އަލީ ވަހީދު ރާއްޖެ ވަޑައިގެންފި، ވިދާޅުވީ ފްރޭމް ކުރީ ކަމަށް!

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެ ވަޑައިގެންފިއެވެ.

އޭނާ ރާއްޖެ ވަޑައިގެންފައި މިވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރައްވާފައިވާ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ތުހުމަތުތަކުގައި އުފުލި ދައުވާތަކުގައި ހެކިބަސް ދޭން ތިބި މީހުން މިހާރު ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމުން ދައުވާތައް އަނބުރާ ގެންދިއުމުންނެވެ.

އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ އެއްވެސް މީހަކު ރޭޕްކޮށް، ޖިންސީ ފުރައްސާރަ ކޮށްފައި ނުވާނެ ކަމަށެވެ.

އެ މައްސަލައިގާ އޭނާ ފްރޭމް ކުރީ ކަމަށާއި އެކަމުގެ ފަހަތުގައި ތިބި މީހުން އެނގިވަޑައިގަންނަވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އެހެންނަމަވެސް އޭނާ ފްރޭމް ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަތެއް ނުވާ ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ފްރޭމްކުރުމުގައި އިސްކޮށް އުޅުނީ ސަރުކާރުގެ ބޮޑުންތަކެއް. އެކަމަކު މިކަމުގައި ރައީސް ޞާލިހުގެ އެއްވެސް އަތެއް ނެތް. އެ ޔަގީންކަން އަރުވަން." އަލީ ވަހީދު ވިދާޅުވިއެވެ.

ޖިންސީ ކުށުގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދިޔައިރު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ދިން ހުއްދައާއެކު، އިނގިރޭސި ވިލާތުގައި ތިން އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު، ރާއްޖެ ވަޑައިގެން އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ސުޕްރޯމް ކޯޓުން އިއްވި ހުކުމް މުރާޖައާ ކުރުމަށް އެ ކޯޓަށް ލިޔުއްވި ކަމަށެވެ. އަދި މީގެ ދުވަސްކޮޅެއްކުރިން، އެ ހުކުމް ބާތިލު ކުރިކަން ސުޕްރީމް ކޯޓުން އަންގަވާފައިވާ ކަމަށެވެ.

އަލީ ވަހީދު ތަންފީޒުކުރަން ޖެހޭ އެއްވެސް ހުކުމެއް ނެތްކަމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.