ކޮނޑޭ ފެނަކަ އައު އިންޖީނުގެ އާއި އޮފީސް ޢިމާރާތް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅު އުތުރުބުރީ، ކޮނޑޭ ކައުންސިލްގެ އައު ޢިމާރާތާއި، ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިތަންތަން ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ކޮނޑޭ ކައުންސިލް ޢިމާރާތަކީ، ޖާގަ ތަނަވަސް އަދި ޒަމާނީ، އޮފީސް އިމާރާތެކެވެ. ކޮނޑޭ ކައުންސިލްގެ އައު ޢިމާރާތް ބިނާކޮށްފައި ވަނީ، އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރައްވައިގެންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، ކޮނޑޭ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތްވެސް ހުޅުއްވައި ދެއްވާފައެވެ. ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތަކީ ޖާގަ ތަނަވަސް ޒަމާނީ ޢިމާރާތެކެވެ. އައު އޮފީހުގައި ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 500ކިލޯވޮޓްއެވެ. ކޮނޑޭގައި މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގޭގެ ޢިމާރާތަކީ 21 އަހަރުވީ ޢިމާރާތެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.