ބްލޫ ރިބަން: ޢީދުއުފާ - ކިހިނެއް މިވަނީ؟

ބޮޑުޢީދު ނުވަތަ އަޟުޙާޢީދަކީ ، އިސްލާމީ އުއްމަތުގެ އެންމެ ބޮޑުޢީދެވެ. ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށްފަހު ، ޙައްޖުވެރިން އުފާފައުޅުކުރުމުގެ ދުވަހެވެ. ބޮޑުޢީދަށް ދިހަރޯދަޢީދޭވެސް ކިޔައެވެ. ސަލާމްލެއްވި އިބްރާހީމުގެފާނު އިމްތިޙާނު ކުރެއްވި ދުވަހެވެ. އެކަލޭގެފާނު އެ އިމްތިޙާނުން ފާސްވެވަޑައިގެން ، އެކަލޭގެފާނުގެމައްޗަށް  ﷲ ގެ ރަޙުމަތްފުޅު ތަނަވަސްވެގެންދިޔަ ދުވަހެވެ. އެކަލޭގެފާނުގެ ދަރިކަލުން ، ޤުރުބާންކުރެއްވުމުން ސަލާމަތްވެވަޑައިގެން ، ﷲ އަށް ކިޔަމަންތެރިވުމުގެ ސަވާބާއި ދަރުމައިގެ ފުރިހަމަ މިސާލެއް ، އިސްލާމީ އުއްމަތަށް ދެއްކެވި ދުވަހެވެ.

ބޮޑުޢީދުގެ ރަމްޒަކީ ޤުރުބާނެވެ. ދުނިޔަވީ އެދުންތައް އެއްފަރާތްކޮށް ، ﷲ އަށްޓަކައި ތިމާގެ އަމިއްލަ ނަފުސު ޤުރުބާން ކުރުމެވެ. މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކުން ، ނަފުސު ޠާހިރުކޮށް ، ﷲ ގެ ރަޙުމަތްފުޅަށް އެދި ، ދުނިޔަވީ އެދުންތަކާ ދުރުހެލިވެ ، ﷲ އަށްޓަކައި އެ ނަފުސު ޚާއްޞަކުރުމެވެ. ﷲ އެންގެވިމަގުން ހިނގައި ، ދިރިއުޅުމުގެ އެންމެހައި ކަންކަން ޤުރުބާން ކުރުމެވެ.

ކުޑަޢީދަކީ ، ރަމަޟާންމަހުގެ ރޯދައިގެ އަޅުކަމަށްފަހު ، އިސްލާމީ އުއްމަތަށް އަންނަ އުފާވެރި ދުވަހެކެވެ. ބޮޑުޢީދަކީ ، ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ، އިސްލާމީ އުއްމަތުން ފާހަގަކުރާ ޢީދެކެވެ. ދެޢީދުވެސް ގުޅިފައިވަނީ ، މާތްވެގެންވާ ދެއަޅުކަމަކާއެވެ. އެ ދެއަޅުކަން ފުރިހަމަކުރުމަށްފަހު ، ނަފުސަށްލިބޭ ވަރުބަލިކަމާއެކު ، ﷲ ގެ މަގުގައި އެކަލާނގެ އަމުރުފުޅަށް ތަބާވެ ، އަމިއްލަ އެދުންތައް ޤުރުބާންކޮށް ، ﷲ އަށްޓަކައި ތިމާވީ ޤުރުބާނީއެއްގެ މަތިވެރި އުފާ ލިބިގަންނަ ދުވަހެކެވެ. ދެޢީދަކީވެސް ، އިސްލާމީ އުއްމަތަށް ޚާއްޞަ ދެދުވަހެކެވެ. އަޟުޙާޢީދަކީ ، ދެޢީދުން އެންމެ ޚާއްޞަ ޢީދެވެ. ދެޢީދުވެސް ގުޅިފައިވަނީ ޤުރުބާނީއަކާއެވެ. ކުޑަޢީދަކީ ، ހިތާއި ނަފުސުގެ ޤުރުބާނީއެކެވެ. ދުނިޔޭގެ އެދުންތަކުން ދުރުހެލިވެ ، އަޅުކަމަށް ޚާއްޞަވެގެންވާ ޤުރުބާނީއެކެވެ. ބޮޑުޢީދަކީ ، އިންސާނެއްގެ ޖިސްމު ޤުރުބާންކުރުމުން ސަލާމަތްވިގޮތުގެ މިސާލެކެވެ. ދެދުވަހަކީވެސް ދީނީގޮތުން ފާހަގަކުރާ ދެޢީދެކެވެ.

