'ޓައިޓަން' ސަބްމެރީންގެ ބައިތައް ޓައިޓޭނިކް ކައިރިން ފެނިއްޖެ

ޓައިޓަން ސަބްމެރީންގައި ދަތުރުކުރި މީހުން: ވާތްފަރާތު މަތީގައި: ހަމީޝް ހާޑިންގ، ކަނާތްފަރާތު މަތީގައި: ސްޓޮކްޓަން ރަޝް، ވާތްފަރާތު ތިރީގައި: ޕޯލް ހެންރީ ނާޖިއޮލޭ، ކަނާތްފަރާތު ތިރީގައި: ޝެހެޒާދާ ދާވޫދާއި، އޭނާގެ ދަރިފުޅު ސުލައިމާން ދާވޫދު

ސަތޭކަ އޭގަރާ އަހަރު ކުރިން އެޓްލާންޓިކް ކަނޑުގެ އަޑިއަށް ފެތިފައިވާ އާގުބޯޓު ޓައިޓޭނިކް ބަލަން އެބޯޓު އޮތް ދިމާއަށް ފާއިތުވި އާދީއްތަ ދުވަހު އަޑިޔަށް ދާން ދަތުރު ފެށިތާ ދެގަޑިއެއްހާއިރު ފަހުން ގުޅުން ކެނޑުނު ކުޑަ ސަބްމެރީން 'ޓައިޓަން' ހޯދަން މަސައްކަތްކުރަމުން ދަނިކޮށް، އެ އުޅަނދުގެ ބައިތައް ޓައިޓޭނިކާ މާދުރުނޫން ހިސާބަކުން ފެނިއްޖެއެވެ.

އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި (ރާއްޖޭ ގަޑިން ރޭ 11 ޖެހިއިރު) ނޫސްވެރިންނަށް މައުލޫމާތުދެމުން އެމެރިކާގެ ކޯސްޓުގާޑުން ބުނިގޮތުގައި ކުޑަ ސަބްމެރީންގެ ބައިތައް ފެނިފައި ވަނީ ޓައިޓޭނިކް ދިރުނބާ ކޮޅާ 1600 ފޫޓު ދުރުން ކަނޑުގެ އަޑީންނެވެ.

ޔޫއެސް ކޯސްޓްގާޑުގެ ރިއަރ އެޑްމިރަލް ޖޯން މޯގަރ ވިދާޅުވި ގޮތުގައި ލަފާކުރެވޭ ގޮތުގައި ސަބްމެރިން 'އިމްޕްލޯޑްވުމުގެ' (އެތެރެއަށް ގޮވުމުގެ) ސަބަބުން އޭގައި ތިބި 5 މީހުން ވެސް  ވަނީ ގެއްލިފައެވެ.

އެތާ ކަނޑު އަޑީގައި މަސައްކަތްކުރަން އިންތިހާއަށް އުނދަގޫ މާހައުލެއް. އެތަނުން ފެނުނު ބައިތަކުން ކަށަވަރުކުރެވޭ ގޮތުގައި އުޅަނދު (ޓައިޓަން ސަބްމެރީން) ވަނީ ކާރިސީ ގޮތަކަށް އެތެރެއަށް ގޮވާފައި." ރިއާ އެޑްމިރަލް ޖޯން މޯގަރ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގޮވާފައިވާ ސަބްމެރީންގެ ބައިތައް ފެނިފައި ވަނީ ކެނެޑާގެ ކަނޑުގެ ސިފައިން ފޮނުވި ރިމޯޓުން އޮޕަރޭޓްކުރާ ކަނޑު އަޑީގެ އުޅަނދަކުންނެވެ.

