އައްޑޫ ސިޓީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ ސިޓީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އައްޑޫ ކައުންސިލުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ އައްޑޫ ސިޓީ ހިތަދޫގައި ކަމަށެވެ. އަދި އެ ހާދިސާގައި އެ ގެ އެއްކޮށް އަނދާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ގޭގައި އުޅުނު މީހުން ހާލުގައި ޖެހުމުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އަނދާފައި ވަނީ ސ. ހިތަދޫ، މާކޯޅީގެއެވެ.

އެގޭގެ 70 ޕަސެންޓް އަނދާފައި ވާއިރު ކައުންސިލުން މިހާރު އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިތުރަށް ބުނީ މި ހާދިސާ ހިނގި އިރު އެގޭގައި 7 މީހަކު ދިރިއުޅެމުން ދިޔަކަމަށާއި އެއީ ބޮޑު ދެމީހުންނާއި ކުޑަ ފަސްކުދިން ކަމަށެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ކުޑަކުދިންނަށް ހޮސްޕިޓަލުގައި ފަރުވާދީފައި ވާއިރު އަދިވެސް ދެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

"ފަސް ކުދިންގެ ތެރެއިން 8 މަހުގެ ކުއްޖާ އާއި 7 އަހަރުގެ ކުއްޖާއަށް ފަރުވާ ދެނީ ހޮސްޕިޓަލުގަ. އެ ދެކުދިންގެ ހާލުވެސް މިހާރު ރަނގަޅު. އެކަމަކު ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައި ވަނީ" ކައުންސިލުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ ހާދިސާ ހިނގާފައި ވަނީ ރޭ އައްޑޫ ސިޓީއިން ކަރަންޓް ދިއުމުން އެގޭގައި ރޯކޮށްފައި ހުރި އުއްބަތިއަކުން ކޮޓަރިތެރޭގައި ރޯވެގެންނެވެ.

މިހާދިސާ ހިނގުމަށް މެދުވެރި ސަބަބު އިތުރަށް ދަނީ ބަލަމުންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.