ޓައިޓޭނިކް ކައިރިން ގެއްލުނު ސަބްމެރީންގައި ހުރި އޮކްސިޖަން މިއަދުގެ ވަގުތެއްގައި ހުސްވާނެކަމަށް ބެލެވޭ

ގެއްލިގެން ހޯދަމުންދާ 'ޓައިޓަން' ސަބްމެރީން

އެންޓާންޓިކް ކަނޑުގެ އަޑިއަށް ފާއިތުވި އާދީއްތަ ދުވަހު ދިޔަގޮތަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކުޑަ ސަބްމެރިންގައި ދެން ހުންނާނި 16 ގަޑިއިރު ނޭވާލާން ބޭނުންކުރެވޭނޭ އޮކްސިޖަން ކަމުގައި ތަޖްރިބާކާރުން ރޭ ބުނެފިއެވެ.

އެޓްލާންޓިކް ކަނޑުގެ 12500 ފޫޓު އަޑިއަށް 1912 ވަނަ އަހަރުގެ އެޕްރީލް މަހު ފެތުނު ޓައިޓޭނިކް ބަލާލުމަށް ޓޫރިސްޓުން ގެންދާ ކުންފުނި އޯޝަންގޭޓް އެކްސްޕެޑިޝަންސް ކުންފުނީގެ ކުޑަ ސަބްމެރިން 'ޓައިޓަން' ކަނޑު އަޑިއަށް ދިއުމަށް ދަތުރު ފެށީ ފާއިތުވި އާދީއްތަ ދުވަހު ހެނދުނު 8 ޖެހިއިރު (ރާއްޖޭ ގަޑިން ހަވީރު 4 ޖެހިއިރު) އެވެ. ފީނިއިރު އޭގައި ހުރީ 96 ގަޑިއިރަށް ބޭނުންކުރެވޭނެ އޮކްސިޖަން ކަމަށް ވެއެވެ.

ޓައިޓޭނިކް ފެތިފައި ވަނީ ކެނެޑާގެ ނިއުފައުންޑްލޭންޑުގެ ދެކުނު-އިރުދެކުނުން 685 ކިލޯމީޓަރު ދުރަށެވެ.

ސަބްމެރީންގައި ތިބި މީހުން ސަލާމަތް ކުރަން ލިބިފައި އޮތް ފުރުސަތު ގެއްލުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު، އެމެރިކާގެ ކަނޑުގެ ސިފައިންނާއި، ކެނެޑާގެ ކަނޑުގެ ސިފައިންނާއި، އެޓްލާންޓިކް ކަނޑުގެ އުތުރު ސަރައްދުގައި ހަރަކާތެރިވާ އަމިއްލަ ކުންފުނިތައް ގުޅިގެން ދަނީ ސަބްމެރިން ހޯދުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ.

'ޓައިޓަން' ސަބްމެރިން އަޑިއަށް ދިއުމުގެ 1 ގަޑި 45 މިނެޓް ފަހުން އެއާ އެ އަޑިއަށް ފޮނުވަން ބޭނުންކުރާ މައި އާގުބޯޓާ ވަނީ  ގުޅުން ކެނޑިފައެވެ. ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ސަބްމެރީނާ މައި އާގުބޯޓާ ގުޅުން ކެނޑޭނީ ވަރަށް ބޮޑު ކަމެއް ދިމާވެންގެންނެވެ. އެހެންވެއްޖެނަމަ، އެކަމުގެ ނަތީޖާ އުފާވެރި ނުވާނެއެވެ. އެހެންނަމަވެސް ސަބްމެރިން ހޯދަން މަސައްކަތްކުރާ ފަރާތްތަކުން އަދިވެސް އުއްމީދު ކަނޑާނުލައެވެ.

ސަބްމެރިން ހޯދައި މީހުން ސަލާމަތްކުރާ ފަރާތްތަކަށް އުއްމީދެއް ލިބުނު އެއް ކަމަކީ ސަބްމެރިން ގެއްލުނު ސަރަހައްދުން ކަނޑު އަޑިން އަޑުތަކެއް އިވުމެވެ. ކަނޑުއަޑީގެ އަޑުތައް ދެނެގަންނަ އާލާތްތައް ބޭނުންކޮށްގެން ކުރެވޭ މަސައްކަތުން އަދި އެ އަޑުތައް އައި ހިސާބު ވަނީ ނުހޯދިފައެވެ.

'ޓައިޓަން' އަކީ ފައިބަރާއި، ޓައިޓޭނިއަމުން އުފައްދާފައިވާ، ކަނޑު އަޑީގެ 13000 ފޫޓު އަޑިއަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ 31 ފޫޓު ދިގު އުޅަނދެކެވެ. އެ އުޅަނދު ގެއްލުނު އިރު އޭގައި ތިބީ އޯޝަންގޭޓްސް އެކްސްޕެޑިޝަންގެ ވެރިޔާ ސްޓޮކްޓަކް ރަޝްއާއި، އިނގިރޭސި ވިޔަފާރިވެޔާ އަދި އެކްސްޕްލޯރާ ހަމީޝް ހާޑިންގއާއި، ޕާކިސްތާނަށް ނިސްބަތްވާ އިނގިރޭސި ވިޔަފާރިވެރިޔާ ޝެހެޒާދާ ދާވޫދާއި، އޭނާގެ ދަރިފުޅު ސުލައިމާނާއި، ފްރާންސުގެ ކަނޑުގެ ދިރާސާތަކާ ބެހޭ ތަޖުރިބާކާރު ހެންރީ ނާޖިއޮލޭއެވެ. ޝެހެޒާދާ ދާވޫދުގެ އާއިލާއަކީ ޕާކިސްތާނުގެ އެންމެ މުއްސަނދި އެއް އާއިލާއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.