ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ރިޔާސީ ރަނިން މޭޓުގެ ގޮތުގައި މިއަހަރު ކަނޑައަޅުއްވާފައިވާ ޑރ. ޖަމީލު ވިދާޅުވީ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތީ މިއަދު ކަމަށެވެ.
މި މައްސަލަ ސުުޕްރީމް ކޯޓަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށްއިލެކްޝަންސް ކޮމިޝަނުން ބުނުމުންނެވެ.
ޑރ. ޖަމީލު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިހާރު އެ ކޯޓުގެ ރެޖިސްޓްރަރ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެއްވާފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ޔާމީންގެ ކިބައިގައި މިވަގުތު ނެތުމުންނެވެ.
ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ވ. އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެހެން ކަމުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކެންޑިޑޭޓެއްގެ ފޯމު ހުށަހެޅި ނަމަވެސް އެ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ބަލައި ނުގަންނާނެކަން މީގެ ކުރިންވެސް އީސީން ވަނީ ހާމަކޮށްފައެވެ.