ދިވެހިންނަކީވެސް ، ވަރަށްކުލަގަދަކޮށް ޢީދު ފާހަގަކުރާ ބަޔެކެވެ. ޚާއްޞަކޮށް ބޮޑުޢީދެވެ. ޒަމާނަށް އައިސްފައިވާ ބަދަލާގުޅިގެން ، ކުރިން ޢީދު ފާހަގަކުރަމުން އައި ގޮތްތަކަށް ، ދިވެހިންވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތައް ގުޅިފައިވަނީ ތަހުޒީބާތޯ ނުވަތަ ދީނީހަމަތަކުން ބޭރުގައިތޯ މިއީ ބައެއްދިވެހިން އުފައްދަފާނެ ސުއާލެކެވެ. ޢީދު ފާހަގަކުރުމަށް ، ކުރިން ދިވެހިން ކުރަމުން އައި ބައެއްކަންކަމަކީ ބިދުޢަކަމަށް ބަލައި ، ދީނީ ހަމަތަކުން ބޭރުކަންކަން ، ޢީދުންބޭރުކޮށްފައި އެބަހުއްޓެވެ. އެއީ އިސްރާފުކުރުންކަމަށް ބަލާފައެވެ. ދީނީ ހަމަތަކުން ، ކުރަން ހެޔޮވާވަރުގެ ކަންކަން ނޫންކަމަށް ނިންމާފައެވެ. ކޭން ކެއްކުމާއި ، ރަށު އެންމެން އެއްތާކަށް އެއްވެ ކައިބޮއިހެދުންފަދަ ކަންކަމެވެ. ކޯޑި ނެގުމާއި ގައިގޯޅިވެ ކުޅޭ ބައެއް ކުޅިވަރު ތަކެވެ.

މިހާރު ، މިޒަމާނުގައި މިވަނީ ކިހިނެއްތޯއެވެ ؟ އެއްރަށް އަނެއްރަށާ ވާދަޖަހައި ، ވޯލްޑް ކަޕް ބާއްވާ ޤައުމަކަށް ދުނިޔޭގެ އެންމެން ފުޓުބޯޅަބަލަން ޖަމާވާގޮތަށް ، މިލިއަނުން ޚަރަދުކޮށް ، ބޮޑެތި ކުންފުނިތަކުން ސްޕޮންސަރކޮށް އިސްތިހާރުކޮށް ، ވީހާގިނަބަޔަކު ،  އެރަށަކަށް ގެންދިއުމަށް ނުކުރާކަ ކަމެއް ނޯވެއެވެ. ރާއްޖެއިން ބޭރުން ، މިއުޒިކީ ފަންނާނުން ގެންނަން މިލިއަނުން ޚަރަދު ކުރެއެވެ. ރާއްޖޭގެ މަޝްހޫރު މިއުޒިކީ ފަންނާނުން ރަށްރަށަށް ގެންގޮސް ދުރާލައި އިޝްތިހާރު ކުރެވެއެވެ. ފްލައިޓް ތަކާއި ލޯންޗާއި ބޯޓުފަހަރުގެ ދަތުރުތައް ޑަބަލް ކުރެވެއެވެ. ރަށްރަށުގެ ގެސްޓްހައުސްތަކާއި ހުސްކޮށް ހުންނަ ގޭގެ ބުކްކޮށް ފުރާލެވެއެވެ. ނުވިތާކަށް ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކުން ، ދިވެހިންނަށް ޚާއްޞަ ޕެކެޖް ތަޢާރުފްކޮށް ، ދިވެހިންގޮސް ފުރާލައެވެ. މިކަންކަމަކީ އިސްރާފަކަށް ނުވެއެވެ. މިކަންކަން މިމަގަށް ކުރަން ބޭނުންވީމަ ، އަތާ އަނގަޔާ ދިމާނުވެގެން އެކަމާ ޝަކުވާކޮށް ، ނުކައި ނުބޮއެ ނިކަމެތިޙާލުގައި އުޅެންޖެހިގެން ކަންބޮޑުވާމީހަކު ނޫޅެއެވެ.

