ސަބްމެރިން ކޭބަލް ސިސްޓަމް ގުޅާލުމުން ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެ އައު ހަރުފަތަކަށް ދާނެ: ރައީސް

ރާއްޖެ ބައިނަލްއަޤުވާމީ ފައިބަރ ކޭބަލްއާ ގުޅައިލުމަކީ، ރާއްޖޭގައި ބައިނަލްއަޤުވާމީ ޓެކްނޮލޮޖީ ހަބެއް އުފަންކުރުމުގެ ބިންގާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯ.ސީ.އެމް-އައި.އޭ.އެކްސް) ކޭބަލް އިފްތިތާޙްކުރުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޯ.ސީ.އެމް-އައި.އޭ.އެކްސް ކޭބަލް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް ނިޒާމަކާ ރާއްޖެ ސީދާ މި ގުޅައިލެވެނީ ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މި ކޭބަލްއާއެކު އިފްތިތާޙްވެގެން އެދަނީ ޑިޖިޓަލް ދިވެހި ޖީލުގެ ފެށުންކަމުގައި ވިދާޅުވެފައެވެ. އަދި މިއީ ބައިނަލްއަޤުވާމީ ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅުކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދޭ ކުންފުނިތަކަށް ލިބުނު ރަނގަޅު ފުރުޞަތެއްކަން ފާހަގަކުރައްވައި، ކޭބަލް ވިއުގަޔާ ގުޅުމުން، ޚިދުމަތް ދިނުމަށް އެ ކުންފުނިތަކުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެކަމުގައި ވިދާޅުވިއެވެ. އަދި އެއާއެކު ރައްޔިތުންގެ ޖީބަށް ލުއި، އަދި މިހާރަށް ވުރެ ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ޚިދުމަތް ދެވޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުން ލިބިގެންދާނެ އިތުރު ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުން ރައްޔިތުންނާއި ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތްތަކަށާއި ސެޓެލައިޓް ސްކޫލްތައް ހިންގުންފަދަ ކަންކަންކަމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމާއި އަދި ޑިޖިޓަލް ޓެކްނޮލޮޖީއާ ފުޅާވެގެންދިއުމަކީ ތިމާވެއްޓަށްވެސް ލިބިގެންދާނެ އިތުރު ރައްކާތެރިކަމެއްކަން ފާހަގަކުރައްވާފައެވެ.

އޯ.ސީ.އެމް-އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުގެ މި މަޝްރޫޢަކީ ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެ އައު ހަރުފަތަކަށް ގެންގޮސްދީ، ރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން ނަފާހޯދާނެ މަގުފަހިކޮށްދިނުމާއި އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕަށް އީޖާދީ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރިޔަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފަރ ސްޕީޑް ލިބިގެންދާނެއެވެ. މި ކޭބަލް ސިސްޓަމާއެކު ދިވެހިރާއްޖެ އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ޤައުމުތަކާ ގުޅައިލެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.