ލީބިޔާގެ ވާދަވެރި ފަރާތްތަކުން އިންތިޚާބާބެހޭ އާ އުސޫލުތަކަކަށް އެއްބަސްވެއްޖެ

ލީބިޔާގެ އިންތިޚާބާ ބެހޭ މަޝްވަރާތައް މޮރޮކޯގައި ކުރިއަށް ދަނީ

ލީބިޔާގައި ނުބޭއްވި ލަސްވެފައިވާ ރިޔާސީ އިންތިޚާބާއި، އާއްމު އިންތިޚާބު ބާއްވާނެ ގޮތަކާމެދު މަޝްވަރާކުރުމަށް އެގައުމުގެ ސިޔާސީ ވާދަވެރި ފަރާތްތަކުން މޮރޮކޯ (މަޣްރިބު) ގައި ބޭއްވި ބައްދަލުވުންތަކަށް ފަހު އެކަމަށް އާ އުސޫލުތަކެއް އެކުލަވާލައިފިއެވެ. ލީބިޔާގައި ވެރިކަންކުރާ ވާދަވެރި ދެ ސަރުކާރުގެ މަންދޫބުން ވަނީ އިއްޔެ މިކަން ހާމަކުރައްވާފައެވެ.

އިންތިޚާބު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. އެހެންނަމަވެސް، އެ އިންތިޚާބު ބާއްވާނެ ގޮތަކާއި، އިންތިޚާބު ކަންކަން އިންތިޒާމުކުރާނެ ފަރާތަކާމެދު ވާދަވެރި ސިޔާސީ ފަރާތްތަކުގެ މެދުގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުން އެ އިންތިޚާބު ވަނީ ނުބޭއްވިފައެވެ.

2011 ވަނަ އަހަރު ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ އެހީތެރިކަމާއެކު ލީބިޔާގެ ހަނގުރާމަވެރިން ނުކުމެ ކާނަލް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ވައްޓާލި ފަހުން އެ ގައުމަށް ހަމަޖެހުން އައިސްފައި ނުވެއެވެ. އަދި އެންމެން އެއްބަސްވާ ސަރުކާރެއްވެސް އެކުލަވާލެވިފައި ނުވެއެވެ. ގައުމުގައި ވެރިކަންކުރަމުން އައިސްފައި ވަނީ ވާދަވެރި ދެ ސަރުކާރުން ނުވަތަ ތިންވަނަ ސަރުކާރުންނެވެ.

މިހާރުވެސް އެ ގައުމުގައި ދަނީ ދެ ސަރުކާރުން ވެރިކަން ކުރަމުންނެވެ. އެއީ، ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) ގައި އޮތް އިންތިޤާލީ ސަރުކާރާއި، އިރުމަތީ ލީބިޔާގެ ބެންޣާޒީގައި އޮތް ސަރުކާރެވެ. އދ.ން ލީބިޔާގެ ޤާނޫނީ ސަރުކާރު ކަމުގައި ގަބޫލުކުރަނީ ޓްރިޕޮލީގައި އޮތް ސަރުކާރެވެ. ލީބިޔާގެ ބާރުގަދަ ހަނގުރާވެރި ލީޑަރު ޚަލީފާ ޙަފްތަރުގެ ތާއީދު އޮތީ އިރުމަތީގައި އޮތް ސަރުކާރަށެވެ.

 މޮރޮކޯގައި ދެ ހަފުތާއަށްވުރެ ދިގު މުއްދަތަކަށް ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު ވާދަވެރި ދެ ސަރުކާރުގެ މަންދޫބުން ވަނީ އުސޫލަތަކެއް އެކުލަވާލާފައެވެ. އެހެންނަމަވެސް އަދި އޭގައި ސޮއިކޮށްފައި ނުވެއެވެ. އެހެންކަމުން، ބެލެވޭގޮތުގައި އަދިވެސް ޚިޔާލު ތަފާތުވުންތައް މުޅިން ނައްތައިނުލެވެނީއެވެ.

އިންތިޚާބު ބާއްވާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވެއެވެ.

"(މަޝްވަރާތަކުގައި ބައިވެރިވި ވަފުދުތަކުގެ) މެންބަރުން ވަނީ ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނުތަކަށް އެއްބަސްވެފައި." ދެކުނު މޮރޮކޯގެ ރަށެއް ކަމުގައިވާ ބޫޒްނީޤާގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ލީބިޔާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ޖަލާލު އައްޝުވައިހިދީ ވިދާޅުވިއެވެ. އޭނާއަކީ އިރުމަތީގައި އޮންނަ ސަރުކާރު ތަމްސީލުކުރައްވާ ބޭފުޅެކެވެ.

މޮރޮކޯގެ ޚާރިޖީ ވަޒީރު ނާޞިރު ބޫރީޠާ ވިދާޅުވި ގޮތުގައި "ކުރިއަށް ދުވަސްތަކުގައި އެއްބަސްވުމުގައި ސޮއިކުރާނެއެވެ. ސޮއިކުރައްވާނީ އިރުމަތީ ގައި އޮތް ސަރުކާރު ހިންގާ ގާނޫނުހަދާ މަޖިލީހުގެ ރައީސު ޢަޤީލާ ޞާލިޙުއާއި ހުޅަނގައި އޮތް ސަރުކާރުގެ ހައި ސްޓޭޓް ކައުންސިލްގެ ރައީސު ޚާލިދު އަލްމިޝްރީއެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.