ބުރުގާ އަޅައިގެން ، ބުރަކައްޓާއި ބަނޑު އަދި އުނަގަނޑުންތިރި ނިވާނުކޮށް ، ސްޓޭޖްތަކުގައި ނަށައި ، އޮރިޔާންޙާލުގައި ރަށު އެންމެންގެ ކުރިމައްޗަށް ނުކުމެ ، ނަފުސު ޤުރުބާންކުރާ އަންހެންކުދިން މަދެއްނޫނެވެ. އެތަންބަލަންތިބެ ލޭކެކި ހިތްހަލާކުވެ ، ވަޖިދުވާ  މީހުންވެސް މަދެއްނޫނެވެ. ސިޔާސީ މުހުތާދުތައް ފުއްދުމަށްޓަކައި ، ޖަމާޢަތުގެ ބައިބައިވުން އުފެދޭ ބެނަރ ތަކާއި ، އެބަޔަކު ހިތްހަމަނުޖެހޭ ޝަޚުޞިއްޔަތުތައް ރަމްޒުކޮށް ހުށަހަޅައި ، ނަފުސު ޤުރުބާންކުރާ ސިޔާސީމީހުންވެސް މަދެއްނޫނެވެ.

ޢީދަކީ އުފާފައުޅުކުރުމުގެ ދުވަހެކެވެ. ދިވެހިންނަކީ މުސްލިމުންނެވެ. މިއީ އިސްލާމީ އުއްމަތުގެ ބަޔެކެވެ. ޢީދުއުފާ ކަމަށްވިޔަސް އެހެން އުފަލެއްކަމަށްވިޔަސް ، އެކަމެއް އޮންނަންވާނީ ، ދީނީ ހަމަތަކުން ބޭރުނުވާ ދަރަޖައެއްގައެވެ. ދީނުން ބޭރުވެގެން ފާޅުކުރާ ޢީދަކީ ޙަރާމް ޢަމަލެކެވެ. މިފަދަ ޢަމަލުތަކަށް ، އިސްލާމީ ދިވެހި މުޖުތަމަޢު ދޯޅުވަމުންދާނަމަ ، އެކަން ވިސްނައިދީ ، ހުއްޓުވައި މަގުދެއްކުމަކީ ، ވެރިކަމުގެ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ. އެކަންކުރުމުގެ ޒިންމާ މަތިކޮށް ، ދިވެހިންގެ ޓެކްސް ފައިސާއިން ޚަރަދުކުރާ އެކިވަރުގެ ވެރިން އެބަތިއްބެވެ. އެއީ ކައުންސިލަރުންކަމަށްވިޔަސް ، މިނިސްޓަރުންކަމަށްވިޔަސް ، ޒިންމާއާއި މަސްއޫލިއްޔަތު ވަކިކުރަން ނޭނގޭކަމަށްވަންޏާ އެއީ މައްސަލައެކެވެ. ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިމަގު ކޮށައިދޭން، އެބަޔަކަށް  ނޭނގެންޏާ އެއީ ދެރަކަމެކެވެ. ދިވެހިންގެ ދީނަކީ މާތްވެގެންވާ އިސްލާމްދީނެވެ. ދީނާޚިލާފު ޢަމަލުތައް ނުހުއްޓުވޭކަމަށް ވަންޏާ ، އެކަންކަމަށް ރައްޔިތުން ހޭލުންތެރިކޮށް މަގުނުދެއްކޭކަމަށް ވަންޏާ އެއީ އަދި މާބޮޑު މައްސަލައެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.