އޯޝަންގޭޓް އެކްސްޕެޑިޝަންސް ކުންފުނިން އޮޕަރޭޓްކުރާ 'ޓައިޓަން' ސަބްމެރީން އާދީއްތަ ދުވަހުގެ ވަގުތެއްގައި ގެއްލުމާއެކު އެއުޅަނދު ހޯދައި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ ބިޔަ އޮޕަރޭޝަނެއް ފަށާފައި ވެއެވެ. އުތުރު އެޓްލާންޓިކް ކަނޑުގެ އެތައް ހާސް ކިލޯމީޓަރެއް ބަލައި ހޯދަން ކުރި މަސައްކަތުގައި އެމެރިކާގެ ކޯސްޓް ގާޑާއި، ކަނޑުގެ ސިފައިންނާއި، ކެނެޑާގެ ކަނޑުގެ ސިފައިންނާއި، ކަނޑުގެ ހޯދުންތަކުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން ބައިވެރިވެފައި ވެއެވެ.

ސަބްމެރިން ހަލާކުވެފައިވާކަން އެމެރިކާގެ ކޯސްޓްގާޑުން ރަސްމީކޮށް ހާމަކުރުމުގެ ކުރިން އެ ސަބްމެރީން އޮޕަރޭޓްކުރާ އޯޝަންގޭޓް ކުންފުނިން ވަނީ އެ އުޅަނދުން ދަތުރުކުރި އެންމެން ގެއްލިފައިވާކަން ކަށަވަރުކޮށްދީ ބަޔާނެއް ނެރެފައެވެ.

"ފުން ހިތާމައިގެ މި ދަނޑިވަޅުގައި އަހަރުމެންގެ ހިތްތައް ވަނީ އެ ފަސް ފުރާނައާއި، އެމީހުން އާއިލާތަކާއެކު." އޯޝަންގޭޓްގެ ބަޔާނުގައި ވެއެވެ.

ޓައިޓޭނިކް ބަލާލަން ކަނޑުގެ އަޑިއަށް ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން 2 ލައްކަ 50 ހާސް އެމެރިކާ ޑޮލަރު ނަގާއިރު، 12500 ފޫޓު އަޑިއަށް ދަތުރުކުރާ އެއުޅަނދުގެ ރައްކާތެރިކަމާމެދު، އޯޝަންގޭޓް ކުންފުނީގައި މަސައްކަތްކުރި ބައެއް މީހުން ސުވާލުއުފައްދާފައި ވާކަމަށް ވެއެވެ. ޓައިޓޭނިއަމާއި ފައިބަރުން އުފައްދާފައިވާ އޭގެ ބޭރު ތޮށިގަނޑަށް ކަނޑުގެ އެންމެ އަޑީގައި ހުންނަ ޕްރެޝަރުގައި ގިނަ ވަގުތު ހިފަހައްޓާލެވޭނެ ކަމާމެދު އެމީހުން ކަންބޮޑުވުން ފާޅުކުރި ކަމަށް ވެއެވެ.

އެ އުޅަނދު ގެއްލުނު އިރު އޭގައި ތިބީ އޯޝަންގޭޓްސް އެކްސްޕެޑިޝަންގެ ވެރިޔާ ސްޓޮކްޓަކް ރަޝްއާއި، އިނގިރޭސި ވިޔަފާރިވެޔާ އަދި އެކްސްޕްލޯރާ ހަމީޝް ހާޑިންގއާއި، ޕާކިސްތާނަށް ނިސްބަތްވާ އިނގިރޭސި ވިޔަފާރިވެރިޔާ ޝެހެޒާދާ ދާވޫދާއި، އޭނާގެ ދަރިފުޅު ސުލައިމާނާއި، ފްރާންސުގެ ކަނޑުގެ ދިރާސާތަކާ ބެހޭ ތަޖުރިބާކާރު ހެންރީ ނާޖިއޮލޭއެވެ. ޝެހެޒާދާ ދާވޫދުގެ އާއިލާއަކީ ޕާކިސްތާނުގެ އެންމެ މުއްސަނދި އެއް އާއިލާއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.