ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ތަޤްރީރު ކުރައްވާ، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

މިމަހުގެ 12 އަދި 13 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވި މި ކޮންފަރެންސްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން، ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ތަޤުރީރުކުރައްވާފައެވެ. އެމަނިކުފާނުގެ ތަޤުރީރުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުންދެމެހެއްޓުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ވިދާޅުވެފައިވެއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ވަނީ ކުރައްވާފައެވެ. މިބައްދަލުކުރެއްވުން އޮތީ، ބަންގްލަދޭޝްގެ ރިޔާސީގަނޑުވަރު ގައެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ފައިޞަލް ނަސީމް ވަނީ، ބަންގްލަދޭޝްގެ އައު ރައީސްގެ މަޤާމާއި މުޙައްމަދު ޝަހާބުއްދީން ހަވާލުވެވަޑައިގެންވުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ތަޙްނިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް 45 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.