ބްލޫ ރިބަން: ދިވެހިންގެ ދިވެހިބަސް

Photo: PSM News

ދިވެހިންނަށް ، ދިވެހިބަސް ދަސްކޮށްދިނުމަކީ ، ކުރަން ލަސްވެފައިއޮތް ކަމެކެވެ. އެއީ ކުޑަކުދިންނަށްވެސް ، ބޮޑެތިމީހުންނަށްވެސް ، އަދި ސިޔާސީ މީހުންނާއި އޮފީސްއޮފީހުގެ ވެރިންނާއި ވަޒީރުންނަށްވެސް ކޮށްދޭންޖެހިފައި އޮތް ކަމެކެވެ. ސަރުކާރުގެ ވަޒީފާއަށް ނަގާމީހުންވެސް ، ވަޒީފާ ކަށަވަރުކުރުމުގެ ކުރިން ، ދިވެހިބަސް ދަސްކޮށްދީ ، އިމްތިޙާނަކުން ފާސްވުމުން ނޫނީ ވަޒީފާ ، ދާއިމީ ނުކުރުންފަދަ ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެއެވެ.

ތަންކޮޅެއްކުރީގެ މާޒީއަށް ޖެހިލާއިރު ، ޖީސީއީ އޯލެވެލް އިން އިސްލާމާއި ދިވެހި ، މި ދެމާއްދާއިން ފާސްވެގެން ނޫނީ ސަރުކާރުގެ ވަކިގިންތިޔަކުން ވަޒީފާއެއް ނުދެވެއެވެ. އެހެންނަމަވެސް ، އެކަންވެސް ބޮނޑުނަގުލަށްގޮސް ، ބަހަކީ އެއްވެސް އެއްޗަކަށް ނުހަދައި ، ދިވެހިބަހުން ފާސްނުވިޔަސް ވަޒީފާދޭން ފެއްޓުމުގެ ނަތީޖާ މިހާރު މިއޮތީ ފެންނާށެވެ. މިހާރު މިއޮތް ޙާލަތަކީ ، އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ، ބަސް ހަލާކުވެ ބަހުގެ އަދަބުތައް ގެއްލިގެން ހިނގައިދާނެފަދަ ޙާލަތެކެވެ.

ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުމަކީ ، ހުއްޓޭނެކަމެއްނޫނެވެ. ކޮންމެ ކަމަކީވެސް އަބަދުވެސް ، ރަނގަޅުކޮށްލަންޖެހޭކަމެއް އޮންނަ އެއްޗެކެވެ. ދިވެހިބަހުގެ ޙާލަތު މިހާރު މިއޮތީ ، ހީނުކުރާފަދަ ނާޒުކު ފައްތަރެއްގެ މަތީގައެވެ. އެއީ ، ދިވެހިންގެ މާދަރީ ބަހެވެ. އެއަށް ކޮންމެކޮންމެ ގޮތެއްވާން ދޫކޮށްލުން އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. ބަސްބަހަކީ އަބަދުވެސް ދިރުމެއް ހުންނަ އެއްޗެކެވެ. ކުރިއަރައިދާނެ ޖާގަ އޮންނަ އެއްޗެކެވެ. އެހެންނަމަވެސް ، ދިވެހިބަސް މިދަނީ ފަހަތަށެވެ. ހަލާކުވަމުންގޮސް ، ލަދުގަންނަފަދަ ދަރަޖަޔަކެށެވެ.

ކުޑަކުދިން ފެށިގެން އެންމެ ބޮޑެތިމީހުންނާ ހަމަޔަށްވެސް ، ބަހުގެ ޙާލަތު އޮތީ އެއްދަރަޖައެއްގައެވެ. ދަސްކޮށްދޭންޖެހޭ އެތައްކަމެއް އެބަފެނެއެވެ. ބަސްމޮށެ ވާހަކަ ދެއްކުމުގެ ހުނަރާއި އަދަބު ތަކެވެ. ކުށެއްނެތި ވާހަކަދައްކަން އެނގުމެވެ. ކުށަކާނުލައި ލިޔަން ކިޔަން އެނގުމެވެ. އެހެންކަމުން ދިވެހިބަހުގެ އަސާސީ ތަޢުލީމަކަށް ޤައުމު މިވަނީ ބޭނުންވެފައެވެ.

ދިވެހިބަހަށް ދޭންޖެހޭ ޤަދަރާއި ދަރަޖަ ބަޔާންކޮށް ހެދިފައިހުންނަ ޤާނޫނާއި ޤަވާޢިދު އެބަހުއްޓެވެ. އެކަމަކު ، ނެތީ އެއަށް ތަބާވާ ބަޔެކެވެ. ތިމާމެންގެ އަމިއްލަ ބަހަށް ، ތިމާމެން ނުކުރި ޤަދަރަކާއި އިޙްތިރާމެއް އެހެންބަޔަކު ނުކުރާނެއެވެ. ދިވެހިބަހުން ރަނގަޅަށް ވާހަކަ ދައްކައި ލިޔެކިޔަން ނޭނގުމަކީ ، ދިވެއްސަކު ލަދުގަންނަންޖެހޭނެ ކަމެކެވެ. އެކަމަކު ، އެކަން އެހެން ކުރެވޭކަން އެމީހަކަށް ނޭނގުމަކީ މައްސަލައެކެވެ. މި މައްސަލަ ޙައްލުވާނީ ، ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަކުން މިކަމާމެދު ވިސްނައި އެޅެންހުރި ފިޔަވަޅުތަކެއް އަޅައިގެންނެވެ. ދެއަތް އުރާލައިގެން ތިބެވޭވަރަށްވުރެ ޙާލަތުގެ ނާޒުކުކަން ބޮޑެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.