ފުރަތަމަ ވެސް މަސައްކަތްކުރާނީ ރައީސް ޔާމީން މިނިވަން ކުރަން: ޑރ. މުއިއްޒު

އެންމެފުރަތަމަ ވެސް މަސައްކަތް ކުރާނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށް ޕީއެންސީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. މުއިއްޒު ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީއަކީ ރައީސް ޔާމީންގެ ދެ ޕާޓީ ކަމަށެވެ. އަދި ޕީއެންސީ އިން ވެރިކަމަށް ކުރިމަތިލަނީ ރައީސް ޔާމީނަށް ކުރިމަތި ނުލެވިއްޖެ ހާލަތެއް އަތުވެއްޖެ ނަމަ ‘ބެކަޕް ޕްލޭނެއް’ގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން އުންމީދަކީ ކެނޑިޑެންސީ ފޯމު ހުށަހެޅުމަށް ހުއްޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ޔާމިން މިނިވަންވުން ކަމަށާއި އެފަދައިން ކަންތައް ނުވެއްޖެނަމަ، އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ އެންމެ ފުރަތަމަ ދުވަހުވެސް ކުރާނެ ކަމަކީ، ގާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަން ކުރުން ކަމަށެވެ.

ޕީއެންސީގެގެ ޓިކެޓު ޑރ މުއިއްޒު ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އާ ވާދަކުރައްވައިގެންނެވެ. ޕީއެންސީ ސެނެޓުން ނެގި ސިއްރު ވޯޓުގައި މުއިއްޒު އަށް ވަނީ 25 ވޯޓު ލިބިފައެވެ.

މިވޯޓުގައި ޖުމްލަ 48 ސެނެޓަރުން ވަނީ ވޯޓު ލައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.