ބީއެމްއެލް ސްޓާޓަޕް ގްރާންޓުގެ ސުންގަޑި: 2 ޖުލައި 2023

އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް  ބޭންކް އޮފް މޯލްޑިވްސް އިން ދޭ ހިލޭ އެހީ އަށް އެދިހުށަހެޅުމުގެ ފުރުސަތު 2 ޖުލައި 2023 ވަނަ ދުވަހުގެ ރޭ 12:00 އަށް ހަމަވާނެއެވެ.

ކޮންމެ ވެސް ދެ ވިޔަފާރިއެއް ހޮވައި، ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ އާއި އެ ވިޔަފާރި ފަށައިގަތުމަށް ބޭނުންވާނެ ފައިނޭންޝަލް އެޑްވައިސް ބީއެމްއެލް އިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އާންމު ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް (އެއް އަހަރު ވެފައި ނުވާ) ވެސް މި ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ހިލޭ އެހީ ލިބޭ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދެވޭ އިވެލުއޭޝަންތަކަށް ފަހުގައެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތް ހޮވައި ޝޯޓުލިސްޓް ކުރެވޭއިރު، ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.

ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގުނު މުޖުތަމައުއަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު 4 ވިޔަފާރިއަކަށް މި އެހީ ފޯރުކޮށްދީފައެވެ. އޭގެ ތެރެއިން ހިލޭ އެހީ ލިބުނު ނިރިސް އެމްބްރޮއިޑަރީގެ އައުޓްލެޓެއް ދާދިފަހުން ވަނީ ހުޅުވާފައެވެ.

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/startup-grant

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.