާ ޓީޗަރުން ތަމްރީނުކޮށްދިނުން ކަމަށެވެ.

އެގޮތުން މާފުށީ ސްކޫލް މިއަދު ހިންގުނު މިތަމްރީނު ގައި 40 ވުރެ ގިނަ ޓީޗަރުން ތަމްރީނު ކުރެވުނުކަމަށްވެސް ޕެރަލިމްޕިކް ކޮމިޓީން ވަނީ ވިދާޅުވެފައެވެ.

މިތަމްރީނު ތަކުގައި ކިޔަވައިދެއްވަނީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން އިންޓަރނޭޝަލް ޕެރަލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކު ތަމްރީނުކުރެވިފައިވާ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ އަނޫލާ ސަލީމް އާއި، ޣާޒީ ސްކޫލުގެ އާމިލް ޝަރީފެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގެ ދަށުން މާދަމާ ތަމްރީނު ކުރެވޭނީ ކ. ގުރައިދޫ ސްކޫލުގެ ޓީޗަރުނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.