ކޮޅުފުށީގައި ސަރުކާރުން ހިންގި ދެ މަޝްރޫއެއް ނިންމާ ރަސްމީކޮށް އިފްތިތާހުކޮށްފި

ފޮޓޯ: ޕީއެސްއެމް

މ. ކޮޅުފުށީގައި ސަރުކާރުން ހިންގި ދެ މަޝްރޫއެއް ނިންމާ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެގޮތުން އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

މި ދެ މަޝްރޫޢުގެ ތެރެއިން ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވާފައިވަނީ އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 28 ނޮވެމްބަރު 2021 ގައެވެ.

ގާތްގަޑަކަށް ހާހެއްހާ މީހުން ދިރިއުޅޭ ކޮޅުފުއްޓަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ހިންގުނު މި މަޝްރޫޢުގެ ދަށުން ކޮޅުފުށީގައި 202 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށިލުމާއި 518.8 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ވަނީ ޖަހާފައެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ރަށުގެ ދެ ސަރަޙައްދު ފުންކޮށް ޢާއްމުން މޫދަށް އެރޭ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކޮށްދިނުމުގެ އިތުރުން ރަށުގެ ހުޅަނގުފަރާތު ގިރާ ސަރަޙައްދު ވެލިން މުއްސަނދި ކޮށްފައިވެއެވެ.

މިއީ ދަޢުލަތުން 22.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ހިންގެވި މަޝްރޫޢެކެވެ.

ކޮޅުފުށީ ފެނުގެ ނިޒާމުގެ މަސައްކަތް ކުރީ އިންޑިއާގެ އެސްއެމްސީ އިންފްރާސްޓްރަކްޗަރއާއި ހަވާލު ކޮށްގެންނެވެ. މި މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކެރެޑިޓްގެ ދަށުން ފަންޑު ކުރެވުނު 3 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބޯ ހޯލް ހެދުމުގެ މަސައްކަތާއި، ވޯޓަރ ކަލެކްޝަން ޓޭންކް އަދި ސްޓޯރޭޖް ޓޭންކް ޤާއިމު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ފެނުގެ ތަޙުލީލުތައް ކުރެވޭނެހެން ލެބޯޓްރީ ހިމެނޭގޮތަށް އިދާރީ މަސައްކަތްތަކަށް ޚާއްސަ އިމާރާތެއް އެޅުމުގެ މަސައްކަތާއި، މުޅި ރަށުގައި ފެން ހޮޅި އެޅުމާއި ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ފެން މީޓަރު ބެހެއްޓުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މި ދެ މަޝްރޫޢުގެ އިތުރުން، ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގައި މި ސަރުކާރުން ޢިމާރަތްކުރެއްވި 8 ކްލާސްރޫމާއި، މަލްޓި-ޕަރޕަސް ހޯލް ޢިމާރާތްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މި ދަތުރުފުޅުގެ ތެރެއިން ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަޝްރޫޢު ކުރިއަށްގެންދަވާފައިވަނީ ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެންނެވެ.

މިއީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހު އެކުންފުންޏާއި ޙަވާލުކޮށްގެން ފެށި މަސައްކަތަކެވެ. މި މަސައްކަތަށް އެކަނިވެސް 14.1 މިލިއަން ރުފިޔާ ދަޢުލަތުން ޚަރަދުކުރައްވާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.