ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ސާލިހުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި މި ވަގުތު ކުރިއަށް ދާ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ، އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާނެއެވެ.

މި ރަސްމިއްޔާތު މިއަދު ހަވީރު 16:00 ގައި ހަންކެޑެ އާއި މަރަދޫ ގުޅޭ ބްރިޖް ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައި ވާއިރު، ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ފައްޓަވައި ދެއްވާނެއެވެ.

އިންޑިއާގެ ރިނާޓަސް އާ ހަވާލުކޮށްގެން ކުރިއަށް ދާ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

މީގެ އިތުރުން ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫ ސިޓީ ހިތަދޫ، ސިޓީ ސްކެއާގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ އޮންނާނީ ރޭގަނޑު 20:30 ގައެވެ.

ރައީސްގެ ދަތުރުފުޅުގައި ސަރުކާރުން މިހާރު އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުން ވެސް އޮންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.