ދިވެހި ހައްޖުވެރިޔަކު އަނެއްކާ ވެސް ނިޔާވެއްޖެ

ދިވެހި ހައްޖުވެރިޔަކު އަނެއްކާ ވެސް ނިޔާވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ހައްޖަށް ދިޔަ އިތުރު ދިވެހި ހައްޖާޖީއަކު ނިޔާވެފައިވާ ކަމަށާއި އެއީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ދިޔަ މީހެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން ނިޔާވީ އިއްޔެ ދިވެހިރާއްޖެ ގަޑިން އިއްޔެ 18:17 ގައި ކަމަށެވެ. އަދި އޭނާއަކީ އުމުރުން 72 އަހަރުގެ މީހެއް ކަމަށާއި ނިޔާވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

މިއީ މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ މީހުންގެ ތެރެއިން ނިޔާވި ދެވަނަ މީހާއެވެ.

އެންމެފުރަތަމަ ނިޔާވީ އަލް-ހަރަމައިން ހައްޖު ގްރޫޕުގެ ބެލުމުގެ ދަށުން ހައްޖަށް ގޮސް އުޅުނު މީހެކެވe.

ރ. މާކުރަތު، މުހައްމަދު ނަސީމް ނިޔާވެފައި އޮއްވާ ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް  4 ދުވަސް ފަހުންނެވެ. އެއީ ވެސް އުމުރުން 72 އަހަރުގެ މީހެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އޭނާ ނިޔާވެފައި ވަނިކޮށް ފެނިފައިވަނީ ނޫރު ފަރުބަދައާއި ދިމާލުން ކަމަށާއި ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަން ހޮސްޕިޓަލުން ކަށަވަރު ކޮށްދީފައިވާކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.