ޚާރިޖީ ދާއިރާއިން ޑިޕްލޮމެޓުން ތަމްރީނު ކުރުމަށްއެއްބަސްވުމެއްގައި ސޮއި ކޮށްފި

ޚާރިޖީ ދާއިރާއިން ޑިޕްލޮމެޓުން ތަމްރީނު ކުރުމަށް ފޮރިން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އަޒަރުބައިޖާންގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި ވެވުނު އެއްބަސްވުމެކެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ދެ ގައުމުގެ ދެމެދު ވެވުނު މި އެއްބަސްވުމުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން މިހާރަށް ވުރެ އިތުރަށް ބަދަހިކޮށް، އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ހުރިހާ މަރުހަލާއެއްގައި ވެސް އެއްބާރުލުން ދީ ގަވާއިދުން މަޝްވަރާ ކުރުމަށް މަގުފަހިވާނެ ކަމަޭވެ.

މީގެ އިތުރުން ޚާރިޖީ ދާއިރާއިން ޑިޕްލޮމެޓުން ތަމްރީނު ކުރުމުގައި ވެސް މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީ އިން ވިދާޅުވެއެވެ.

ރާއްޖެއާއި އަޒަރުބައިޖާންއާ ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަޒަރުބައިޖާންގެ ބާކޫގައި މިހާރު ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް، ނާމްގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ހަވާސާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި އަޒަރުބައިޖާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު އެލްނޫރު މަމަޑޯވްއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.