ބްލޫ ރިބަން: ނަފުސުގެ އަޅުވެތިކަން

ނަފުސަކީ ، އިންސާނާގެ އަމިއްލަ ޒާތެވެ. އިންސާނާގެ ގޮތާއިފޮތުން އަދި ތަބީޢަތުގައި އޭނާގެ އަމިއްލަ ތަޞައްވުރެވެ. ފުރާނައިގެ ނާރެހެވެ. ދުނިޔޭގައި އިންސާނާ އުޅެން ބޭނުންވާގޮތް އަންގައިދޭ ކަންނާޑިއެވެ.

އަޅުންނަކީ ، މިނިވަންކަން ލިބިގެންނުވާ މީހުންނެވެ.  އަޅެއްގެ ގޮތްހުރި ، އަމިއްލަ އިޚްތިޔާރު ލިބިގެންނުވާ ، އެހެންމީހެއްގެ މިލްކެކެވެ. އަޅުވެތިކަމަކީ ، އަމިއްލަ އިޚްތިޔާރު އެއްގޮތަކަށްވެސް ނުހިނގާ ، އަމިއްލަޔަށް ގޮތެއް ނުނިންމޭ ޙާލުގައި ، އަމިއްލަ އެއްވެސް ބާރެއްނެތި ، ހުންނަ ހުރުމެވެ.

ނަފުސުގެ އަޅުވެތިކަމަކީ ، އެހެންމީހުންގެ ބުއްދިޔަށް ނުފެންނަ ގޮތެއްގެމަތިން ، ތިމާއަށް ނިންމޭ ގޮތެއް ބަދަލު ނުކުރެވޭ ޙާލަތަކަށް ތިމާގެ ވިސްނުމާއި ފިކުރުގޮސް ހުއްޓިފައި އޮތުމެވެ. ތިމާއަށް މޮޅުވާގޮތަށް ، އަމިއްލަ އެދުން އިސްކޮށް އެހެންހުރިހާ މީހުންގެ ބަހާއި އެހެންމީހުން ބުނާގޮތާއި އެހެންމީހުންނަށް ފެންނަގޮތް ، ޤަބޫލުކުރަން އުނދަގޫވާ ހިސާބަށްގޮސް ، ތިމާއަށް ފެންނަ ގޮތެއްގައި ނުވަތަ ތިމާ ބޭނުންވާ ގޮތެއްގައި ހުރުމަށް މަޖުބޫރުވެފައި އޮތުމެވެ.

ތިމާގެ ފިކުރާއި ވިސްނުމާ އަދި ޚިޔާލާތު ވަކި ދިމާއަކަށްގޮސް ހުއްޓި ، ޚުދު ތިމާއަށްވެސް ، އެއާ ނުކުޅެވޭފަދަ ހިސާބެއްގައި ހައްޔަރުވެފައި ހުރުން އެއީ ، ނަފުސުގެ އަޅުންނަށް ވުމެވެ. އަމިއްލަ އެދުން އިސްކޮށް ، އެހެންމީހަކަށް ހެވެއް ނޭދެވޭފަދަ ޙާލަތަކަށް ތިމާ ބޭނުންވާގޮތް ގޮސްފައި އޮތުމެވެ.

ނަފުސުގެ އަޅުވެތިކަމުގައި ހައްޔަރުވެ ، ސަލާމަތްވާން ނޭނގިގެންއުޅޭ އެތައްބަޔަކު މި ދިވެހި މުޖުތަމަޢުންވެސް އެބަ ފެނެއެވެ. އިޖްތިމާޢީ ހަމަނުޖެހުން ގެއްލި ، ފިތުނަ ފަސާދަ އުފެދި ، ފަރުދީ ޒިންމާނެތި ، ހަލާކުގެ މަގަށް ޤައުމުދާއިރުވެސް ، އެފަދަމީހުން އެތިބެނީ ، ނަފުސުގެ އަޅުންނަށް ވެފައެވެ. ގޮތްދޫކުރަން ބޭނުން ނުވެފައެވެ. ތިމާގެ ނަފުސު ބޭނުންވާގޮތް ނޫން އެހެން ގޮތަކަށް އެއްވެސް ކަމެއް ، ޤައުމުގައި ހިނގައިގެންނެއް ނުވެއެވެ. ވެރިކަމާއި ބާރުވެސް ލިބެންވީ އެމީހުންނަށެވެ. ލާރިއާއި މުދާވެސް ލިބެންވީ އެމީހުންނަށެވެ. ޤައުމުގެ އެންމެން ކިޔަމަންވެ ، ސަނާކިޔަންވީވެސް އެމީހުންނަށެވެ. ނަފުސުގެ އަޅުވެތިކަމުގައި ބަޔަކު ހައްޔަރުވެ ، އަމިއްލަ އެދުން އިސްކުރާއިރު ، ރައްޔިތުން ތިބެންވީ އެމީހުންގެ އަޅުންނަށް ވެގެން ހެއްޔެވެ ؟  ނޫނެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.