މެނޭޖުމަންޓުން އެއްވެސް މުވައްޒަފަކަށް ބިރެއް ނުދައްކާ، ނުވެސް ދައްކާނެ: ފެނަކަ

ފެނަކައިގެ އަދުގެ މެނޭޖުމަންޓުން އެއްވެސް މުވައްޒަފަކަށް ބިރެއް ނުދައްކާ ކަމަށާއި ނުވެސް ދައްކާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ބައެއް ނޫސްތަކުގައި ފެނަކައިގެ ނަން ބޭނުންކޮށް، އެއްވެސް އަސާސެއް ނެތް ޚިޔާލީ ވާހަކަތައްއުފައްދައި ޝާއިއު ކުރަމުން ދަނީ ފެނަކައަކީ ރާއްޖޭގެ އުތުރުން ދެކުނަށް ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މަގުބޫލު ބްރޭންޑަކަށް ވުމުން، އެކަމުގެ ފައިދާ ނަގާ، ނޫސްކިޔުންތެރިން އިތުރުކުރުމުގެ ހީލަތްތެރި އުކުޅެެއްގެ ގޮތުގައިކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެހެންކަމުން އެކަމަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް ފެނަކައިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކުން އެފަރާތްތަކާއި މުޖުތަމައަށް ފައިދާހުރި ބޭނުންތެރި މަސައްކަތްތަކެއް ކުރުމަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ފެނަކައިން ބުނީ 2018 ނޮޮވެމްބަރު 17 އިން ފެށިގެން އެ ކުންފުނިން ވަނީ އެ ކުންފުނީގެ އެންމެބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމުގައި ބަލައިގަނެ، މުވައްޒަފުންނަށް ބިރުފިލައިތިބެ ހާސްކަމެއް ނެތިވަޒީފާ އަދާކުރެވެނެ ފަހި މާހައުލެއް ގާއިމުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާފައި ކަމަށެވެ.

މީގެ އިތުރުން އަނެކުންގެ މިނިވަންކަމާއި ހައްގުތަކަށް އަރައިނުގަނެ އަމިއްލައަށް ލިބިފައިވާ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ތަނަވަސްކޮށް ހުޅުވައިދީ ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ފެނަކައިން ބުނެއެވެ. އަދި އެެއްވެސް ހާލެއްގައި އެ ހައްގުތަކަށް ހުރަސް އަޅައި، މުވައްޒަފުންނަށް ބިރު ދެއްކުމަކީ ކުްނފުނީގެ އަދުގެ މެނޭޖުމެންޓު ދަންނަ ނުވަތަ ބޭނުންކުރާ ފަލްސަފާއެއް ނޫން ކަމަށް ވެސް ފެނަކައިން ވަނީ ޔަގީންކަން ދީފައެވެ.

ހަމައެހެންވެ، ކުންފުނީގެ ވަކިވަކި މުވައްޒަފުން ފާޅުކުރާ ޚިޔާލާއި ޝޫއޫރާއި ބުނާ ބުނުމަކީ ކުންފުނީގެ މެނޭޖުމެންޓުގެ ބަސް ނުވަތަ ކުންފުނިން ދެކޭގޮތް ނޫން ކަން ވެސް ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.

ވުމާއެކު، އެއްވެސް އަސްލެއް، އަސާސެއް ނެތި، ކުންފުނީގެ މެނޭޖުމެންޓާއި ކުންފުނީގެ އަގުވައްޓާލާނަން ކިލަނބު ކުރުމަށް ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް އެފަދަ އެންމެހާ ފަރާތްތަަކަށް ތަކުރާރުކޮށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ފެނަކައިގެ ނަން ބޭނުންކޮށްގެން ފައިދާ ހޯދުމަށް ވިސްނާނަމަ، ރިވތި އަޚްލާގާއި ސުލޫކުގެ ތެރެއިން އެކަމަށް މަގު ހޯދުމަށް ވެސް ފެނަކައިން ވަނީ އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.